އދ. ދިއްދޫ

ދިއްދޫގައި ރޯހައުސްތައް އެޅުމަށް ތައްޔާރުވެއްޖެ

Sep 22, 2022
1

ހއ. ދިއްދޫގައި ސަރުކާރުން އަޅަން ނިންމާފައިވާ 75 ރޯހައުސް އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފި އެވެ.

ފަސްހާހަށް ވުރެ ބޮޑު އާބާދީއެއް އޮތް ދިއްދޫގައި 75 ރޯހައުސް އެޅުމަށް މިދިޔަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ސަރުކާރުން ހަވާލުކޮށްފައިވަނީ އެސްޖޭ ކޮސްޓްރަކްޝަނަށެވެ.

އެސްޖޭ އިން ބުނީ ދިއްދޫގައި 75 ރޯހައުސް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނާއި އެކު އެޑްވާންސް ޓީމު މިހާރު އެރަށަށް ގޮސްފައިވާ ކަމަށެވެ.

"ކުރެހުން ފާސްވުމުން ކަޑަޖަހައި ފައުންޑޭޝަނަށް ކޮނުމުގެ މަސައްކަތް ފެށިގެންދާނެ." އެސްޖޭ ކުންފުނިން ބުންޏެވެ.

އެސްޖޭ އިން އަމިއްލައަށް ހައުސިން ޔުނިޓްތައް ޑިޒައިންކޮށް އަދި އިމާރާތް ކުރާ ގޮތަށް ހަވާލުކޮށްފައިވާ މިމަޝްރޫއު އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ. މަޝްރޫއުގެ އަގަކީ 120.4 މިލިއަން ރުފިޔާ އެވެ.

މިމަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިންނެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ދިއްދޫގައި އަޅަނީ ދެ ބުރިއަށް އިމާރާތް ކުރާ 700 އަކަފޫޓުގެ 75 ރޯހައުސް ކަމަށެވެ. އަދި ކޮންމެ ރޯހައުސްއެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހިމެނެ އެވެ.

މީގެއިތުރުން ރޯހައުސްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ރޯހައުސްތައް ވަށައިގެން އަލި ކުރެވޭނެ ކަމަށާއި އަދި މުނިފޫހިފިލުވާލުމަށް ޕާކަކާއި އަދި ވެހިކަލް ޕާކް ކުރުމަށްވެސް ހާއްސަ ތަނެއް ހެދުމަށް ނިންމާފައިވެ އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި އަތޮޅު ތަކުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ.

ސަރުކާރުން ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ރަށްތަކުގެ ތެރެއިން ދިއްދޫ އަކީ އެ މަސައްކަތް ބަޔަކާ ހަވާލުކުރި ހަވަނަ ރަށެވެ.