ހަބަރު

ޖޭއެސްސީއިން ރިޒާ ވަކިކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާ މެމްބަރު ކަމުން ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވަކި ކުރުމަށް ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވައިކަރަދޫ ދާާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ރިޒާގެ އިތުބާރު ނެތް މައްސާލައާ ގުޅިގެން މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ރިޒާ ވަކި ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 42 މެންބަރުންނެވެ. އަދި ރިޒާ ވަކި ކުރަން ނުފެންނަ ކަމަށް 24 މެންބަރުން ވޯޓު ދެއްވި އިރު އެއް މެންބަރަކު ނިންމެވީ ވަކި ގޮތަކަށް ވޯޓު ނުދޭށެވެ.

ރިޒާއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ޖޭއެސްސީއަށް މަޖިލީހުން ރިޒާ ކަނޑައަޅާފައިވާ އިރު، ގާނޫނު އަސާސީއާއި، ގާނޫނުން ރިޒާގެ މައްޗަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތަށް އަދާ ކުރަމުން ނުދާ ކަމަށެވެ. އެގޮތުން އަދުލު އިންސާފު ގާއިމް ކުރުމުގެ ކަންތައްތައް ހިންގުމުގައްޔާއި، ކޯޓުތަކާއި ގުޅޭ އެހެނިހެން ކަންތައްތަކުގައި، މަޖިލީހަށް ލަފާދޭން ޖެހޭ ކަމަށް ގާނޫނު އަސާސީން ލާޒިމްކޮށްފައިވާއިރު، ޝަރުއީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކާއި، ރައްޔިތުންނަށް އިންސާފު ގާއިމް ނުވާކަމުގައި ރައްޔިތުންނާއި، އދ. އާއި، މުޅި ދުނިޔެއިން ފާހަގަކޮށް، ކަންބޮޑުވަމުންދާ ކަންކަމުގައި މަޖިލީހަށް ރިޒާ ލަފާދީފައިނުވާ ކަމަށް އެމައްސަލާގައި ވަނީ ބުނެފަ އެވެ.

ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ފަނޑިޔާރުންނާއި ބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، ފިޔަވަޅުތައް އެޅުމުގައި ހަމަޔާއި އިންސާފުން އެއްކިބާވެ އެކަންކަން ކުރަމުންގެންދާކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް އެ މައްސަލާގައި ވަނީ ބުނެފަ އެވެ. އަދި ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން އަމިއްލަ ފަރާތްތަކަށް ވަކާލާތު ކޮށްދިނުމަށް ކޯޓަށް ވަޑައިގެން މަސައްކަތް ކުރަމުން ދިއުމަކީ، ސުލޫކީ ގޮތުން ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

މީގެ އިތުރުން ސަރުކާރު ހިންގާ ޕާޓީ ތަމްސީލު ކުރާ މެމްބަރެއްގެ ގޮތުގައްޔާއި، ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި، ރިޒާ ހުންނެވުމުގެ ސަބަބުން، ލިބޭ ފުރުސަތުތަކެއް ކަމަށް ގަބޫލު ކުރެވޭގޮތަށް، ސަރުކާރު ކުންފުނިތަކުގެ ވަކީލުކަން ކޯޓުތަކުގައި ކުރުމަށް އެކި ގޮތްގޮތަށް ފުރުސަތު ހޯއްދަވާ، އާދަޔާ ހިލާފު އަދަދުތަކުން ލީގަލްފީތައް ނަގަމުން ދިއުން ވަނީ އެމައްސަލާގައި ފާހަގަކޮށްފަ އެވެ، އެގޮތުން އެމްޕީއެލްގެ މައްސަލައެއްގައި ވަކާލާތު ކުރުމަށް 2.9 މިލިއަން ރުފިޔާ ނެންގެވުމަކީ އަޑިނޭގޭ ކޮރަޕްޝަންގެ އަމަލެެއްކަމަށްވެސް އެ މައްސަލާގައި ވަނީ ބުނެފަ އެވެ.

އެ މައްސަލަތަކަށް މިއަދު ރައްދު ދެއްވަމުން ރިޒާ ވިދާޅުވީ އޭނާއާ ހަވާލުކޮށްފައިވާ މައްސޫލިއްޔަތުތަށް އަދާނުކޮށްގެން އެއްވެސް ފަރާތަކުން ޝަކުވާއެއް މިއަދާހަމަޔަށް ވެސް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި މަޖިލީހުން ކަނޑައަޅާ މެމްބަރުގެ ހައިސިއްޔަތުން ހޭދަ ކުރެއްވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ޖޭއެސްސީއިން ބަލާފައިވާ އެއްވެސް މައްސަލައަކަށް ނުފޫޒެއް ފޯރުވައި، މަގާމުގެ ނާޖާއިޒު ފައިދާ ނަގައިފައިވާ ކަމަށް ވެސް އެއްވެސް ފަރާތަކުން އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާ ކަމަށް ރިޒާ ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ޖޭއެސްސީގެ ގާނޫނާއި، ގަވާއިދުގައި ވެސް އަދި ގާނޫނީ ވަކީލުން އެ މައްޗަށް އަމަލު ކުރުން ލާޒިމް އެއްވެސް ގާނޫނެއްގައި ވެސް ގަވާއިދެއްގައިވެސް، އުސޫލެއްގައިވެސް ޖޭއެސްސީގެ މެންބަރަކަށް ހުރެ ކޯޓްތަކަށް ގޮސް ގާނޫނީ ވަކީލެއްގެ ޒިންމާ އަދާކުރުމަކީ ސުލޫކީ މައްސަލައެއް ކަމެއް ބުނެފައެއް ނުވޭ. އަޅުގަނޑުގެ ހަޔާތުގެ ގިނަ ދުވަސްތަކުގައި އަޅުގަނޑު ކުރަމުން މި އަންނަ ޕްރޮފެޝަނަލް މަސައްކަތް ކަމަށްވާ، ގާނޫނީ ވަކީލުކަން ކުރުމަކީ ސުލޫކީ ގޮތުން ދަށުދަރަޖައިގެ ކަމެއް ކަމުގައި ސިފަ ކުރެވޭ ގޮތަށް އަޅުގަނޑުގެ މައްޗަށް މަޖިލީހަށް މި ހުށަހެޅުނު މައްސަލައިގައި ވިދާޅުވެފައި އޮތުމަކީ ހިނި އަންނަން ޖެހޭ ކަމެއް،" ރިޒާ ވިދާޅުވި އެވެ.

ޖޭއެސްސީގެ މަގާމުން ރިޒާ ވަކި ކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނުގައި އިންނަވާ ސީޓެއް މިހާރު ހުންނާނީ ހުސްކޮށެވެ. މަޖިލީހުން އެ މަގާމަށް އެހެން މެންބަރަކު އައްޔަން ކުރަން ޖެހެ އެވެ.