ހަބަރު

ވަޒީރުގެ ސަލާމަކުން ފެށުނު ފުރައްސާރަ، މުވައްޒަފުގެ ދުލުން!

ދާދި ފަހުން ފޮރިން މިނިސްޓްރީގެ ތެރޭގައި އަންހެން މުވައްޒަފުންތަކެއް ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވި މައްސަލަ މުޅި ރާއްޖެ މި ވަނީ ސިއްސުވާލައިފަ އެވެ. ސަބަބަކަށްވީ، ތުހުމަތުގެ އިނގިލި ސީދާ ދައުލަތުގެ ވަޒީރަކަށް އަމާޒުވީމައި އެކަންޏެއް ނޫނެވެ. އެ މައްސަލަ ވަޒީރުންގެ މަޖީލީހުގެ އިތުރަށް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހަމައަށް ގެންދެވި އެއްވެސް ފިޔަވަޅެއް އެޅިފައި ނެތުމުންނެވެ.

"އެންމެ ފުރަތަމަ ފެށުނީ ވަރަށް ޕްރޮފެޝަނަލްކޮށް ވަރަށް ނޯމަލްކޮށް، އޮފީސް ވާހަކަތައް މައިގަނޑު ގޮތެއްގައި ދެއްކީ،" ފޮރިން މިނިސްޓަރު މުހައްމަދު އާސިމްއާއެކު ބައްދަލުވުންތައް ފެށުނު ގޮތް ޝިކާރައަށްވި ތިން މުވައްޒަފުންގެ ތެރެއިން އެކަކު ހިއްސާކުރި އެވެ.

ނަން ހާމަނުކުރުމަށް އެދި "އަވަސް"އާ ވާހަކަ ދެއްކި އެ މުވައްޒަފު ބުނީ، މިނިސްޓަރާ ދެކެވުނު ވާހަކަތައް ދެން އަނބުރާލެއްވީ އޭނާގެ އަމިއްލަ ދިރިއުޅުމާ ދިމާލަށް ކަމަށެވެ.

"ދެން އަހަން ފެށީ ކޮންތާކު ހޭ އުޅެނީ، ހިނގާފަހޭ އޮފީހަށް އަންނަނީ، އެކަހަލަ ބައެއް ޕާސަނަލް ސުވާލުތައް ކުރަން ފެށީ،" މުވައްޒަފު ބުންޏެވެ.

މިނިސްޓަރުގެ ހަގީގީ ނިޔަތް އޭރު ތިލަނުވަނީސް، ރަސްމީ ދަތުރެއްގައި އެ މުވައްޒަފު މިނިސްޓަރާ އެކީ ރާއްޖޭން ބޭރަށް ދާން ހަމަޖެހުނެވެ.

އެ ދަތުރުގެ ތެރެއިން، އާސިމް މިސްރާބު ޖެއްސެވީ އެ މުވައްޒަފުގެ އިތުބާރު ހޯދުމަށް ކަމަށް، އޭނާއަށް މިހާރު ގަބޫލުކުރެވެ އެވެ.

"ދަތުރުގެ ތެރޭގައި އޮފީސް ވާހަކަ ދެއްކި، އޮފީސް ތެރޭގެ ބައެއް ސިއްރުތައް ހިއްސާކުރި، ބައެއް ސީނިއާ މުވައްޒަފުންނާ މެދު ހިތްހަމަ ނުޖެހޭ ވާހަކަ ވެސް ދެއްކި." މުވައްޒަފު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޮފީސް ތެރޭގެ ސިއްރުތައް މިނިސްޓަރު އޭނާއަށް ބަންޑުން ކުރެއްވީ، އޭނާގެ އިތުބާރު ހޯދައިގެން، އޭނާއާ އެކަހެރިކޮށް ބައްދަލުކުރުމުގެ ނިޔަތުގައި ކަމަށް މިހާރު ވިސްނޭ ކަމަށެވެ.

"އޮފީހުގައި އިންނައިރު، ވަރަށް ގިނައިން ގުޅާފަ ބުނާނެ މައްޗަށް އަންނާށޭ، ގެންގޮއްސައި އަޅުގަނޑު ގާތު އަހާނެ އެހެން މުވައްޒަފުންގެ ވާހަކަތައް، އަޅުގަނޑު ދެންނެވިން އަޅުގަނޑު މީހުންގެ ނެގެޓިވް ވާހަކަ ދައްކާ މީހެއް ނޫނޭ މިއީ، އަޅުގަނޑު މީހެއްގެ ވާހަކަ ދައްކަންޏާ ދައްކަން ބޭނުމީ އެ މީހެއްގެ ޕޮޒިޓިވް ވާހަކަ އޭ."

"އެހެން މުވައްޒަފުންގެ ވާހަކަ އަހާތީ ކުޑަކޮށް އުނދަގޫވެސް ވި، އެކަމަކު މިނިސްޓަރުގެ އެހާ އިތުބާރު ލިބުނީމަ އަޅުގަނޑު ހުރީ ވަރަށް އުފަލުން، ކޮންމެ މުވައްޒަފެއް ވެސް ބޭނުންވާނެ ކަންނޭނގެ އެންމެ އިސް މީހާ އިތުބާރު ކުރާ މީހެއްގެ ގޮތުގައި ހުންނަން."

އޭގެ ދުވަސްކޮޅެއް ފަހުން، މިނިސްޓަރާ އެކު ބޭއްވުނު އާދައިގެ ބައްދަލުވުންތައް، އެހެން މިސްރާބަކަށް އެނބުރި އެ ބަދަލުވުންތައްވީ އެ މުވައްޒަފަށް ބޮޑު ނަފްސާނީ ބިރުވެރި ކަމަކަށެވެ.

"ސަލާމް ކުރުމުން ފެށުނީ، ދެން ފިޒިކަލްވާން ފެށީމަ އަޅުގަނޑު ހުރީ ހަމަ ޝޮކެއްގައި، އަޅުގަނޑަށް ހަމަ ގަބޫލެއް ނުކުރެވުނު އެފަދަ މަގާމެއްގައި ހުރި މީހަކު، މިނިސްޓަރަކު، އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް." މުވައްޒަފު ބުންޏެވެ.

އެންމެ ފުރަތަމަ އެއްވެސް މީހެއްގެ ގާތުގައި ބުނަން ނުކެރުނީ، އެ ވާހަކަ ގަބޫލުނުކޮށްފާނެ ކަމަށް ހީކޮށް ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު އޭރު ހިތަށް އެރީ، ކާކުހޭ ގަބޫލުކުރާނީ މިނިސްޓަރަކު އެފަދަ ކަމެއް ކުރި ވާހަކަ ބުނީމަ." މުވައްޒަފު ބުންޏެވެ.

ދައުލަތުގެ ވަޒީރަކަށް އެތަކެއް ބާރާއި އިހުތިޔާރުތަކެއް ލިބިގެންވެ އެވެ. މިނިސްޓްރީގެ މުވައްޒަފަކަށް ސީދާ މިނިސްޓަރު ހާޒިރުވާން އެންގުމުން އެކަމަށް އިންކާރު ކުރުމުގެ ޖާގަ އެއް ނޯންނާނެ އެވެ.

"އޮފީހަށް [މިނިސްޓަރުގެ ކޮޓަރި] އަންނާށޭ ބުނީމަ އަޅުގަނޑު ފަހުން ނުދަން، ދެން ބިޔުރޯ ކުދިން މެދުވެރިކޮށް ބުނެގެން ވެސް އަޅުގަނޑު ގެންދޭ، ނުގޮސް ކިހިނެއްތޯ އަޅުގަނޑަށް ހުރެވޭނީ މިނިސްޓަރު އަންނާށޭ ވިދާޅުވީމަ،" އޭރު އިހުސާސްކުރެވުނު މާޔޫސްކަން އެ މުވައްޒަފު ހިއްސާކުރި އެވެ.

މިނިސްޓަރުގެ ފަރާތުން ލިބެމުން ދިޔަ ފުރައްސާރަ އާއި، އަނިޔާތަކާ ދެކޮޅަށް ހިތްވަރާއެކު އޭނާ ތެދުވާން ނިންމި އެވެ. އޭނާއާ ކުރިމަތިލާން ޖެހޭނެ ފާޑިކިޔުމާއި، އުނދަގޫތަކާއި، ތުހުމަތުތައް ރަނގަޅަށް އެނގި ހުރެ އެވެ.

ކަން ހިނގީ ވެސް އެހެން ކަމަށް އޭނާ ބުންޏެވެ. މިނިސްޓްރީގެ ބައެއް އިސްވެރިންނާ ހަމައަށް އޭނާ އެ ވާހަކަތައް ގެންދިޔަ އެވެ.

"އޭގެ ފަހުން އަޅުގަނޑަށް މެސެޖެއް ވެސް ނުކުރެ، އެކަމު ނުސީދާ ގޮތުން ވަރަށް ޕްރެޝަރުތައް އައި، އެއީ އަޅުގަނޑު އަމިއްލައަށް ކުރި ކަމެކޭ، އަޅުގަނޑުގެ އިޒުނަ ލިބިގެން ހިނގި ކަމެކޭ ކިޔައިގެން އޮފީސް ތެރޭގައި އަޑުތައް ފެތުރިގެން ދިޔަ،" ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ގިނަ އަންހެނުންނަށް ކުރިމަތިލާންޖެހޭ ގޮންޖެހުންތައް އޭނާ ވެސް ތަފްސީލު ކޮށްދިނެވެ.

އެ ވާހަކަތައް ހިއްސާކުރި މިނިސްޓްރީގެ އިސްވެރިން މުވައްޒަފުގެ ހައްގުގައި މަސައްކަތް ފެށި އެވެ. ދައުލަތުގެ އެހެން ވަޒީރުންނާ ބައްދަލުކޮށް އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަމާލުކަމަށް ގެންދިޔަ އެވެ.

ނަމަވެސް، އެތަކެއް މަހެއް ފާއިތުވެގެން ދިޔައިރު، މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. ވެރިކަން ބަދަލުވުމާއެކު އެ މައްސަލަ ސޯޝަލް މީޑިއާގައި ފެތުރުނެވެ. މިނިސްޓަރުގެ އިސްތިއުފާގެ އަޑުތައް ދަނީ ދުވަހަކަށްވުރެ ދުވަހެއް ގަދަވަމުންނެވެ.

މިހާރު އެ މައްސަލަ ވަނީ މިނިސްޓްރީގެ ކޮމިޓީއެއްގެ އިތުރުން ޖެންޑާ މިނިސްޓްރީން ވެސް ބަލަން ފަށާފަ އެވެ.
މިއީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި ވަޒީރަކާ ދެކޮޅަށް މިފަދަ މައްސަލައެއް ފެންމަތިވި ފުރަތަމަ ފަހަރެވެ. ނަމަވެސް، އެ މުވައްޒަފަށް އިންސާފު ލިބޭނެ ކަމަށް ހުދު އޭނާ ވެސް މާބޮޑު އުއްމީދެއް ނުކުރެ އެވެ. އޭނާއަށް ލިބޭ ހަމައެކަނި ހިތްހަމަޖެހުމަކީ ފުރައްސާރައާ ދެކޮޅަށް އޭނާ ކުރި މަސައްކަތެވެ. ދައުލަތުގެ ވަޒީރަކާ ދެކޮޅަށް ތެދުވަން އޭނާއަށް ލިބުނު ހިތްވަރެވެ.

"ހަގީގަތުގައި އަޅުގަނޑަށް އިންސާފު ނުލިބުނަސް، މިކަމާ ދެކޮޅަށް ތެދުވީމަ އެއީ އަޅުގަނޑަށް ލިބުނު ކާމިޔާބީގެ ގޮތުގައި އަޅުގަނޑު ދެކެނީ، އަޅުގަނޑު ބޭނުން، މިކަމުގައި މިނިސްޓްރީގެ އެތެރެއިންނާއި ބޭރުން އަޅުގަނޑަށް ހިތްވަރާއި އެހީތެރިކަން ދިން އެންމެންނަށް ޝުކުރު އަދާކުރަން."

މުވައްޒަފުގެ މި ތުހުމަތުތަކާ ގުޅިގެން މިނިސްޓަރު އާސިމްގެ ބަހެއް ހޯދުމަށް ގުޅައި މެސެޖްކޮށް ހެދި ނަމަވެސް އޭނާ ޖަވާބެއް ނުދެއްވި އެވެ. މިނިސްޓްރީގެ ސީނިއާ މުވައްޒަފަކު މީގެ ކުރިން ބުނެފައިވާ ގޮތުގައި މިނިސްޓަރު އާސިމް ވަނީ މިނިސްޓްރީގެ ތިން އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށްފަ އެވެ. އެގޮތުން އެއް އަންހެން ކުއްޖެއްގެ ޖިންސީ ގުނަންތަކުގައި ހިފާ އަދި އަނެއް ދެ މުވައްޒަފުންގެ އަތުގައި ހިފައި، ފިތައި ހެދި ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.