ފޮރިން މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުތައް އަމާޒުވެފައިވާ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާއިރު، އެ މަނިކުފާނު އޮފީހަށް ވެސް ވަޑައިނުގަންނަވާކަމަށް އެ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީގެ ސީނިއާ މުވައްޒަފަކު މީގެ ކުރިން ބުނެފައިވާ ގޮތުގައި މިނިސްޓަރު އާސިމް ވަނީ މިނިސްޓްރީގެ ތިން އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށްފަ އެވެ. އެގޮތުން އެއް އަންހެން ކުއްޖެއްގެ ޖިންސީ ގުނަންތަކުގައި ހިފާ އަދި އަނެއް ދެ މުވައްޒަފުންގެ އަތުގައި ހިފައި، ފިތައި ހެދި ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
އެކަމާއި ގުޅިގެން، މިނިސްޓްރީގެ އިސް ވެރިން ހިމެނޭގޮތަށް ޑރ. އާސިމް އިސްތިއުފާ ދެއްވުމަށް އެދެމުންދާއިރު، އެ މަނިކުފާނު އެކަމަށް ވެސް އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ.
މިއަދު "އަވަސް" އާ ވާހަކަ ދެއްކި މިނިސްޓްރީ އިސް އޮފިޝަލަކު ވިދާޅުވީ، މި ހަފްތާގައި މިނިސްޓަރު އެއްވެސް ގޮތަކަށް އޮފީހަށް ވަޑައިނުގަންނަވާ ކަމަށެވެ.
"އޮފީހަށް ވަޑައިނުގަންނަވަނީ އެކަންޏެއް ނޫން، އެއްވެސް މީހަކަށް މިނިސްޓަރާއި ނުވެސް ގުޅޭ، ފޯނަށްވެސް މެސެޖަކަށް ވެސް ޖަވާބެއް ނުދެއްވާ،" އެ އޮފިޝަލު ވިދާޅުވި އެވެ.
މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މިނިސްޓްރީގެ މުވައްޒަފުންތަކެއް މަސައްކަތް ކުރެއްވިކަމަށް ވެސް ވަނީ ހާމަވެފަ އެވެ.
މިގޮތުން، ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުރުން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ ސަމާލުކަމަށް މި މައްސަލަ ގެންދެވި، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަރިހަށްވެސް އެ މައްސަލަ ގެންދެވުނެވެ.
ނަމަވެސް، އެކަމާއި ގުޅިގެން ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު، މިހާތަނަށް ރައީސް އޮފީހުން ވެސް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
މިހާރު އެ މައްސަލަ ފޮރިން މިނިސްޓްރީގެ ކޮމިޓީއެއްގެ އިތުރުން ޖެންޑާ މިނިސްޓްރީން ވެސް އެ މައްސަލަ ބަލަމުން އަންނަ ކަމަށްވެ އެވެ.