ހަބަރު

އާސިމްގެ ޖިންސީ ގޯނާގެ މައްސަލަ އެންމެ ފަހުން ފުލުހުން ބަލަން ފަށައިފި

Dec 11, 2018
10

ފޮރިން މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށާއި މައްސަލާގެ ލިޔުންތައް ހިއްސާކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އެފަދަ މައްސަލަތައް ބަލަން ގާނޫނުން އެކުލަވާލަންޖެހޭ އެތެރޭގެ ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނީ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް މިނިސްޓްރީގެ މުވައްޒަފަކު އަށެއް ނޮވެމްބަރުގައި ހުށަހެޅި ޝަކުވާއާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖްރާއަތްތައް ފުރިހަމަކޮށްފައި ވަނިކޮށް، މި މައްސަލައަކީ ފުލުހުން މިހާރު ތަހުގީގު ކުރަމުންގެންދާ މައްސަލައެއް ކަމަށެވެ.

"... ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނުގެ 19 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މި މައްސަލައިގެ ލިޔެކިއުންތައް މިހާރު ވަނީ އެސާވިސްއާ ހަވާލުކުރެވިފަ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމާބެހޭގޮތުން މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު އިތުރު ޕްރޮގްރާމްތަކެއް ހިންގުމަށް ރޭވިފައިވާ ކަމަށެވެ.

ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުތައް އަމާޒުވެފައިވާ ކުރީގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.

މިނިސްޓްރީގެ ސީނިއާ މުވައްޒަފަކު މީގެ ކުރިން ބުނެފައިވާ ގޮތުގައި މިނިސްޓަރު އާސިމް ވަނީ މިނިސްޓްރީގެ ތިން އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށްފަ އެވެ. އެގޮތުން އެއް އަންހެން ކުއްޖެއްގެ ޖިންސީ ގުނަންތަކުގައި ހިފާ އަދި އަނެއް ދެ މުވައްޒަފުންގެ އަތުގައި ހިފައި، ފިތައި ހެދި ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

އާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރިން ވިދާޅުވެފައިވަނީ އެފަދަ މައްސަލަތައް ހުއްޓުވުމަށް މިނިސްޓްރީގެ ތެރޭގައި އިތުރު ފިޔަވަޅުތައް އަޅުއްވާނެކަމަށެވެ.