މޯލްޑިވްސް ޕޮލިސް ސާވިސް

ޖައިޝަންކަރުގެ ދަތުރުފުޅާ ދިމާކޮށް ބައެއް މަގުތައް ބަންދުކުރަނީ

އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު ރާއްޖެއަށް މާދަމާ ކުރައްވާ ދަތުރުފުޅާ ދިމާކޮށް މާލޭގެ ބައެއް މަގުތައް ބަންދު ކުރަން ނިންމައިފި އެވެ.

ފުލުހުން ބުނީ ބްރިޖު ހިމެނޭ ސަރަހައްދުން ފެށިގެން އެކުވެނި ސަރަހައްދަށް ބޮޑުތަކުރުފާނު މަގު މާދަމާ ބަންދުވާނެ ކަމަށެވެ. އެ މަގު ބަންދުކުރަނީ މެންދުރު ފަހު ދެ އަކުން ފެށިގެން އިވެންޓް ނިމެންދެނެވެ. އެ ވަގުތުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށްވެސް މަގު ބަންދުވާނެ އެވެ.

އަދި އެ ސަރަހައްދުތަކުގައި ޕާކު ކުރުމާއި ޕާކު ކޮށްފައިވާ އުޅަނދުތައް ނަގަންވެސް ފުލުހުން ވަނީ އެދިފައެވެ.

މާދަމާ ރޭ 8 ޖަހަންދެން ޓްރެކްވެސް ބަންދުވާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖައިޝަންކަރު މާދަމާ ރާއްޖެ ވަޑައިގަންނަވާ ވަކި ގަޑިއެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖަައިޝަންކަރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ބައްދަލު ކުރައްވާނެއެވެ.

މީގެ އިތުރުން މިނިސްޓަރު އޮފް ފިނޭންސް އާއި މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓަރު އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއެކު ޖޮއިންޓް މީޓިންއެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

އެކްސްޓާނަލް އެފެއާޒްގެ މި ދަތުރުފުޅުގައި އިންޑިއާ އާއި ދިވެހި ރާއްޖެއާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުނު މަޝްރޫއުތަކެއް އިފްތިތާހު ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.