ހަބަރު

މޯދީގެ ދަތުރުފުޅުގައި ގާނޫނީ އެހީގެ އެއްބަސްވުމެއްގައި ސޮއި ކުރަނީ

Jun 5, 2019
14

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހޮނިހިރު ދުވަހު ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ޖިނާއީ ތަހުގީގުތަކާއިގުޅޭ ގާނޫނީ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއި ކުރާނެކަމަށް ބެލެވޭކަމަށް އެގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ "އިކޮނޮމިކް ޓައިމްސް" ނޫހުން ބުނެފައިވާ ގޮތުގައި، އެ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ޖިނާއީ ތަހުގީގުތަކަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ތެރެއިން، ދެގައުމު ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް ފަށާފައިވާ މަސައްކަތަކަށް އިތުރު ބާރެއް ދިނުން ކަމަށެވެ.

ދެ ދުވަހަށް ކުރައްވާ ދަތުރުފުޅެއްގައި މޯދީ ރާއްޖެ ވަޑައިގަންނަވާއިރު، މިއީ ބޮޑުވަޒީރުގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ފަހުން މޯދީ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ ފުރަތަމަ ވަޑައިގެންނެވީ އިންޑިއާ އަށެވެ.

ރައީސް ސޯލިހުގެ އެ ދަތުރުފުޅުގައި ދެ ގައުމުގެ ކަމާބެހޭ އިދާރާތައް ގުޅިގެން މަސައްކަތްކުރެވޭނެ އިންތިޒާމެއްގެ ތެރެއިން އެއ ގައުމުން އަނެއް ގައުމަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އޮނިގަނޑެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރެވުނުކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ އެ ނޫހުން އިތުރަށް ބުނެފައިވެ އެވެ.

އަދި މޯދީ ދަތުރުފުޅުގެ ތެރެއިން ސޮއި ކުރެވޭ އެއްބަސްވުމުގެ ދަށުން އެ މަޝްވަރާތަކަށް ރަސްމީ ސިފައެއް ލިބިގެންދާނެކަމަށްވެސް އެ އޮފިޝަލު ވަނީ ވިދާޅުވެފަ އެވެ.

އެ އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި ޓެރަރިޒަމްއާ ގުޅުންހުރި ޖިނާއީ ކުށްތައް ހުއްޓުވުމުގެ ގޮތުން، އެ އެއްބަސްވުމުގެ ދަށުން ވުޖޫދަށް އަންނަ އޮނިގަނޑުގެ ތެރެއިން، ކުށްވެރިންނަށް ދައުވާ ކުރުމާއި، ޓެރަރިޒަމްއާ ގުޅުންހުރި މުއާމަލާތްތަކާއި ފައިސާ ހޯދުމަށް ބޭނުންވާ ގާނޫނީ އެހީތެރިކަން އެއް ގައުމުން އަނެއް ގައުމަށް ފޯރުކޮށްދެވޭނެކަމަށެވެ.

"މިއުޗުއަލް ލީގަލް އެސިސްޓަންސް ޓްރީޓީ" ގެ ނަމުގައި ދެ ގައުމުގެ މެދުގައި ހެދޭ އެއްބަސްވުމުގެ ދަށުން ޖިނާއީ ތަހުގީގުތަކަށް ބޭނުންވާ މައުލޫމާތުގެ އިތުރުން ހެއްކާއި ގަރީނާ ހޯދުމަށްވެސް އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދެ އެވެ.

ނަމަވެސް، މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މަޖިލީހުގައި އަންނަ ހޮނިހިރު ދުވަހު ތަގުރީކުރުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

މޯދީ މަޖިލީހުގައި ތަގުރީރު ކުރައްވާ ޖަލްސާ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އިރުއޮއްސި 6:45 ގައި ކަމަށް މަޖިލީހުގެ އިދާރާއިން ކުރިން ވަނީ ބުނެފަ އެވެ.

ރައީސް ސޯލިހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުން ވަނީ ބޮޑެތި އެހީތަކެއް ރާއްޖެ އަށް ދިނުމަށް އެއްބަސްވެފަ އެވެ. އެގޮތުން 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން އިންޑިއާ އިން ވަނީ ނިންމައިފަ އެވެ.