ހަބަރު

އިސް ސަފުން ހަމަހަމަ ފުރުސަތު ދިނުމުގެ ނަމޫނާ ހާރިޖިއްޔާއިން

Jun 24, 2020
3

ބޭރުގެ ބައެއް ގައުމުތަކަށް ސަފީރުން ކަނޑައެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފޮނުއްވި ފަސް ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި ނަމަ، ދިވެހި ސަފީރުންގެ ތެރޭގައި މިންތީގެ ހަމަހަމަކަން ގާއިމުވެގެންދާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެއިން ސަފީރުން ކަނޑައެޅުމަށް ފޮނުވާފައިވާ ގައުއުމުތަކުގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، ޕާކިސްތާން، ޔޫއޭއީ އަދި އިންޑިއާ އެވެ.

މީގެ އިތުރުން ރާއްޖެއިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕާރމަނަންޓް ރެޕްރެޒެންޓެޓިވް އަދި ސްވިސް ކޮންފެޑެރޭޝަނަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ވެސް ހިމެނެ އެވެ.

ސަފީރުކަމަށް އައްޔަން ކުރުމަށް ފޮނުވާފައިވާ ބޭފުޅުން

  • ޝިރުޒިމަތު ސަމީރު - ބަންގްލަދޭޝް ސަފީރުކަމަށް.
  • ފަރުޒާނާ ޒާހިރު - ޕާކިސްތާނު ސަފީރުކަމަށް.
  • އާމިނަތު ޝަބީނާ - އެކުވެރި ޢަރަބި އިމާރާތު ސަފީރުކަމަށް.
  • ޑޮކްޓަރ ހުސައިން ނިޔާޒު - އިންޑިއާ ސަފީރުކަމަށް، އަދި ނޭޕާލް، ބޫޓާން، އަފްޣާނިސްތާނަށް ކަނޑައަޅާ ނޮން- ރެސިޑެންޓް ސަފީރުކަމަށް.
  • އެމްބެސެޑާ އެޓް ލާޖް، ޑރ. އާސިމް އަހުމަދު - ޖެނީވާ އޮފީހުގެ ޕާރމަނަންޓް ރެޕްރެޒެންޓެޓިވް އަދި ސްވިސް ކޮންފެޑެރޭޝަނަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް.

ފޮރިން މިނިސްޓްރީން ބުނީ މަގާމަށް އައްޔަންކުރުމަށް މިއަދު ނަން ފޮނުއްވި ހުރިހާ ބޭފުޅުންނަކީވެސް ގިނަ އަހަރުތަކެއް ހާރިޖީ ދާއިރާގައި ހިދުމަތްކުރައްވަމުން ގެންދަވާ ކެރިއާ ޑިޕްލޮމެޓުން ކަމަށެވެ.

އަދި އަލަށް އައްޔަންކުރެވޭ ސަފީރުންނާއެކު ރާއްޖެއިން ބޭރުގައި ތިއްބަވާ ދިވެހި ސަފީރުންގެ ތެރޭގައި މިންތީގެ ހަމަހަމަކަން އުފެދިގެންދާނެ ކަމަށް މިނިސްޓްރީން އިތުރަށް ބުންޏެވެ.

"އެގޮތުން ނުވަ ބޭފުޅުންނަކީ އަންހެން ބޭފުޅުންނަށް އަދި ނުވަ ބޭފުޅުންނަކީ ފިރިހެން ބޭފުޅުންނަށް ވާނެއެވެ،" މިނިސްޓްރީން ބުނެފައިވެ އެވެ.

ދައުލަތުގެ އިސް މަގާމުތަކުގައި އަންހެނުންގެ ނިސްބަތް މަދުވުމުގެ ކަންބޮޑުވުން ޒަމާނުއްސުރެ އޮންނައިރު، ހާރިޖީ ދާއިރާއިން މި ހޯދި ތާރީހީ ކާމިޔާބީ ފޮރިން މިނިސްޓްރީ އަބްދުﷲ ޝާހިދު ވެސް ވަނީ ފާހަގަކުރައްވައިފަ އެވެ.

އެގޮތުން، މިއީ ހާރިޖީ ދާއިރާގެ ތާރީހުގައި، ބޭރުގައި ތިއްބަވާ ދިވެހި ސަފީރުންގެ ތެރޭގައި މިންތީގެ ހަމަހަމަކަން އުފެދިގެންދިއަ ފުރަތަމަ ފަހަރުކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކުރިއެރުމަށްޓަކައި، އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ބައިވެރިވުމަކީ ވަރަށްވެސް މުހިއްމުކަމެއް،" ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އަންހެން ބޭފުޅުން މިޝަންތަކުގެ އިސްވެރިންގެ ގޮތުގައި ދެން ތިއްބަވާނީ ޕާކިސްތާން، މެލޭޝިއާ، ޗައިނާ، ބަންގްލަދޭޝް، ޔޫއޭއީ، އިނގިރޭސިވިލާތް މި ގައުމުތަކަށް ކަނޑައަޅުއްވާ ސަފީރުންގެ ގޮތުގައި އާއި ޓްރިވެންޑްރަމްގައި ހުންނަ ކޮންސިއުލް ޖެނެރަލް އާއި، ނިއުޔޯކްގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބުގެ އިތުރުން ތައިލެންޑްގައި ހުންނަ ޔޫއެން އެސްކެޕް އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ ގޮތުގަ އެވެ.