ހަބަރު

ފޮރިން މިނިސްޓަރު ޖިންސީ ފުރައްސާރަކުރި މައްސަލަ ރައީސްގެ ސަމާލުކަމަށް ވެސް ގެނައި

ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އެކި ފަހަރު މަތިން އެ މިނިސްޓްރީގެ ތިން އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާކުރި މައްސަލަ ރައީސް އޮފީހުގެ ސަމާލުކަމަށް މީގެ އެތައް މަހެއް ކުރިން ގެނެސްފައިވާނެ ކަމަށް ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ މެދުތެރޭގައި ރާއްޖެއިން ބޭރަށް ކުރި ދަތުރެއްގެ ތެރެއިން ފޮރިން މިނިސްޓްރީގެ އިސްވެރިއަކު އެތަނުގެ އަންހެން މުވައްޒަފަަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ވަނީ ސޯޝަލް މީޑިއާގައި ފެންމަތިވެފަ އެވެ. އަދި އެ މައްސަލަ މީޑިއާގައި ރިޕޯޓް ކުރުމާ އެކު ފޮރިން މިނިސްޓްރީން ހަމަ އެ ދުވަހު ނޫސް ބަޔާނެއް ނެރެ ބުނެފައި ވަނީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް މިއަދު "އަވަސް"އާ ވާހަކަދެއްކެއްވި ފޮރިން މިިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެކި ފަހަރު މަތިން މިނިސްޓަރު ވަނީ ތިން އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށްފަ އެވެ.

"އެ ތިން ކުދިންނަކީ ވެސް ހަމަ ޖޫނިއާ ލެވެލްގެ މުވައްޒަފުން، އޭގެ ތެރެއިން ދެ ކުއްޖެއްގެ އަތުގައި ހިފައި، ގައިގޯޅިވާން މަސައްކަތް ކޮށްފައިވާ، ތިން ވަނަ ކުއްޖާގެ ޖިންސި ގުނަވަންތަކުގައި ހިފާ ހެދިކަމަށް އެ ކުއްޖާ ވަނީ ބަޔާންދީފައި،" އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލު އިތުރަށް ވިދާޅުވީ، މިނިސްޓްރިގެ އިސް އޮފިޝަލުންނާއި ހަމައަށް މި މައްސަލަތައް އެންމެ ފުރަތަމަ ތިލަވީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އެވެ. ނަމަވެސް، ޖިންސީ ގޯނާއާއި، ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް ތަހުގީގު ކުރުމަށް ގާނޫން ލާޒިމް ކުރާ އިންޓާނަލް ކޮމިޓީން ވަނީ "އިހުތިސޯސެއް" ނެތް ކަމަށް ބުނެ އެ މައްސަލަ ބަލަން ދެކޮޅު ހަދާފައި ކަމަށެވެ. އަދި އޭގެ ފަހުން، އެ ކޮމިޓީ ކުއްލި ގޮތަކަށް އުވާލާފައިވާކަމަށް، އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި އެއްވެސް ފިޔަވަޅެއް ނޭޅުމުން، މިނިސްޓްރީ އިސްވެރިންތަކެއް ވަނީ މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތްކޮށްފަ އެވެ. މިގޮތުން، ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުރުން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ ސަމާލުކަމަށް މި މައްސަލަ ގެންދެވުނުކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގާތު އެ ބޭފުޅުން ޔަގީންކަން ދެއްވި ރައީސްގެ ސަމާލުކަމަށް އެ މައްސަލަ ގެންދެވިފައިވާކަން، އަދި ވަރަށް އަވަހަށް އެކަމާއި ފިޔަވަޅު އަޅުއްވާނެކަމަށްވެސް އެ ބޭފުޅުން ވިދާޅުވި، އެހެންވީމަ އަސްލު އަޅުގަނޑުމެން ވެސް އެ ވާހަކަ ޕަބްލިކުގައި ނުދައްކައި ތިބީވެސް،" އޮފިޝަލު ވިދާޅުވި އެވެ.

ނަމަވެސް، މިއަދާއި ހަމައަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު، ޖިންސީ ފުރައްސާރައިގެ ޝިކާރައަށްވި ކުދިން ތިބީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

"ދެން މި މައްސަލަ އަލުން ފެންމަތިވުމުން، ކުއްލިއަކަށް ސާކިއުލާއެއް ނެރުނީ ކުރިން އުވާލި ކޮމިޓީ މިދިޔަ މެއި މަހުން ފެށިގެން އެކުލަވާލެވިފައިވާ ގޮތޭ ކިޔާފަ، އެކަމަކު އެ ކޮމިޓީގައި ތިބި އެއްވެސް މީހަކަށް ވެސް ނޭނގޭ ކޮމިޓީއަށްލީ ކަމެއް ވެސް،" އޭނާ ވިދާޅުވި އެވެ.

"މިހާރު މިނިސްޓަރު އައްޔަނުކޮށްފައި ތިބި ބައެއް ސިޔާސީ ބޭފުޅުން އެބަ އުޅޭ އެ ވާހަކަ އަނބުރާލަން، އެއީ އެކުދިންގެ ރުހުމުގައި ހިނގިކަމެއްގެ ގޮތުގައި ވެސް ދައްކަން."

މިނިސްޓްރީގެ އިސްވެރިންތަކެއް މި މައްސަލައާއި ގުޅިގެން މިނިސްޓަރާއި ސިދާ ސުވާލުކުރުމުން އެއްވެސް ޖަވާބެއް ނުދެއްވިކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

"ހަމަ އެއްވެސް އެއްޗެއް ވިދާޅެއްނުވެ، އިސް އޮފިޝަލުންގެ ވައިބާ ގްރޫޕުތަކުގައި ވެސް ސީދާ މިނިސްޓަރާއި ސުވާލުކުރުމުން ވެސް އެއަށް ޖަވާބެއް ނުދެއްވި، ދެން ކުރިން ދުވަހު އިސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން، ސުވާލުކުރީމަ ވެސް އަޅައެއް ނުލެއްވި، އެންމެ ކުޑަމިނުން އެކަމަށް އިންކާރުވެސް ނުކުރެއްވި،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި، މިހާރު އެކުލަވާލާފައިވާ ކޮމިޓީގެ އިތުރުން ޖެންޑާ މިނިސްޓްރީއަށް ވެސް މިހާރު ރަސްމީކޮށް މައްސަލަ ހުށަހެޅިފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެފަރާތްތަކުން ބުނެފައިވާކަމަށެވެ.