ހަބަރު

މާލެ، ވިލިމާލެ ގުޅާލުމުގެ ޑިޒައިންތަކާއި ދިރާސާތައް ވަނީ ނިމިފައި: މުއިއްޒު

މާލެ، ވިލިމާލެ، ތިލަަފުށި އަދި ގުޅީފަޅު ބްރިޖަކުން ގުޅުވާލުމަށް ހަދަަންޖެހޭ ހުރިހާ ފީސިބިލިޓީތަކާއި ކޮންސެޕްޓް ޑިޒައިންތައް ހަދާނިމި އެމަސައްކަތް ގާތްގަނޑަކަށް ފެށުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އަބުދުﷲ ޔާމީން ތަރައްގީ ކުރަން ނިންމާފައިވާ ވިލިމާލެ ދޭއްގެ މަޝްރޫއުގެ ދަށުން ގުޅީފަޅާއި ފުށިދިއްގަރު ފަޅު ގުޅުވާލައިގެން ތަރައްގީ ކުރާ މަޝްރޫއަކީ 86 މިލިއަން ޑޮލަރު (1.3 ބިލިއަން) ރުފިޔާގެ މަޝްރޫއެއް ކަމަށް ކުރިން ވިދާޅުވެފައިވީ ނަމަވެސް، މިހާރު އެ މަޝްރޫއަށް 400 މިލިއަން ޑޮލަރަށް ވުރެ މަތިން ހަރަދުވާނެކަމަށް ލަފާކުރެވެ އެވެ. އެ މަޝްރޫއުގެ ދަށުން ތަރައްގީކޮށް ރާއްޖޭގައި 18 އަހަރު ފުރޭ ކޮންމެ މީހަކަށް ގޯތި ދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވައުދުވެ ވަޑައިގެންނެވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، މާލެ ސަރަހައްދު ބްރިޖުން ގުޅުވާލުމަށް ހަދަންޖެހޭ ހުރިހާ ސާވޭއެއް ހަދައި ނިންމަވާފައިވާ ކަމަށާއި އެމަސައްކަތް ފެށުމަށް މިހާރު އޮތީ ތައްޔާރަށް ކަމަށެވެ.

"މާލެއިން ވިލިނގިއްޔަށް، ވިލިނގިލިން ގުޅުފަޅަށް، ގުޅިފަޅުން ތިލަފުއްޓަށް ބްރިޖްތަކުން ގުޅުވާލުމަށްޓަކައި ހަދަަންޖެހޭ ހުރިހާ ފީސިބިލިޓީތަކާއި ކޮންސެޕްޓް ޑިޒައިންތައް ހަދާނިމި، އޭޑީބީގެ އެހީގައި އޭގެ ރިޕޯޓްހަދަނިމި އެކަން އެވަނީ ތައްޔާރުވެފަ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީިން ވިލިމާލޭގެ މަޝްރޫއު އިއުލާން ކޮށްފައިވާ ބްރިޖްތަކާއި ބްރިޖްތަކުގެ ދޭތެރޭގައި އަޅަންޖެހޭ މަގުތަކާއި ހުރިހާއެއްޗެއްގެ ޑިޒައިންތަކުގެ ފީސިބިލިޓީތައް ކަލްކިއުލޭޓްކޮށް ނިންމާފައިވާ ކަމަށެވެ.

"ކޮންމެ ދެރަށެއް ދޭތެރޭ ކަނޑުގެ ފުންމިނުގެ ހުރިހާ ޑީޓެއިލްތަކާއި ސާވޭތަކުގެ މައުލޫމާތު ވަނީ އެއްކޮށްފަ، އެހެންވީމަ ވަރަށް ބޮޑު މަސައްކަތްތަކެއް ރައީސް ޔާމީން މިވަނީ މި ތިން ރަށް ގުޅުވާލުމުގެ ބިޔަ މަޝްރޫއުގެ ނިންމަވާފަ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 400 މިލިއަން ޑޮލަރަށްވުރެ މަތިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ސީދާ އަގު ދަންނަވަން މިވަގުތު ދަތި ކަމަށެވެ.

"އެއީ މާލެއިން ވިލިނގިލިއްޔަށް، ވިލިނގިލިން ގުޅީފަޅަށް، އަދި ގުޅީފަޅުން ތިލަފުއްތަށް. ވިލިނގިލި ހުރަސްކޮށް މަގެއްވެސް އަންނާނެ، ގުޅީފަޅުގެ އަރިމަތިންވެސް މަގެއް ދާނެ، ތިލަފުށީގައިވެސް ކޮޅުން ފެށިގެން އަނެއް ކޮޅަށް މަގެއްވެސް އިނދޭ، ތިން ބުރިޖާއި ހުރިހާ މަގުތަކެއް އެކުލެވޭގޮތަށް އަޅުގަނޑު ހަނދާންވަނީ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރަށްވުރެ
ބޮޑުވާނޭ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އުންމީދު ކުރަނީ ރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުން ގެނެސްދިނުމަށްޓަކައި މިރަށްތައް ގުޅުވާލުމަށް ރައީސް ޔާމީން ނިންމަވާފައިވާ ކަންތައްތައް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ. އެކަމަކީ ރައީސް ޔާމީން ކުރައްވަން ނިންމަވާފައިވާ މަސައްކަތެއް ނަމަވެސް އެކަމަކީ ރައްޔިތުންނަށް ފައިދާހުރި ކަމަކަށްވާތީވެ، އެކަން ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެމަޝްރޫއާ ގުޅޭގޮތުން މިނިސްޓަރު ވެސް އަދި ރައީސް ޔާމީންވެސް މާބޮޑު ތަފްސީލެއް މީގެ ކުރިން ދެއްވާފައެއް ނުވެ
އެވެ.