ގެދޮރު އިމާރާތްކުރަން ފަސް ޕަސެންޓްގެ ޕްރޮފިޓް މާޖިނެއްގައި ލޯނު ދޫކުރާ "ހިޔާވަހި ފައިނޭންސިން ސްކީމު" އިފްތިތާހުކޮށްފި އެވެ.
މި ސްކީމު އިފްތިތާހުކޮށް ދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ޖުމްލަ އެއް ބިލިއަން ރުފިޔާގެ ފަންޑްއަކާއެކު ހިންގާ މި ސްކީމްގެ ދަށުން ތިން ބާވަތެއްގެ ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ސްކީމް ކުރިއަށް ގެންދަނީ ރާއްޖޭގެ ތިން ބޭންކަކާ ގުޅިގެންނެވެ.
ހިޔާވަހި ފައިނޭންސިން ސްކީމުގެ ތަފުސީލު
ހިޔާވަހި ރަށްވެހި
އަތޮޅު ތެރޭގައި ހުރި ގެތައް އިމާރާތްކުރަން ދޫކުރާ މި ލޯނަށް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެ އެވެ. 25 އަހަރުން އަނބުރާ ދައްކާ ގޮތަށް ދޫކުރާ މި ލޯނަކީ ފަސް ޕަސެންޓް އިންޓަރެސްޓްގައި ދޫކުރާ ލޯނެކެވެ.
މި ލޯނު ދޫކުރާނީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުންނެވެ.
ހިޔާވަހި ސަހަރު
އާބަން ސެންޓަރުތަކުގައި ގެތައް އިމާރާތްކުރަން މި ސްކީމްގެ ދަށުން ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ. ފަސް ޕަސެންޓް އިންޓަރެސްޓްގައި ދޫކުރާ މި ލޯނު އަނބުރާ ދައްކަން 25 އަހަރު ލިބޭނެ އެވެ.
މި ލޯނު ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށެވެ.
ހިޔާވަހި ފުރަމާލެ
މި ސްކީމްގެ ދަށުން މާލެ ސަރަހައްދުގައި ގެދޮރު އިމާރާތްކުރަން ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ. 600 އަކަފޫޓަށްވުރެ ކުދި ބިންތައް އެއްކޮށްލައިގެން ގެ އިމާރާތްކުރަން ލޯނު ދޫކުރާއިރު އިތުރުކުރާ ކޮންމެ ބިމަކަށް އެއް މިލިއަން ރުފިޔާ ލިބޭނެ އެވެ. މި ގޮތުން ޖުމްލަ ދޫކުރާނީ 10 މިލިއަން ރުފިޔާ އެވެ.
މާލެ ސަރަހައްދުގައި ގެދޮރު ހަދަން ދޫކުރާ ލޯނަށް 10 ޕަސެންޓްގެ އިކުއިޓީއެއް ނަގާއިރު މިއީވެސް ފަސް ޕަސެންޓް އިންޓްރެސްޓްގައި 25 އަހަރުން އަނބުރާ ދައްކާ ގޮތަށް ދޫކުރާ ލޯނެކެވެ.
މި ލޯނުވެސް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށެވެ.
ގެދޮރު އިމާރާތްކުރުމަށް ލޯނު ސްކީމެއް ތައާރަފުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.