ހަބަރު

މި ސަރުކާރުން ހައުސިންގެ މަޝްރޫއުތަކަށް 11.6 ބިލިއަން ރުފިޔާ ހަރަދުކުރި

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ސަރުކާރުން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހައުސިން މިނިސްޓްރީން 11.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު މި ސަރުކާރުން ވަރަށް ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ ކަމަށާއި މި ސަރުކާރުން ދައްކުވައިދީފައިވަނީ ނަމޫނާއެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި 82 ރަށެއްގެ ބަނދަރު ހަދާ ނިންމާފައިވާ ކަމަށާއި 26 ރަށެއްގައި ފަޅު ފުން ކުރުމާއި ނެރު ފުން ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. 19 މަގުހަދައި ނިމިފައިވާ ކަމަށާއި އެއީ 81 ކިލޯމީޓަރުގެ މަގު ހަދާ ނިމިފައިވާ ކަމަށެވެ. އަދި 13 ރަށެއްގެ ބިން ހިއްކާ ނިމިފައިވާ ކަމަށާއި މި މޝްރޫއުތަކަކީ ހައުސިން މިނިސްޓްރީން ހިންގި މަޝްރޫއުތައް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ނިމިގެންދިޔަ މަޝްރޫއުތަކުގެ ހަރަދަށް ބަލާއިރުގައި އިންފްރާ ސްޓްރަކްޗާ މަޝްރޫއުތަކަށް 7.7 ބިިލިއަން ދިވެހި ރުފިޔާ މި މިނިސްޓްރީން އެކަނި މިވަނީ މަޝްރޫއުތަކަށް ދިވެހި ރައްޔިތުންނަށް ހަަރަދުކުރައްވާފަ، ބޯހިޔާވަހިކަމަށް 3.9 ބިލިއަން ރުފިޔާ މިވަނީ މި މިނިސްޓްރީން އެކަނި ހަރަދު ކުރެވިފަ، ޖުމްލަ 11.6 ބިލިއަން ރުފިޔާގެ ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިވަނީ މި މިނިސްޓްރީ މެދުވެރިކޮށް ނިންމަވާފަ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، 11.6 ބިލިއަން ރުފިޔާއަކީ ރާއްޖޭގެ ބަޖެޓަށް ބަލާއިރު ވެސް 60 ޕަސެންޓަށްވުރެ ބޮޑު އަދަދެއް ކަމަށާއި އެކަމުން ވެސް ދޭހަވަނީ ތަރައްގީގެ މަސައްކަތްތަކަށް ރައީސް ޔާމީން ދެއްވި އަހަންމިއްޔަތުކަން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު 21 ބަނދަރެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ނަމަވެސް ބައެއް މަޝްރޫއުތައް ބަޖެޓްތަކުގައި ހިމަނާފައިނުވާ ކަމަށެވެ. އަށް ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ބިން ހިއްކުމުގެ ދެ މަޝްރޫއެއް ވެސް ކުރިއަށްދާ ކަމަށެވެ. އަދި ފަސް ރަށެއްގައި ޖެޓީ ހެދުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.