ހަބަރު

މެންބަރު މުބީން އާއި އަހުމަދު ރަޝީދު ޖޭޕީއަށް ސޮއިކޮށްފި

Nov 15, 2018
2

ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން އާއި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ޖުމްހޫރީ ޕާޓީ، ޖޭޕީއަށް މިއަދު ސޮއި ކުރައްވައިފި އެވެ.

މުބީން މަޖިލީހަށް އިންތިހާބުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގަ އެވެ. ޕީޕީއެމްއަށް މެންބަރުންތަކެއް ގެންދިޔަ ދުވަސްވަރު މުބީން ޖުމްހޫރީ ޕާޓީއިން ވަކިވެ، ޕީޕީއެމްއާ ގުޅުނީ އެވެ. މުބީން ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ކެމްޕެއިން ކުރައްވާފަ އެވެ.

ނަމަވެސް އިންތިހާބުގައި ރައީސް ޔާމީނަށް ނާކާމިޔާބުވި ހިސާބުން މުބީން ގެންދަވަނީ ޕީޕީއެމްގެ ބައެއް ނިންމުންތަކަށް ފާޑުވިދާޅުވަމުންނެވެ.

މުބީން ވިދާޅުވި ގޮތުގައި އޭނާގެ ދާއިރާ ރައްޔިތުން ޖުމްހޫރީ ޕާޓީ ވަރަށް ބޮޑަށް ބަލައިގަނެ ކަމަށާއި އަލުން ޖުމްހޫރީ ޕާޓީއާ ގުޅުނީ ދާއިރާގެ ރައްޔިތުން ވެސް އެގޮތް ބޭނުންވާތީ ކަމަށެވެ. އޭނާއަށް މިއަދު އިހްސާސް ކުރެވުނީ އަމިއްލައަށް ގެއަށް އެނބުރި އާދެވުމުގެ އިހްސާސް ކަމަށް ވެސް ވިދާޅުވި އެވެ.

މެންބަރު އަހުމަދު ރަޝީދު ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީއަކީ މިވަގުތު އެންމެ ހަރުދަނާ، ހިންގުތެރި ލީޑަރު ހުންނެވި ޕާޓީ އެވެ. އެހެންވެ އޭނާގެ ދާއިރާއަށް އިތުރު ތަރައްގީ ގެންނަން އެންމެ ރަނގަޅު ގޮތަކީ ޖުމްހޫރީ ޕާޓީއާ ގުޅުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އަހުމަދު ރަޝީދު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވީ ސިޔާސީ ޕާޓީއެއް ވިއްޔާ ކޮންމެ މީހަކަށް ވެސް މަރުހަބާ ކިޔުމުގެ ހިތްވަރު ހުންނަން ޖެހޭނެ ކަމަށެވެ. ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށް ވެސް ލިބެން ޖެހޭ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ކޮންމެ މީހަކަށް ވެސް މަރުހަބާ ކިޔާ އިހްލާސްތެރި މަސައްކަތްތަކެއް ކުރާ ޕާޓީއެއް ކަމަށެވެ.