ހަބަރު

މާދަމާރޭގެ 12ގެ ކުރިން ފްލެޓް ލިބުނު އެންމެންނަށް ލިޔުން ދެނީ

ސަރުކަރުން ހިންގާ "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކަށް އެކަމުގެ ލިޔުން މާދަމާރޭގެ ދަންވަރު 12:00 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ފްލެޓް ލިބޭ ދާއިމީ ލިސްޓްގައިވާ ފަރާތްތައް އާންމުކުރެވި އެފަރާތްތަކަށް ލިޔުން ހަވާލުކުރަމުންގެންދާ ކަމަށެވެ. ބާކީހުރި ފަރާތްތަކަށް މާދަމާރޭގެ 12:00 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދާއިމީ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކަށް ރަސްމީ ލިޔުން ހަވާލުކުރަމުން މިދަނީ، ވަޑައިގަންނަވަމުން ދާވަރަކަށް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ، ނޮވެމްބަރު 16ގައި ދަންވަރު 12:00 އާ ހަމައަށް އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ދާނީ، އެއަށްވުރެ ލަހުން އަޅުގަނޑުމެންގެ އެއްވެސް މަސައްކަތެއް ނުކުރާނަން، އެހާތަނަށް ދަންދެން ހަވާލުކުރެވުނު އެއްޗެއް ހަވާލު ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ސިވިލް ސާވިސް މުއައްޒަފުންގެ ތެރެއިން ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓް އޮފީސްތަކަށް މިއަދު ފޮނުވާނެ ކަމަށާއި އެލިސްޓާއެކު ފްލެޓް ލިބުނުކަމުގެ ލިޔުންވެސް ފޮނުވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު ވެސް އެ ދެ މުއައްސަސާ އަށް މިއަދު ފޮނުވާނެ ކަމަށެވެ. އަދި ޓާޓާ އާއި ގުޅިފަޅުން ފްލެޓް ނުލިބުނު ފަރާތްތަކަށް ހިޔާ މަޝްރޫއުން ކަނޑައެޅި ފްލެޓްތައް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އަލަތު ކައިވެނީގެ ކެޓަގަރީގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓް މިއަދު ގެޒެޓް ކުރައްވާނެ ކަމަށެވެ. އަލަތު ކައިވެނި ކެޓަގަރީއަށް ފޯމް ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދޭން ވަނީ ނިންމާފަ އެވެ.

"އަލަތު ކައިވެނީގެ ކެޓަގަރީ ވެސް ދާއިމީ ލިސްޓު މިއަދު އިއުލާން ކުރާނަން، ވަގުތު އޮވެއްޖިއްޔާ، އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ ދެ ވަނަ ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ލިއުންތަކުގެ ލިޔުން ވެސް ހަވާލުކުރަން،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ހުޅުމާލޭގައި ގާއިމްކުރާ ތިން ކޮޓަރީގެ ފްލެޓްތަކަށްވެސް ހުޅުވާލަން ބޭނުންވާ ކަމަށާއި ނަމަވެސް އެކަމަށް މިހާރު ވަގުތު ނެތުމުން ކުރެވެންނެތް ކަމަށެވެ. އަދި އަންނަ ސަރުކާރުންވެސް އެކަންކަން ރަނގަޅަށް ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ފްލެޓް ބެހުމުގެ މަސައްކަތް ކުރައްވާފައިވަނީ ވަރަށް އިހުލާސްތެރިކަމާއެކު ކަމަށާއި އެކަމާމެދު އެއްވެސް ޝައްކެއް ނުކުރެވޭނެ ކަމަށެވެ.