ބޮލީވުޑް

ކައިވެނީގެ ފޮޓޯ، ދީޕިކާ އާއި ރަންވީރު އާންމުކޮށްފި

Nov 15, 2018
1

އިޓަލީގައި ވަރަށް ސިއްރުން ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ދީޕިކާ ޕަދްކޯން އާއި ރަންވީރު ސިންހް ކުރި ކައިވެނީގެ ފޮޓޯތައް އެ ދެ ތަރިން މިރޭ އާންމުކޮށްފި އެވެ.

މިރޭ ރަންވީރު އިންސްޓަގްރާމް އަދި ޓްވިޓާގައި ކެޕްޝަންގައި ހިތެއް ޖެހުމަށްފަހު ދީޕިކާއާ ކައިވެނިކުރަނިކޮށް ނަގާފައިވާ ދެ ފޮޓޯއެއް ވަނީ އާންމުކޮށްފަ އެވެ. ހަމައެކުއެކީގައި ދީޕިކާ ވެސް ވަނީ އިންސްޓަގްރާމާއި ޓްވިޓާގައި ހިތެއް ކެޕްޝަންގައި ޖެހުމަށްފަހު ހަމަ އެ ދެ ފޮޓޯ ޕޯސްޓްކޮށްފަ އެވެ.

ރަންވީރާއި ދީޕިކާގެ ކައިވެނީގެ ރަސްމިއްޔާތުގައި ކުރިއަށް ގެންދިޔައީ ދެކުނު އިންޑިއާގެ ސަގާފަތަށެވެ. އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުން ދީޕިކާ އާއި ރަންވީރު ވެސް ކައިވެނީގެ ހެދުން އިހްތިޔާރުކޮށްފައިވަނީ އެ ސަގާފަތާ ގުޅޭ ގޮތަށެވެ.

ރަންވީރާއި ދީޕިކާ ކައިވެނިކޮށްފައިވަނީ އިއްޔެ އެވެ. އެއީ އެ ދެ ތަރިންގެ ފުރަތަމަ ފިލްމް ކަމަށްވާ "ރާމްލީލާ"ގެ ސެޓުން އެ ދެ ތަރިން ބައްދަލުވިތާ ފަސް އަހަރު ފުރުނު ދުވަހެވެ.

ދީޕިކާ މީގެކުރިން ވަނީ ބޮލީވުޑްގެ އެންމެ މަޝްހޫރު ޒުވާން ތަރި ކަމަށްވާ ރަންބީރު ކަޕޫރާ ލޯބީގެ ގޮތުން ގުޅިފަ އެވެ. ރަންބީރާ ޖެހުނު މައްސަލައެއްގައި އެ ގުޅުން ނިންމާލީ އެވެ. އޭގެފަހުން ދީޕިކާ ގުޅުނީ ރަންވީރާ އެވެ. ރަންވީރާއި ރަންބީރާ ދެމެދު ވެސް އެކުވެރިކަމުގެ ގުޅުން އޮވެ އެވެ. އަދި ދީޕިކާ އާއި ރަންބީރު ވެސް އެކުގައި ފެނެ އެވެ. ރުޅިވި ފަހުން ވެސް އެކީގައި ފިލްމެއް ކުޅެފައިވެ އެވެ. ރަންބީރު މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އާލިއާ ބަޓާ އެވެ.

ރަންވީރު ވަނީ މީގެކުރިން ބަތަލާ އަނުޝްކާ ޝަރުމާއާ ލޯބީގެ ގޮތުން ގުޅިފަ އެވެ. ރަންވީރާ ރުޅިވުމަށްފަހު އަނުޝްކާ ވަނީ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާ ލޯބީގެ ގޮތުން ގުޅި، އޭނާއާ ކައިވެނިކޮށްފަ އެވެ. އަނުޝްކާ އާއި ވިރާޓް ވެސް ކައިވެނިކުރީ އިޓަލީގަ އެވެ.

މިއަހަރު ކުރީކޮޅު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރް ވެސް ކައިވެނިކޮށްފައިވެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޕްރިޔަންކާ ޗޯޕްރާ ވެސް ކައިވެނިކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.