ބޮލީވުޑް

ދީޕިކާގެ ފިލްމުތައް ޝާހްރުކް، ރިތިކް އަދި ޕްރަބާސް އާއެކު

ބޮލީވުޑްގައި މިހާރު ހުރި އެންމެ އަގު ބޮޑު އަދި އެންމެ ބިޒީ ބަތަލާ އަކީ ދީޕިކާ ޕަދުކޯން އެވެ. މިހާރު ދީޕިކާ ސޮއި ކޮށްފައިވާ ފަސް ފިލްމެއް އޮތްއިރު މީގެ ތެރެއިން ގިނަ ފިލްމުތަކަކީ އެންމެ މަޝްހޫޜު އެކްޓަރުނާއެކު ކުޅޭ ބޮޑު ބަޖެޓުތަކަކުން އުފައްދާ ފިލްމުތަކެވެ. ދާދި ފަހުން ފެމިނާ މެގެޒިންއަށް ދިން އިންޓަވިއު އެއްގައި ދީޕިކާ ވަނީ އެ ފިލްމުތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ.

އެގޮތުން ޝާހްރުކް ޚާނާއެކު "ޕަޓާން"ގައި ބައިވެރިވާ ކަން ދީޕިކާ ވަނީ ޔަގީންކޮށްދީފަ އެވެ. މި ފިލްމު ރަސްމީކޮށް އަދި އިއުލާނެއް ނުކުރެ އެވެ. އަދި ޝާހްރުކް ވެސް "ޕަޓާން" ކުޅޭ ކަމަކަށް އަދި މީޑިއާގައި އެއްބަހެއް ނުވެ އެވެ. ނަމަވެސް މި ފިލްމުގެ މަސައްކަތް ކުރިޔަށްދާކަން ދީޕިކާގެ ވާހަކައިން މިހާރު ވަނީ ޔަގީން ކުރެވިފަ އެވެ. ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމުގައި ނުބައިބައި ކުޅެނީ ޖޯން އަބްރަހަމް އެވެ.

ދީޕިކާ ބުނި ގޮތުގައި "މަހާބާރަތާ" ކިޔާ ފިލްމަކާއި ޝަކުން ބަޓްރާގެ އާ ފިލްމުގެ މަސައްކަތް ވެސް އޭނާ ވަނީ ފަށާފަ އެވެ.

"ޝަކުން ބަޓްރާގެ ފިލްމަކީ އާއިލީ ގުޅުންތަކުގައި ޖެހޭ މައްސަލަތަކެއް ދައްކުވައިދޭ ފިލްމެއް. މީގެ ކުރިން އިންޑިއާގެ ސިނަމާއިން ނުފެންނަ ކަހަލަ ވާހަކަތަކެއް މި ފިލްމުގައި ދައްކާނެ. ޝާހްރުކާއެކު ކުޅޭ 'ޕަޓާން' ވެސް އެބަ އޮތް. އެއީ އެކްޝަން ފިލްމެއް. ދެން އޮތީ ޕްރަބާސް އާއެކު ކުޅޭ ނާގް އަޝްވިންގެ މަލްޓިލިންގުއަލް ފިލްމެއް،" ކުޅޭ ފިލްމުތަކުގެ ތަފްސީލު ދެމުން ދީޕިކާ ބުންޏެވެ.

ދީޕިކާ އިތުރަށް ކިޔައިދިން ގޮތުގައި ހޮލީވުޑް ފިލްމު "ދި އިންޓާން"ގެ ހިންދީ ރިމޭކް ވެސް އޭނާ ކުޅެން ވަނީ ހަމަޖެހިފަ އެވެ. ކުރިން މި ފިލްމުގައި ދީޕިކާ އާއެކު މަސައްކަތްކުރަން ހަމަޖެހިފައި އޮތީ ރިޝީ ކަޕޫރެވެ. ނަމަވެސް ރިޝީ މަރުވުމުން ފިލްމަށް އިތުރު އެކްޓަރުން ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ދީޕިކާ ބުންޏެވެ.

މި ފަސް ފިލްމުގެ ތެރެއިން އޭނާގެ ފޭވަރިޓަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލުކުރުމުން ދީޕިކާ ބުނީ އެއީ ޖަވާބު ދޭން ވަރަށް އުނދަގޫ ސުވާލެއް ކަމަށެވެ.

"ތިއީ ފަސް ދަރިން ތިބި މީހެއް ކައިރީގައި އޭނާއަށް އެންމެ ފޭވަރިޓް ދަރިއަކު ޚިޔާރުކުރަން ބުނުން ކަހަލަ ކަމެއް. ހުރިހާ ފިލްމެއް ވެސް އަހަންނަށް ހަމަ ވަރަށް މަގްބޫލު. އަހަރެން ފިލްމެއް ކުޅެން ސޮއިކުރަނީ އެއީ އަހަރެން ކުޅެން ބޭނުންވާ ފިލްމެއް ކަމަށް ހިތް ބުނާ ފިލްމުތައް. އަދި އެ ފިލްމެއްގައި އަހަރެންގެ ކެރެކްޓާއަށް ކުރެވޭނެ ޚާއްސަ ކަންކަން ހުންނަ ފިލްމުތައް. އެއީ ކޮންމެހެން ރާވައިގެން ކުރާ ކަމެއް ނޫނެވެ. މިސާލަކަށް 2013 ގައި މީހަކު އަހަރެން ކައިރީ އަހަރަކު ހަތަރު ފަސް ފިލްމު ކުޅެފާނަންތޯ އަހައިފިނަމަ އަހަންނަކަށް ނޭނގޭނެ ދޭނެ ޖަވާބެއް. އެކަމަކު މިހާރު އެހާ ފިލްމުގައި އެބަ މަސައްކަތް ކުރެވޭ،" ދީޕިކާ ބުންޏެވެ.