ފިނިޕޭޖް

"ސަންކީ"ގައި ޝާހްރުކާއި ދީޕިކާ

ދެ އަހަރަށް ވުރެ ގިނަ ދުވަހު ފިލްމީ މަސައްކަތާ ދުރުގައި ހުރުމަށް ފަހު ޝާހްރުކް ޚާން ފިލްމީ މަސައްކަތަށް އެނބުރި އަންނަ ފިލްމަކީ ޔާޝްރާޖް ފިލްމްސްގެ "ޕަޓާން" ކަން މިހާރު ވަނީ ޔަގީންވެފަ އެވެ. މި ފިލްމުގެ އިތުރަށް އެހެން ފިލްމެއް ކުޅެން ޝާހްރުކް މިހާރު ސޮއި ކޮށްފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން އާދީއްތަ ދުވަހު ވަނީ ބުނެފަ އެވެ. އެއީ ތަމަޅަ ޑައިރެކްޓަރެއް ކަމަށްވާ އަޓްލީ އުފައްދާ ފިލްމެއް ކަމަށްވާ "ސަންކީ" އެވެ.

މި ފިލްމުގައި ޝާހްރުކް ރޮމޭންސް ކުރާނީ ދީޕިކާ ޕަދުކޯން އާއެވެ. މި ފިލްމުގެ ވާހަކަ ދީޕިކާއަށް ވަރަށް ކަމުގޮސްފި ކަމަށާއި އޭނާ ފިލްމު ކުޅެދޭން އެއްބަސްވެފައިވާ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.

"ސަންކީ" އަކީ ދީޕިކާ އާއި ޝާހްރުކް އެކުގައި ކުޅޭ ހަތަރު ވަނަ ފިލްމެވެ. ދީޕިކާ ބޮލީވުޑަށް ތައާރަފްވީ ވެސް ޝާހްރުކް އާއެކު ކުޅުނު "އޯމް ޝާންތީ އޯމް" އެވެ. އޭގެ ފަހުން "ޗެންނާއި އެކްސްޕްރެސް" އާއި "ހެޕީ ނިއު އިޔާ" ގައި ޝާހްރުކް އާއެކު ދީޕިކާ ވަނީ ބައިވެރިވެފަ އެވެ. އަދި މި ހުރިހާ ފިލްމުތަކަކީ ބްލޮކްބަސްޓާ ތަކެކެވެ. އެހެންކަމުން ޝާހްރުކް-ދީޕިކާ ޖޯޑަކީ ވަރަށް ކާމިޔާބު ޖޯޑެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.

"ސަންކީ" އަކީ ކޮމާޝަލް ފިލްމަކަށް ވާތީ ހިންދީ ފިލްމުތަކުގައި ހުންނަ ހުރިހާ ކަންތައްތަކެއް މި ފިލްމުގައި ވެސް ހުންނާނެ ކަމަށް ވެއެވެ.
މި ފިލްމުގައި ސޮއި ކުރިކަން ޝާހުރުކް އާއި ދީޕިކާ އަދި ޔަގީން ކޮށެއް ނުދެ އެވެ. ނަމަވެސް ވަރަށް އަވަހަށް މި ފިލްމު ރަސްމީކޮށް އިއުލާން ކުރުމާއެކު މި ދެ ތަރިން ވެސް ފިލްމުގައި ބައިވެރިވާކަން އިއުލާން ކުރާނެ އެވެ.