ދެ އަހަރެއްހާ ދުވަހު ފިލްމު ކުޅުމާ މުޅިން ދުރުގައި ހުރުމަށްފަހު ޝާހްރުކް ޚާން އަލުން ކެމެރާ އާ ކުރިމަތިލާން ތައްޔާރު ވެއްޖެ އެވެ. އެގޮތުން އޭނާ ފުރަތަމަ ކުޅެން ހަމަޖެހިފައިވަނީ "ޕަޓާން" އެވެ. މި ފިލްމުގައި ޝާހްރުކް އާއެކު ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް ބައިވެރިވާނެ އެވެ.
ސިދާރްތު އާނަންދު ޑައިރެކްޓްކުރާ މި ފލްމު ޕްރޮޑިއުސްކުރަނީ ޔާޝް ރާޖް އިންނެވެ. މި ފިލްމުގެ މަސައްކަތް ނޮވެމްބަރު މަހު ނިމޭ ހިސާބުގައި ޝާހްރުކް ފަށާނެ އެވެ. މިއީ ދެ މަސް ދުވަހުގެ ޝެޑިއުލް އެކެވެ. މި ޝެޑިއުލްގައި ބޮޑަށް އޮންނާނީ ޝާހްރުކް ފުރިހަމަކުރަން ޖެހޭ ބައިތައް ފުރިހަމަ ކުރުމެވެ. ނަމަވެސް ދީޕިކާ އާއި ޖޯން ފިލްމު ޔުނިޓާ ގުޅޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
ޝާހްރުކް އެންމެ ފަހުން ކުޅެފައިވަނީ 2018 ގައި އަނުޝްކާ ޝަރުމާ އާއި ކެޓުރީނާ ކައިފް ބައިވެރިވި "ޒީރޯ" އެވެ.
މި ފިލްމު ކުޅުމަށްޓަކައި ޝާހްރުކް ގެންދަނީ އޭނާގެ ސިފަޔަށް ވަރަށް ބޮޑު ބަދަލެއް ގެންނަމުންނެވެ. މިހާރު ޝާހްރުކް ހުންނަނީ އިސްތަށިގަނޑު ވަރަށް ބޮޑަށް ދިގުކޮށް ތުނބުޅިވެސް ލާފަ އެވެ. އަދި އޭނާގެ ކެރެކްޓާއަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ އަވި އައިނެއް ވެސް މި ފިލްމުގައި ޝާހްރުކް ބޭނުން ކުރާނެ ކަމަށް ވެއެވެ.
އެތައް ދުވަހަކުއްސުރެ ފިލްމަކުން ނުފެންނާތީ ޝާހްރުކްގެ ފޭނުން މިހާރު ތިބީ އޭނާގެ ފިލްމެއް ބަލާލަށް ކެތްމަދުވެފަ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޝާހްރުކް ފިލްމުކުޅުމާ ކުޑަކޮށް ދުރުހެލިވީ "ޒީރޯ" ފްލޮޕް ވުމުން ވީ ދެރައިންނެވެ. އަދި ފިލްމު ނުކުޅެ މަޑުކުރި ދެ އަހަރެއްހާ ދުވަހު ވަރަށް ގިނަ ސްކްރިޕްޓްތައް ކިޔައި އޭނާއަށް ކަމުދާ ކަހަލަ ބައެއް ރޯލުތައް ޚިޔާރުކޮށްފައިވާ ކަމަށާއި ކެރިއަރަށް އިތުރު ކުރިއެރުމަށް ގެނެވޭނެ ވަރަށް ގިނަ ގޮތްތައް ވިސްނާފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ތަމަޅަ ޑައިރެކްޓަރު އަޓްލީގެ ފިލްމެއް ކުޅެން ޝާހްރުކް ސޮއިކޮށްފައިވާ ކަމަށް ދާދިފަހުން ޚަބަރު ފެތުރުނެވެ. ނަމަވެސް މި ފިލްމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ. އަދި ރާޖް ކުމާރު ހިރާނީގެ ފިލްމެއް ކުޅެން ޝާހްރުކް އުޅޭކަމުގެ ޚަބަރުތަކެއް ވެސް ފެތުރުނެވެ. ނަމަވެސް މި ފިލްމާ ގުޅޭ ވެސް އިތުރު އެއްވެސް ތަފްސީލެއް މީޑިއާ އާ ހަމައަކަށް ނާދެ އެވެ.
މިހާރު ބެލެވެނީ ޝާހްރުކް މިވަގުތު މަސައްކަތްކުރާނީ ހަމައެކަނި ޔާޝް ރާޖްގެ "ޕަޓާން"ގައި އެކަނި ކަމަށެވެ.