ދީޕިކާ ޕަދުކޯންގެ 35 ވަނަ އުފަން ދުވަސް މިމަހުގެ ފަސް ވަނަ ދުވަހު އޭނާ ވަނީ ވަރަށް ކުލަ ގަދަކޮށް ފާހަގަ ކޮށްފަ އެވެ. ދީޕިކާގެ އުފަން ދުވަހު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އޭނާގެ އެކުވެރިންގެ ތެރެއިން ގިނަ ބަޔަކު އޭނާއަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ތަހުނިޔާ ފޮނުވި އެވެ. ތަހުނިޔާ ފޮނުވި އެކްޓަރުންގެ ތެރޭގައި ރިތިކް ރޯޝަން ވެސް ހިމެނުނެވެ.
ނަމަވެސް ރިތިކް އާއި ދީޕިކާގެ ފޭނުން މިހާރު ސޯޝަލް މީޑިއާގައި ކެކި އަރަނީ ރިތިކް ތަހުނިޔާ ފޮނުވީމައެއް ނޫނެވެ. ރިތިކްގެ ތަހުނިޔާގެ ޖަވާބުގައި ދީޕިކާ ބުނި އެއްޗަކުންނެވެ.
ދީޕިކާ ދެއްކި ވާހަކައަކުން އޭނާ އާއި ރިތިކް ގުޅިގެން ކޮންމެވެސް ކަމެއް ކުރަން އުޅޭ ކަމުގެ އިޝާރާތެއް ދިނީމަ އެވެ.
މީގެ ދެ އަހަރު ކުރިން 2019 ގައި ވައިރަލްވި ވީޑިއޯއެއްގައި ރިތިކް ދީޕިކާ އަށް ކޭކު ކާން ދެނިކޮށް ފެނެ އެވެ. އޭރުން ފެށީގެން މި ދެ ތަރިން އެކުގައި ފިލްމެއް ކުޅޭތޯ ދެ ތަރިންގެ ފޭނުން އެ މީހުންނަށް އިލްތިމާސް ކުރަމުން ދެއެވެ.
"އުފަން ދުވަހުގެ ތަހުނިޔާ އަހަރެންގެ އެކުވެރި ދީޕިކާ އަށް. މިހާރު ވެސް މުޅި ދުނިޔޭގައި ތި ވިދާ ބަބުޅާ ގޮތަށް ވިދަމުންދޭ. ހެޔޮއެދުންތައް ފޮނުވަން،" މީގެ ދެ ތިން ދުވަސް ކުރިން ދީޕިކާއަށް ތަހުނިޔާ ކިޔާ ރިތިކް ފޮނުވި މެސެޖުގައި ވެއެވެ.
"ޝުކުރިއްޔާ އެޗްއާރް. އަނެއްކާވެސް ވަރަށް ބޮޑު މުނާސަބަތެއް ވަރަށް މަދު ދުވަސްކޮޅެއް ތެރޭގައި އެބަ އާދެއެއްނު،" ޖަވާބުގައި ދީޕިކާ ބުނެފައި ވެއެވެ.
ދީޕިކާގެ ޖަވާބުން މި ދެ ތަރިންގެ ފޭނުންނަށް ގަބޫލު ކުރެވިފައި ވަނީ ދެ އެކްޓަރުން އެކުގައި ކުޅޭ ފިލްމެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމުގެ އިޝާރާތެއް ދިނީ ކަމަށެވެ.
އެހެންވެ އެންމެން މާ ކުރީ ބައިގައި މިކަން ފާހަގަ ކުރަން ވަނީ ފަށާފަ އެވެ. ވީހާވެސް އަވަހަކަށް މި ދެ ތަރިން އެކުގައި ފިލްމެއް ކުޅޭތަން ދެކެން ބޭނުންވާ ކަމަށް ފޭނުން ބުނެފައި ވެއެވެ.