ވެބް ސީރީޒް "ދަ ފެމެލީ މޭން" ގެ ބަތަލު މަނޯޖް ބަޖްޕާއީ އަށް އެ ސީރީޒް ބެލި ގިނަ ބައެއްގެ ތާއީދާއި ލޯބި ދަނީ ހިފެހެއްޓުމެއް ނެތި ލިބެމުންނެވެ. މޮޅު އެކްޓަރެއްގެ އިތުރުން މަނޯޖް އަކީ ހަގީގަތުގައި ވެސް "ފެމެލީ މޭން" އެކެވެ. އާއިލާ ދެކެ ލޯބިވާ އާއިލީ މީހެކެވެ. މަނޯޖްގެ އަންހެނުން ޝަބާނާ އާއި އަންހެންދަރިފުޅު އާވާ ނައިލާ ދެކެ އޭނާ އިންތިހާއަށް ލޯބިވެ އެވެ.
މަނޯޖްގެ އަންހެނުންނަކީ ވެސް ކުރިން ފިލްމުތަކުގައި ލީޑް ރޯލު އަދާކުރި ބަތަލާ އެކެވެ. ރިތިކް ރޯޝަން އާއި ބޮބީ ޑެއޯލް ފަދަ އެކްޓަރުންނާއެކު ޝަބާނާ ވަނީ ފިލްމުތައް ކުޅެފަ އެވެ.
ފިލްމުތަކުގައި ޝަބާނާ ބޭނުން ކުރަނީ އޭނާގެ އަސްލު ނަމެއް ނޫނެވެ. ގިނަ ބަޔަކަށް އޭނާ ނޭނގެނީ އެހެންވެ އެވެ. ފިލްމުތަކުގައި އޭނާ މަޝްހޫރުވެފައި ވަނީ ނެހާގެ ނަމުންނެވެ. ނެހާ ވަނީ 1990 އާއި 2000 ގެ އަހަރުތަކުގައި ރިލީޒް ކުރި ބައެއް ފިލްމުތަކުގައި ބަތަލާގެ ރޯލު ކުޅެފަ އެވެ.
ނެހާގެ ފުރަތަމަ ފިލްމަކީ ބޮބީ އާއެކު ކުޅުނު "ގަރީބު" އެވެ. ވިދޫ ވިނޯދް ޗޯޕްޅާ ޑައިރެކްޓް ކުރި މި ފިލްމު ރިލީޒްކުރީ 1998 ގައެވެ. އަޖޭ ދޭވްގަން އާއެކު "ހޯގީ ޕިޔާރް ކީ ޖީތު" ގައި ބަތަލާގެ ރޯލު ކުޅުނީ ވެސް ނެހާ އެވެ. އަދި ރިތިކް ރޯޝަންގެ "ފިޒާ" ގައި ވެސް ރިތިކްގެ ލޯބިވެރިޔާގެ ރޯލު ކުޅުނީ ނެހާ އެވެ. އެ ފިލްމުގެ "އާޖާ މާހިޔާ" ލަވައިގައި ރިތިކް އާއެކު ބައިވެރިވީ ނެހާ އެވެ. މި ލަވައިގައި ރިތިކް އާއި ނެހާގެ ކެމިސްޓްރީ ރަނގަޅު ކަމުން ލަވަ ބެލި ގިނަ ބައެއްގެ ތައުރީފު މި ޖޯޑަށް ލިބުނެވެ.
މަނޯޖް އާއި ޝަބާނާ ބައްދަލުވީ "ގަރީބު" ރިލީޒްކުރި ފަހުންނެވެ. މަނޯޖްގެ "ސައްތިޔަ" ރިލީޒްވީ ހަމަ އެ ދުވަސްވަރު އެވެ. ފުރަތަމަ ބައްދަލުވުމުން ވެސް ދެ މީހުންނަށް އެކަކު އަނެކަކާ ގަޔާ ވެވުނެވެ. އަދި 2006ގައި ކައިވެނި ކުރީ އެވެ.
މަނޯޖް އާ ކައިވެނިކޮށް ދަރިއަކު ލިބުނުފަހުން ޝަބާނާ ވަނީ ފިލްމު ކުޅުމާ ދުރަށް ޖެހިލާފަ އެވެ. ދަރިފުޅު ތަންކޮޅެއް ބޮޑުވަންދެން ފިލްމީ މަސައްކަތްކުރަން އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް އިޝްތިހާރެއް ފަދަ އެއްޗެތި ލިބިއްޖެނަމަ ކުޅެލަފާނެކަމަށް އޭނާ ބުންޏެވެ.