ރިތިކް ރޯޝަން އާއި ސުޒާން ޚާން އަކީ ބޮލީވުޑްގެ ޖޯޑުތަކުގެ ތެރެއިން އެންމެ ލޯބިން އުޅުނު އެއް ޖޯޑެވެ. ވަރަށް ލޯބިން އެތައް އަހަރެން ކައިވެނީގައި ހޭދަކުރުމަށްފަހު ދެ ދަރިން ވެސް ލިބުނުފަހުން ދެ މީހުން ވަކިވާކަން އިއުލާން ކުރުމުން އެންމެންނަށް ވެސް އެކަން ވީ ބޮޑު ޝޮކެއް ލިބުނުކަމަށެވެ.
ރިތިކް އާއި ސުޒާން ވަރިވުމަށްފަހު ވެސް ދެ ދަރިންގެ މައިންބަފައިންގެ ހައިސިއްޔަތުން ވަރަށް ގާތް ގުޅުމެއް އެކަކު އަނެކަކާ އެކު ބާއްވަ އެވެ. އެހެންކަމުން ރިތިކްގެ ފޭނުން އުންމީދުކުރަމުން ދިޔައީ ރިތިކް ދެ ވަނަ ފަހަރަށް ވެސް ސުޒާން އާ ގުޅޭނެކަމަށެވެ. ނަމަވެސް މި ފަހުން ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު މިއީ ދެން ވުން އެހާ ގާތް ކަމެއް ނޫންކަން ވަނީ ޔަގީން ވެފަ އެވެ.
ސަބަބަކީ ރިތިކްގެ ހަޔާތަށް ސަބާ އާޒާދު ކިޔާ ޒުވާން އަންހެންކުއްޖެއް އައިސްފައިވާތީ އެވެ. އަދި ސުޒާންގެ ހަޔާތަށް ވެސް އެހެން ފިރިހެނަކު ގުޅިފައިވާކަން ޔަގީން ކުރެވުމުންނެވެ.
ރިތިކް އާއި ސުޒާން އެމީހުންގެ ބައިވެރިންނާ އަތާ އަތް ގުޅާލައިގެން އެއާޕޯޓަކުން ނުކުންނަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އިއްޔެ ވައިރަލް ވެފައި ވެއެވެ. މި ފޮޓޯތަކުގައި ރިތިކް ފެންނަނީ ސަބާގެ އަތުގައި ހިފައިގެން ހިނގާފައި ދަނިކޮށެވެ. އަދި ސުޒާން ހުރީ އޭނާގެ ލޯބިވެރިޔާ އަރްސަލާން ގޯނީގެ އަތުގައި ހިފައިގެންނެވެ.
ރިތިކް އާއި ސުޒާން އެމީހުންގެ ބައިވެރިންނާއެކު އެނބުރި މުމްބައި އަށް އައީ ސުޒާންގެ އާ ރެސްޓޯރަންޓެއް ހުޅުވުން ފާހަގަ ކުރުމަށް ގޯއާގައި ބޭއްވި ޕާޓީއެއްގައި ބައިވެރިވުމަށް ފަހުގަ އެވެ. މި ޕާޓީގައި ބައިވެރިވެ އެހެން ބައެއް ފިލްމީ ތަރިން ވަނީ ރިތިކް އާއި ސަބާ އަދި ސުޒާން އާއި އަރްސަލާން އާއެކު ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ.
ރިތިކް އާއި ސުޒާން އެމީހުންގެ ލޯބިވެރިންނާ ގުޅޭ ގޮތުން ރަސްމީކޮށް ވާހަކަ ނުދެއްކިޔަސް އަތާ އަތް ގުޅާލައިގެން އުޅޭ ގޮތުން އެމީހުންގެ ލޯބިވެރިން ސިއްރުކުރަން ކޮންމެހެން ބޭނުން ނުވާކަން ޔަގީންވެ އެވެ.