ބޮލީވުޑް

ސުޒާން އާއި ސަބާ – އާދައިގެ އެކުވެރިންނެއް ނޫން

ރިތިކް ރޯޝަންގެ ކުރީގެ އަނބިމީހާ ސުޒާން ޚާން އާއި މިހާޜުގެ ލޯބިވެރިޔާ ސަބާ އާޒާދުގެ މެދުގައި އޮތް ގާތް އެކުވެރިކަމަކީ ބައެއް މީހުންނަށް ވިސްނާ ވިސްނާ ވެސް ގަބޫލުކުރަން ދަތިވާ ވަރުގެ އެކުވެރި ކަމެކެވެ. ދެ މީހުން އިންސްޓަގްރާމްގައި އެކަކު އަނެކަކުގެ ޕޯސްޓްތަކަށް ކޮމެންޓުގައި ލިޔަމުންދާ މެސެޖުތަކުން އެމީހުންގެ މެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް ކަން ހާމަވިޔަސް ރިތިކް އާއި އެމީހުންގެ އޮތް ގުޅުމާ ހުރެ އެމީހުންނަށް އެހާ އެކުވެރި ބަޔަކަށް ވެވިދާނެ ކަމަށް ގަބޫލުކުރަން މީހުންނަށް ދަތިވަނީ އެވެ.

ސުޒާން އާއި ރިތިކް މީގެ އަހަރު ތަކެއް ކުރިން ވަރި ވެފައި ވީނަމަވެސް ޚުދް އެމީހުންގެ މެދުގައި ވެސް ދެ ދަރިންގެ މައިންބަފައިންގެ ހައިސިއްޔަތުންނާއި ކުޑައިރުއްސުރެ ގާތް ދެ އެކުވެރިންގެ ހައިސިއްޔަތުން އޮންނަންޖެހޭ އެކުވެރިކަން އޮވެ އެވެ. އަދި އެމީހުން ވަކިވުމަށްފަހު ނެރުނު ބަޔާނުގައި ވެސް އެކުވެރިންގެ ގޮތުގައި އަދި ދެ ދަރިންގެ މައިންބަފައިންގެ ގޮތުގައި އަބަދުވެސް އެކުވެރިކަމާއެކު ދެމި ތިބޭނެ ކަމަށް ބުނެފައި ވެއެވެ. އަދި އެ ދެ މީހުންގެ ކައިވެނި އަލުން ރުޖޫއަ ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ތަކުރާރުކޮށް އެމީހުން ބުނެފައި ވެއެވެ.

މިހާރު ސުޒާންގެ ހަޔާތަށް ޓީވީ އެކްޓަރު އަރްސަލާން ގޯނީ ވަނީ އައިސްފަ އެވެ. އަދި ދެ މީހުން ވަރަށް ލޯބިން އެކުގައި އުޅޭތަން ސޯޝަލް މީޑިއާ އިން ވަރަށް ގިނައިން ފެނެ އެވެ.

ސުޒާން ވަރިކުރުމަށްފަހު ސަބާ އާ ރައްޓެހިވުމުގެ ކުރިން ރިތިކް އެއްވެސް އަންހެނަކާ އެކު ބޭރު ތެރޭގައި އުޅެނިކޮށް ފެނިފައެއް ނުވެ އެވެ. ވީމާ ސަބާ އާއި ރިތިކްގެ ގުޅުން ފުދޭ ވަރަކަށް ސީރިއަސް ކަމަށް ވަނީ ބެލެވިފަ އެވެ.

ސަބާ އަކީ މިއުޒިކް ބޭންޑެއް އުފައްދައިގެން އެ ބޭންޑާއެކު ޕާފޯމްކުރާ ލަވަކިޔުންތެރިއެކެވެ. ސަބާ ކިޔާ ލަވަތަކާއި ޕާފޯމަންސްތައް ރިތިކް އަށް ވަރަށް ކަމުދެ އެވެ. އަދި ރިތިކްގެ އާއިލާ އަށާއި ސުޒާން އަށް ވެސް ސަބާގެ ލަވަތައް ވަރަށް ކަމުދެ އެވެ.

ސަބާގެ ކޮންސަޓްތަކަށް ސުޒާން ގޮސް އޭނާއަށް ތަރުހީބުދީ ހަދާތަން ވެސް ފެނިފައި ވެއެވެ. އަދި ސޯޝަލް މީޑިއާގައި ވެސް އޭނާގެ ޕާފޯމަންސް ތަކަށް ސުޒާން ވަރަށް ތައުރީފުކޮށް ޕޯސްޓްތައް ޝެއާ ކުރެ އެވެ.

އެގޮތުން އެންމެ ފަހުން ސުޒާން ތައުރީފުކޮށްފައިވަނީ ސަބާ އިންޑިއަން ފެޝަނެއްގެ ހެދުމެއް ލައިގެން ނަގާފައިވާ ފޮޓޯއަކަށެވެ. އާއްމުކޮށް ހުޅަނގުގެ ސްޓައިލްތަކަށް ހެދުންއަޅާ ސަބާ އިންޑިއާ މީހުން ލާ ވައްތަރުގެ ސަލްވާރު ގަމީސް ލައިގެން ހުރި ފޮޓޯއަކަށެވެ.

"ސަބޫ. ހާދަ ރީއްޗޭ،" ސަބާގެ ފޮޓޮއަށް ކޮމެންޓުކުރަމުން ސުޒާން ލިޔެފައި ވެއެވެ. ސަބޫ އަކީ ސުޒާން ލޯބިން ސަބާ އަށް ދީގެން އުޅޭ ނަމެކެވެ.

"ސޫޒް. ކަލޭގެ ހޮލިޑޭ ސްޓޯރީ ވަރަށް ކަމުދޭ. އަދިވެސް ފޮނުވާތި،" ސަބާގެ ކޮމެންޓުގައި ބުނެފައި ވެއެވެ.

ލަވަކިޔުންތެރިއެއްގެ އިތުރުން ސަބާ އަކީ ބަތަލާއެއް ވެސް މެއެވެ. އޭނާ އެންމެ ފަހުން ކުޅުނީ "ރޮކެޓް ބޯއީޒް" އެވެ. އަދި މިހާރު ކުޅެމުންދަނީ "މިނިމަމް" ކިޔާ ފިލްމެކެވެ.