އިންޑިއާގެ ޓީވީ ޗެނަލްތަކުން 2007 ގައި ދެއްކި ކުޑަކުދިންގެ ޓީވީ ޝޯ "ޝަކަ ލަކަ ބޫމް ބޫމް" ހަނދާން އެބަހުރި ހެއްޔެވެ؟ މިއީ ކުޑަކުދިންގެ މެދުގައި އެ ދުވަސްވަރު ވަރަށް މަގްބޫލުވި ޝޯ އެކެވެ.
އެ ޝޯގެ އެންމެ މުހިއްމު ރޯލެއް އަދާކުރީ ކަރޫނާ ކިޔާ ކުޑަކުޑަ އަންހެން ކުއްޖެކެވެ. ކަރޫނާގެ ކެރެކްޓާ މި ސީރީޒްގައި ކުޅެފައިވަނީ ޗައިލްޑް އާޓިސްޓް ހަންސިކާ މޯޓްވާނީ އެވެ.
އޭގެ ފަހުން 2003 ގައި ރިތިކް ރޯޝަންގެ "ކޮއި މިލްގަޔާ"ގައި ވެސް ހަންސިކާ ކުޑަ ކުއްޖެއްގެ ރޯލު އަދާ ކޮށްފައިވެ އެވެ. އޭނާ އެ ފިލްމުގައި ކުޅެފައިވަނީ ރިތިކްގެ ގާތް އެކުވެރިއެއްގެ ބައެވެ.
އޭގެ ފަހުން ހަތަރު އަހަރު ވީތަނާ ހިމޭޝް ރޭޝަމްޔާ އެކްޓަރެއްގެ ގޮތުގައި ކުޅުނު "އާޕް ކާ ސުރޫރް" އިން ބަތަލާއެއްގެ ގޮތުގައި ހަންސިކާ ތައާރަފްވި އެވެ.
ހަތަރު ވަރަކަށް އަހަރު ކުރިން ލޯބި ލޯބި ކުޑަ ކުޑަ އަންހެން ކުއްޖެއްގެ ގޮތުގައި ފެނުނު ހަންސިކާ ކުއްލިއަކަށް އެހާ އަވަހަށް ބޮޑުވެފައި ހުއްޓާ ފެނުމުން ގިނަ ބަޔަކު ވަރަށް ހައިރާން ވެގެން އެ ވާހަކަ ދައްކާފައި ވެއެވެ. މި ފިލްމުގެ ލީޑް ރޯލު ކުޅުނުއިރު ހަންސިކާ އަށް ވާނީ އެންމެ 16 އަހަރެވެ.
މި ފިލްމުން ހަންސިކާ ބޮޑު މީހެއްގެ ގޮތުގައި ފެނުމާއެކު އޭނާ އޭ ކިޔައިގެން ތަފާތު ވާހަކަތައް ފެތުރެން ފެށި އެވެ. އެގޮތުން އިންޑިއާގެ ނޫސްތަކުގައިވާ ބައެއް ޚަބަރުތަކުގައި ބުނެފައިވާ ގޮތުގައި ހަންސިކާ އަވަހަށް ޒުވާނެއްގެ ގޮތުގައި ފިލްމީ ދުނިޔެއަށް ތައާރަފްވާން ބޭނުންވެގެން ހޯމޯނަލް އިންޖެކްޝަންތަކެއް ވަނީ ޖަހާފަ އެވެ.
ހަންސިކާގެ މަންމަ މޯނާ މޯޓްވާނީ އަކީ ހަމުގެ ޚާއްސަ ޑޮކްޓަރެކެވެ. ހަންސިކާގެ ގަޔަށް މި އިންޖެކްޝަންތައް ޖެހީ އޭނާގެ މަންމަ ކަމަށް ވެއެވެ. ނަމަވެސް ހަންސިކާ ވެސް އަދި އޭނާގެ މަންމަ ވެސް މިކަމާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ވާޙަކައެއް ދައްކާފައެއް ނުވެ އެވެ.
ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ހަންސިކާ އަށް ގިނަ ބައެއްގެ ލޯބި ލިބުނު ނަމަވެސް ފުރަތަމަ ފިލްމު "އާޕް ކާ ސުރޫރް" ފްލޮޕްވެ އޭނާގެ ފިލްމީ ކެރިއަރުގެ ފެށުން ދިޔައީ ފަނުފުލުންނެވެ. ގިނަ ބަޔަކު އޭޜު ވެސް ބުނީ ކުޑަ ކުއްޖެއްގެ ކެރެކްޓާތަކުން ހަންސިކާ މާކަމުދާ ކަމަށެވެ.
ހިންދީ ފިލްމުތަކުން ލިބުނު ނާކާމިޔާބީތަކުން ހަންސިކާ ދެން އެނބުރުނީ ސައުތު އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށެވެ.
އެ އިންޑަސްޓްރީގެ ގިނަ ފިލްމުތަކެއް ކުޅެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް މަޝްހޫރު ބަތަލާއަކަށް ހަންސިކާ ވަނީ ވެފަ އެވެ. އަދި ގިނަ އަދަދެއްގެ އެވޯޑުތައް ވެސް އެ އިންޑަސްޓްރީން ހަންސިކާ އަށް ލިބިފައި ވެއެވެ.
މިހާރު ހަންސިކާ ތައްޔާރުވަމުންދަނީ އަލަތު ކައިވެންޏަށެވެ. އަންނަ ޑިސެމްބަރުގައި ހަންސިކާ ކައިވެނި ކުރަން ހަމަޖެހިފައިވަނީ ސުހައިލް ކަތޫރިއާ ކިޔާ ވިޔަފާރިވެރިއަކާ އެވެ.
ސުހައިލް އަކީ ވަރަށް ކުރިއްސުރެ ހަންސިކާގެ ބެސްޓް ފްރެންޑެވެ. އަދި އޭނާގެ ބިޒިނަސް ޕާޓްނަރު ވެސް މެއެވެ.