ބޮލީވުޑް ބަތަލާ އަދި ނެށުންތެރިޔާ ރާކީ ސާވަންތުގެ ވާހަކަ އަބަދުވެސް ނޫސްތަކުން ފެނެ އެވެ. އެއްބައި ފަހަރު އޭނާ އަޅާ ހެދުމާ ގުޅޭ ގޮތުންނެވެ. ނުވަތަ ދެއްކި ކޮންމެވެސް މަޖާ ވާހަކައަކާ ގުޅޭ ގޮތުންނެވެ. ޔަގީންވާ ކަމަކީ ރާކީގެ ހަޔާތަކީ ރޯލާކޯސްޓާ ރައިޑެއް ފަދަ ހަޔާތެއް ކަމެވެ.
ދާދިފަހުން ރާކީ ވަނީ އޭނާގެ ލޯބިވެރިޔާ އާދިލް ޚާންއާ ކައިވެނިކޮށްފިކަން އިއުލާންކޮށްފަ އެވެ. އިންސްޓަގްރާމް ޕޯސްޓެއްގައި ރާކީ މި ކަން އިއުލާންކުރީ އޭނާ އާއި އާދިލްގެ ކައިވެނީގެ ސެޓްފިކެޓް ސޯޝަލް މީޑިއާގައި ލީކުވުމުންނެވެ.
މި ސެޓްފިކެޓްގައިވާ ގޮތުން ރާކީ ވަނީ އިސްލާމްވެ ނަން ވެސް ބަދަލުކޮށްފަ އެވެ. ކައިވެނީގެ ސެޓްފިކެޓްގައި ރާކީގެ ނަމަކަށް ލިޔެފައި އޮތީ ރާކީ ސާވަންތު ފާތިމާ އެވެ. އަދި މިވެސް ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ މޭ މަހު ކަން މި ސެޓްފިކެޓުން ހާމަ ވެ އެވެ. އަދި މި ސެޓްފިކެޓާއެކު ރާކީ އާއި އާދިލް ކައިވެނި ކުރަނިކޮށް ނަގާފައިވާ ވީޑިއޯތަކާއި ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ.
ކައިވެނިކުރިކަން ރާކީ ޔަގީންކޮށްދިނުމާއެކު އާދިލް ވަނީ އެއީ ދޮގެއްކަމަށް މީޑިއާގައި ބުނެފަ އެވެ. ނަމަވެސް ފަހުން ނޫސްވެރިން މާ ޕްރެޝަރު ކުރަން ފެށުމުން ރާކީ އާ ކައިވެނިކޮށްފައިވާ ކަމަށާއި ދެ މީޙުން ދިރިއުޅެނީ އެކުގައި ކަމަށް އާދިލް ވަނީ އެއްބަސް ވެފަ އެވެ.
އާދިލް ބުނި ގޮތުގައި އޭނާ މި ކައިވެނި ސިއްރުކޮށްގެން އުޅެނީ އޭނާގެ މައިންބަފައިންނާއި އާއިލާގެ މީހުން މިކައިވެންޏާ ދެކޮޅު ހަދާތީ އެވެ. އަދިވެސް އޭނާގެ އާއިލާއިން ރާކީ ގަބޫލު ނުކުރާ ކަމަށް އާދިލް ބުންޏެވެ.
"އެމީހުން ރުއްސުމުގެ މަސައްކަތް އަދިވެސް އެބަ ކުރަން. ހީވަނީ އެކަމަށް ވަރަށް ގިނަ ދުވަސް ނަގާނެހެން،" އާދިލް ބުންޏެވެ.
އާދިލްގެ އާއިލާއިން ރާކީ ގަބޫލު ނުކޮށްގެން އުޅެނީ ކީއްވެގެންކަމެއް އޭނާ ނުބުނެ އެވެ.
އާދިލް ވެސް ރާކީ ވެސް ކުރިން ކައިވެންޏެއް ކޮށްފައި ވެއެވެ. ރާކީ ކައިވެނިކުރީ ރިތޭޝް ރާޖް ކިޔާ މީހަކާ އެވެ. މި ކައިވެންޏަކީ އަސްލު އެއްޗެއް ނޫންކަމަށް ފަހުން ރާކީ ބުންޏެވެ. ސަބަބަކީ ރާކީ އާ ރިތޭޝް ކައިވެނިކުރީ އޭނާ ކުރިން އިނދެގެން އުޅުނު މީހާ ވަރިނުކޮށް ކަމަށް ވެފައި ހިންދޫންނަށް އެއްފަހަރާ ދެ ކައިވެނި ނުކުރެވޭތީ އެވެ.
އާދިލްގެ އަނބިމީހާ ވެސް އޭނާ ވަރި ނުކުރާ ކަމަށް ބައެއް ނޫސްތަކުން ބުނެފައި ވެއެވެ.