ތަބައްސުމް ފާތިމާ ހާޝިމީ ނުވަތަ ފިލްމީ ނަމުން ނަމަ ތައްބޫ އަކީ ބޮލީވުޑްގައި އެފަދަ ދެވަނަ އެއް ނެތްވަރުގެ ހުނަރުވެރި ބަތަލާ އެކެވެ. ތައްބޫ ބޮލީވުޑަށް ތައާރަފްވީ 1982ގައި ރިލީޒްކުރި "ބާޒާރް"އިން ޗައިލްޑް އާޓިސްޓެއްގެ ގޮތުގަ އެވެ. އޭގެ ފަހުން 1985 ގައި "ހަމް ނޯޖަވާން" ކިޔާ ފިލްމެއް ކުޅުނެވެ.
"މާޗިސް"، "ކާލާޕާނީ"، "އަސްތިތުވަ"، ޗާންދްނީ ބާ"، "މަގްބޫލު" އަދި ޗީނީ ކަމް އަކީ ތައްބޫގެ ކެރިއަރުގެ ކުރީކޮޅު އޭނާ ކުޅެފައިވާ ކާމިޔާބު އަދި މޮޅު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމު ތަކެކެވެ.
އެހެން ގިނަ ބަތަލާއިންނާއި ތައްބޫގެ ތަފާތަކީ ކޮންމެ ކަހަލަ ރޯލެއް ކުޅެލަން ވެސް އޭނާ އެއް އިރެއްގައިވެސް ފަސް ނުޖެހޭ ކަމެވެ. އެ ރޯލަކީ އޭނާގެ ހުނަރު ދައްކާ ލެވޭ ކަހަލަ ރޯލެއް ނަމަ ކޮންމެ ރޯލެއް ވެސް އޭނާ ކުޅެލަނީ ޖެހިލުމެއް ނެތިއެވެ.
ނަމަވެސް ފިލްމީ ކެރިއަރު ކާމިޔާބު ކަމާއެކު ކުރިއަށް ދިޔައިރު ތައްބޫގެ ޒާތީ ދިރިއުޅުމުގައި ކަންކަން ދިޔައީ އެހާ ރަނގަޅަކަށް ނޫނެވެ. އަދި އޭނާ ލޯބީގެ ގޮތުން ގުޅުނު ކޮންމެ މީހެއްގެ ފަރާތުން އޭނާއަށް ނާކާމިޔާބީ ނޫން އެއްޗެއް ލިބިފައެއް ނެތެވެ.
މިހާރު އުމުރުން 52 އަހަރު ފުރިފައިވާ ތައްބޫ ދުވަހަކުވެސް ކައިވެންޏެއް ނުކޮށް ހުރުމުގެ ފަހަތުގައި ވަނީ އޭނާގެ ނާކާމިޔާބު ލޯބީގެ ގުޅުންތަކެވެ.
އެގޮތުން 1995 ގައި ރިލީޒއްކުރި "ޕްރޭމް"ގައި އޭނާއާއެކު ލީޑް ރޯލު އަދާކުރި ސަންޖޭ ކަޕޫރާއި ތައްބޫގެ ލޯބީގެ ވާހަކަ އަކީ ވަރަށް މަޝްހޫޜުވި ވާހަކަ އެކެވެ. އެ ދުވަސްވަރު ވަރަށް ގިނައިން ތައްބޫ އާއި ސަންޖޭ އެކުގައި ޕާޓީތަކުންނާއި ރެސްޓޯރަންޓް ތަކުން ފެންނަމުން ދިޔަ އެވެ. ނަމަވެސް މި ގުޅުން ދެމިއޮތީ ދާދި ކުޑަ ދުވަސްކޮޅަކު އެވެ.
ޓައިމްސް އޮފް އިންޑީއާ އަށް ދިން އިންޓަވިއު އެއްގައި ސަންޖޭ ވަނީ ތައްބޫ އާ ދުވަސްކޮޅަކު ރައްޓެހިވެގެން އުޅުނުކަމަށް އެއްބަސްވެފަ އެވެ. އަދި ދެ މީހުން ރުޅިވީ ފަހުން އެކަކު އަނެކަކާ ވާޙަކަ ނުދައްކާ ކަމަށް ވެސް ސަންޖޭ ބުނެފައިވެއެވެ.
ދެން ތައްބޫގެ ހަޔާތަށް އައީ މަޝްހޫރު ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާ އެވެ. ސާޖިދުގެ ފުރަތަމަ އަނބިމީހާ އަދި ބަތަލާ ދިވްޔާ ބާރްތީ 1993 ގައި އުމުރުން އެންމެ 19 އަހަރުގައި ކުއްލިއަކަށް މަރުވުމުން ސާޖިދު ހުރީ ހިތާމައިން ގޮސް ހިތް ހަލާކުވެފަ އެވެ. މި ދުވަސްވަރު ސާޖިދު އާއި ތައްބޫގެ މެދުގައި ގާތް އެކުވެރިކަމެއް އުފެދުނެވެ. ނަމަވެސް ސާޖިދު އާ ލޯބީގެ ގޮތުން ގުޅެން ތައްބޫ ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. ދިވްޔާގެ ހަނދާންތަކާ ވަކިވާން ސާޖިދު އަށް ފަސޭހަ ކަމަކަށް ނުވީމަ އެވެ.
އެންމެ ފަހުން އިންތިޒާރުކޮށްކޮށް ވަރުބަލިވެގެން ތައްބޫގެ ނަޒަރު އެހެން ދިމާލަކަށް އަނބުރާލި އެވެ. އެގޮތުން ސައުތު އިންޑިއާގެ ސުޕަސްޓާ އަކަނޭނީ ނާގްއަރްޖުނާ އާ ލޯބިގެ ގޮތުން ގުޅުނެވެ. މި ގުޅުން 10 ވަރަކަށް އަހަރަށް ދެމިގެން ދިޔަ އެވެ. ނަމަވެސް ކައިވެންޏާ ހަމައަކަށް ނުދެ އެވެ.
ނާގްއަރްޖުނާ އާއި ތައްބޫގެ ވާހަކަތައް ދެކެވެމުން ދިޔައިރުވެސް ނާގްއަރްޖުނާ އަކީ ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އެހެންވެ ތައްބޫ އާ ކައިވެނީގެ ގޮތުން ގުޅެވޭނެ ގޮތެއް ނާގްއަރްޖުނާ އަކަށް ނެތެވެ. އެންމެ ފަހުން ދެ މީހުން 10 އަހަރު އެކުގައި އުޅެފައި ވަކިވީ އެވެ.
ތައްބޫ 2014ގައި ދިން އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި އޭނާގެ ލޯބީގެ ދިރިއުޅުމާ ގުޅޭ ގޮތުން މީޑީއާ ތަކުން އަބަދާ އަބަދު ފަތުރަމުންދާ ޚަބަރުތަކާ ހެދި އެނާއަށް ރަނގަޅަށް ޒަވާޖީ ހަޔާތެއް ފެށޭ ގޮތް ނުވީ ކަމަށެވެ.
ތައްބޫގެ ފަހުގެ އިންޓަވިއު އެއްގައި ޖޯކަކަށް ހަދާފައިވަނީ އޭނާ ކައިވެނިނުކޮށް ހުރީ އަޖޭ ދޭވްގަން އާ ހެދި ކަމަށެވެ. އަޖޭ އާއި ތައްބޫގެ އެކުވެރިކަން 25 އަހަރަށް ވުރެ ގިނަ ދުވަހަކަށް ދެމިގެން ގޮސްފައި ވެއެވެ.
ތައްބޫ ބުނީ އޭނާގެ ދެބެންގެ ދެ ދަރި ސަމީރް އާރްޔާ އަކީ އަޖޭގެ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ. އެހެންވެ ތައްބޫ ފިރިހެން ކުއްޖަކާ ވާޙަކަ ދައްކާކަން އެނގޭއިރަށް ސަމީރް އާއި އަޖޭ ގޮސް އެ ކުއްޖަކަށް ބިރުދައްކައި ފައްސާލަ އެވެ. އޭނާ އަށް ކައިވެނި ނުކުރެވުމުގެ ޒިންމާ އަޖޭގެ ބޮލުގައި އަޅުވަނީ އެހެންވެ އެވެ.