ބޮލީވުޑް

ކަރިޝްމާ އާއި ރަވީނާގެ "ދެ ބުޅަލުގެ އަރާރުން" އަދިވެސް ކުރިއަށް

ކަރިޝްމާ ކަޕޫރާއި ރަވީނާ ޓަންޑަން އަކީ 90ގެ އަހަރުތަކުގައި ބޮލީވުޑްގައި ވަރަށް ވިދާލި ދެ ބަތަލާއިންނެވެ.

މި ދެ ތަރިން ކުޅުނު ފިލްމުތަކާ އެއްވަރަށް އެ ދުވަސްވަރު މި ދެމީހުންގެ މެދުގައި އޮތް ރުޅިވެރިކަމާއި ހަނގުރާމައިގެ ވާހަކަތައް ވެސް މަޝްހޫރުވެގެން ދިޔަ އެވެ.

އޭގެ ފަހުން 30 ވަރަކަށް އަހަރު ފާއިތުވެފައިވީ ނަމަވެސް އަދިވެސް މި ދެ ބަތަލާއިންގެ މެދުގައި ސުލްހަ ގާއިމު ނުވެ އެވެ. ޕާޓީއަކުން ބައްދަލުވިޔަސް އެކަކު އަނެކަކު ފެންނަ ކަމަކަށްވެސް ނުހަދަ އެވެ.

ރަވީނާގެ ކުރީގެ އިންޓަވިއު އެއްގައި ބުނި ގޮތުގައި ކަރިޝްމާގެ ނުފޫޒުން އޭނާ ސޮއިކޮށްފައިވާ ހަތަރު ފިލްމެއް އޭނާއަށް ގެއްލުނެވެ.

"އަންދާޒް އަޕްނާ އަޕްނާ" (1994)ގައި އެކުގައި މަސައްކަތްކުރި ދެ ބަތަލާއިންގެ މެދުގައި އޮތް ރުޅިވެރިކަމުގެ ސިއްރަކީ އަޖޭ ދޭވްގަން އެވެ.

އަޖޭ އެންމެ ކުރިން ރައްޓެހިވީ ރަވީނާއާ އެވެ. ފަހުން ރަވީނާ އާ ރުޅިވެ ކަރިޝްމާއާ ރައްޓެހިވީ އެވެ. މިކަމާ ދެރަވެގެން ރަވީނާ އަމިއްލައަށް މަރުވާން އުޅުނު ކަމަށްވެސް އެ ދުވަސްވަރު ބައެއް ނޫސްތަކުގައި ލިޔެފައި ވެއެވެ. ނަމަވެސް އަޖޭ މި ދެ ބަތަލާއިން ކުރެ އެކަކާ ވެސް ކައިވެންޏެއް ނުކުރި އެވެ. މި ދެ ތަރިންނަށް ލަނޑުދީފައި ގޮސް އަޖޭ ކައިވެނިކުރީ ކާޖޮލްއާ އެވެ.

ރަވީނާގެ ވަރަށް ފަހުގެ އިންޓަވިއު އެއްގައި އޭނާއަށް ހުށަހެޅުނު އެއް ސުވާލަކީ 90ގެ އަހަރުތަކުގައި މަސައްކަތްކުރި ބަތަލާއިންގެ ތެރެއިން މިހާރު ވެސް އޭނާއާ ރައްޓެހިކަން އޮތީ ކޮން ބަތަލާއިންނަކާތޯ އެވެ؟

ޖަވާބުގައި ރަވީނާ ބުނީ ޖޫހީ ޗައުލާ، މާދުރީ ޑިކްޝިޓް، ޝިލްޕާ ޝެޓީ، ޝްރީދޭވީ، ކާޖޮލް، ރާނީ މުކަރުޖީ، ނީލަމް އަދި މަނީޝާ ކޮއިރާލާއާ އޭނާގެ ގުޅުން އަބަދުވެސް ވަރަށް ރަނގަޅު ކަމަށެވެ. އަދި މިހާރުވެސް މީގެން ބަތަލާއަކާ ބައްދަލުވާ ފަހަރު ފަހަރު ވަރަށް ވާހަކަ ދައްކާ މަޖާ ކުރާ ކަމަށެވެ. ނަމަވެސް ކަރިޝްމާގެ ވާހަކަ ރަވީނާ ނުބުނެ އެވެ.

އެހެންވެ ކަރިޝްމާއާ މިހާރު ރައްޓެހިތޯ ނޫސްވެރިޔާ ސުވާލު ކުރި އެވެ. ޖަވާބުގައި ރަވީނާ ބުނީ ކަރިޝްމާގެ އެކުވެރިންނަކީ މުޅީން އެހެން ބަޔަކަށް ވާތީ ޕާޓީއެއް ފަދަ ތަނަކުން ބައްދަލުވިޔަސް އެމީހުން ވާހަކަ ދައްކާ ނުހަދާ ކަމަށެވެ.

ކޯރިއޮގްރާފަރު ފަރާ ޚާން ވެސް ތަންކޮޅެއް ކުރިން ވަނީ ކަރިޝްމާ އާއި ރަވީނާގެ 'ދެބުޅަލުގެ އަރާރުމުގެ' ވާހަކަތައް ކިޔައިދީފަ އެވެ.

"ކޮފީ ވިތު ކަރަން"ގެ 2007ގައި ދެއްކި އެޕިސޯޑެއްގައި ވާހަކަ ދައްކަމުން ފަރާ ބުނީ ކަރިޝްމާ އާއި ރަވީނާ ވަރަށް ތަޅާފޮޅާ އަރާރުންވީ ބަޔަކު އޭނާ މުޅި ކެރިއަރުގައި ވެސް ނުދެކޭ ކަމަށެވެ.

ސަންޖޭ ގުޕްތާ ޑައިރެކްޓްކުރި "އާތިޝް: ފީލް ދަ ފަޔާ" (1994)ގައި ފަރާ އަށް ރަވީނާ އާއި ކަރިޝްމާ އެކުގައި ނަށާ ނެށުމެއް ކޯރިއޮގްރާފް ކޮށްދޭން ޖެހުމުން ކަން ދިމާވި ގޮތް ފަރާ ކިޔައިދިނެވެ.

"އެ ދެ މީހުންގެ މެދުގައި ޓީންއޭޖް ކުދިންގެ އެ އޮންނަ ރުޅިވެރިކަން ކަހަލަ ރުޅިވެރިކަމެއް އޮތް. ދެ މީހުން އެކަކު އަނެކަކު ގައިގައި ވިގުން ތަޅައި، ހައި ހީލްސްގައި ތިބެ އެކަކު އަނެކަކުގެ ފަޔަށް އަރައި ކުޑަކުދިން އުޅޭގޮތަށް ތަޅާފޮޅާ ހެދި. އެމީހުންނަށް މިހާރު އެކަންކަން ހަނދާންވީމަ ވަރަށް ހިނިއަންނާނެކަން ޔަގީން،" ފަރާ ކިޔައިދީފައި ވެއެވެ.