ބޮލީވުޑް

ކާޖޮލް އާއި އަޖޭގެ ލޯބީގެ ވާހަކަ ފިލްމަކަށް ދުލެއް ނުކުރޭ!

ކާޖޮލް އާއި އަޖޭ ދޭވްގަން އަކީ ބޮލީވުޑްގެ އެންމެ ނަން މަޝްހޫރު މީހުންގެ ތެރޭގައި ހިމެނޭ ދެމަފިރިންނެވެ. މި ދެ އެކްޓަރުންގެ ކައިވެންޏަށް މިހާރު 24 އަހަރު ފުރިފައިވާއިރު އަންހެން ދަރިއަކާއި ފިރިހެން ދަރިއަކު ލިބިފައި ވެއެވެ.

ކާޖޮލްގެ ފަހުގެ އިންޓަވިއު އެއްގައި އޭނާ އާއި އަޖޭގެ ލޯބީގެ ވާހަކަތައް ހިއްސާ ކޮށްފައި ވެއެވެ. ކާޖޮލް ބުނި ގޮތުގައި އަޖޭއާ ފުރަތަމަ ފަހަރަށް ބައްދަލުވީއިރު އެ ދެ މީހުން ވެސް އުޅެނީ އެހެން ދެ މީހަކާ ރައްޓެހިވެގެންނެވެ.

"އަހަރެމެން ފުރަތަމަ ފަހަރަށް ފިލްމެއްގެ ސެޓުން ބައްދަލުވިއިރު އަޖޭގެ ވެސް ލޯބިވެރިޔަކު ހުރި. އަހަރެން ވެސް އުޅެނީ މީހަކާ ރައްޓެހިވެގެން. އެ ފިލްމުގެ މަސައްކަތް ކުރިއަށް ދިޔައިރު އަހަރެމެންގެ މެދުގައި ގާތް އެކުވެރިކަމެއް އުފެދުނު،" ކާޖޮލް ކިޔައިދިނެވެ.

ކާޖޮލް ބުނި ގޮތުގައި ފިލްމުގެ ޝޫޓިން ވަކި ހިސާބަކަށް ދިޔައިރު އޭނާ އާއި އަޖޭގެ އެކުވެރިކަން އެއަށް ވުރެ ތަންކޮޅެއް ބަދަހިވެއްޖެ އެވެ. އަދި ދެ މީހުން ވެސް އެމީހުން ރައްޓެހިވެގެން އުޅުނު މީހުންނާ ރުޅިވެ އެކަކު އަނެކަކާ ގުޅުނީ އެވެ.

މިހާ ގިނަ ދުވަސް ވަންދެން ކައިވެނި މަތީގައި ދެމި ތިބެވުމުގެ ސިއްރަކީ ކޮބައިތޯ ސުވާލުކުރުމުން ކާޖޮލް ބުނީ އެއީ "އެހާ ފަސޭހަ"ކަމެއް ނޫން ކަމަށެވެ.

ކައިވެނި ސަލާމަތްކުރަން ކޮންމެ ދުވަހަކުވެސް ގިނަގުނަ މަސައްކަތް ކުރަން ޖެހޭ ކަމަށް ކާޖޮލް އެއްބަސްވި އެވެ.

"ދެ މީހުންނަށް ވެސް އުމުރުން ދުވަސް ވާވަރަކަށް މިޒާޖާއި އުޅުމަށް ވެސް ބަދަލު އައިސްފައިވަނީ. އަހަރެން އުމުރުން 21 އަހަރުގައި އުޅުނު ދިރިއުޅުމެއް ނޫން މިހާރު އުޅެނީކީ. އަދި އަޖޭ ވެސް 30 އަހަރުގައި އުޅުނު ގޮތާއި މިހާރުގެ ދިރިއުޅުން ވަރަށް ތަފާތު. އެހެންވެ މި އަންނަ ބަދަލުތަކަށް ހޭނި ކައިވެނި ދެމެހެއްޓޭނީ ވަރަށް މަސައްކަތުން،" ކާޖޮލް ބުންޏެވެ.

ކާޖޮލް އިތުރަށް ބުނީ މިހާ ގިނަ ދުވަސް ކައިވެންޏަށް ވީއިރުވެސް އަދިވެސް ދެ މީހުން އެކަކު އަނެކަކަށް ޝައުގުވެރިވާ ކަހަލަ ކަންކަން ހުންނަ ކަމަށެވެ.

ކާޖޮލްގެ ކުރިން އަޖޭ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކަރިޝްމާ ކަޕޫރާ ރައްޓެހިވެގެން އުޅުނެވެ. އަދި ރަވީނާ ޓަންޑަންއާ އެކު ވެސް އެއް ދުވަސްވަރެއްގައި ލޯބީގެ ގޮތުން ގުޅިގެން އުޅެފައި ވެއެވެ.