ބޮލީވުޑް

އަޖޭ ދެކެ ރުޅި އައިސްގެން ކާޖޮލް ދާން އުޅުނު

ބޮލީވުޑް ބަތަލުންނާއި ބަތަލާއިންގެ ސިއްރު ލޯބީގެ ގުޅުންތަކުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކަ ތަކެކެވެ. ބައެއް ފަހަރު މި ކަހަލަ ވާހަކަތައް މާ ބޮޑަށް ސީރިއަސްވެ ބައެއް އެކްޓަރުންގެ ކައިވެނީގައި މައްސަލަތައް ޖެހި ވަރިއާ ހަމަޔަށް ވެސް ގޮސްފައި ވެއެވެ. މިއީ ވެސް ހަމަ އެ ކަހަލަ ވާހަކަ އެކެވެ. އަޖޭ ދޭވްގަން އާއި ކާޖޮލްގެ ކައިވެނީގައި ޖެހުނު މައްސަލަތަކެއްގެ ވާހަކަ އެވެ.

މީގެ 22 އަހަރު ކުރިން އަޖޭ އާއި ކާޖޮލް ކައިވެނިކުރީ ފިލްމެއްގެ ޝޫޓިންގަކުން ދިމާވެ ވަރަށް ގަދަޔަށް ލޯބިވެގެން އުޅުމަށް ފަހުގަ އެވެ. ކިތަންމެ ލޯބިން ކައިވެނި ކުރިޔަސް ކައިވެންޏަށް ފަހު މައްސަލައެއް ނުޖެހި އުޅެވޭ ދެމަފިރިއަކު ނުހުންނާނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެގޮތުން އަޖޭ އާއި ކާޖޮލްގެ ކައިވެނީގައި ވެސް މައްސަލަތައް ވަރަށް ގިނައިން ޖެހުނެވެ. ނަމަވެސް މި މައްސަލަތަކުން އެ ދެމަފިރިންނަށް އަރައިގަނެވުނީ މައްސަލަތަކަށް ވުރެ ދެ މީހުންގެ ހިތުގައި އޮތް ލޯތްބާއި ގަދަރު އިތުރުވީމަ އެވެ. އަދި އެކަކު އަނެކަކަށް ކުރާ އިތުބާރުގެ ބޮޑުކަމުންނެވެ.

މި ކައިވެނީގައި މައްސަލަތައް ދިމާވާން ފެށީ "ވަންސް އަޕޯން އަ ޓައިމް އިން މުމްބައީ" ގެ ސެޓުން އަޖޭ އާއި ކަންގަނާ ރަނާވަތު އާ ބައްދަލުވީ ހިސާބުންނެވެ. މި ފިލްމުގައި އަޖޭ އާއި ކަންގަނާ ކުޅުނީ ދެ ލޯބިވެރިންގެ ބައެވެ. އެއާއެކު ހަގީގީ ދިރިއުޅުމުގައި ވެސް މި ދެ އެކްޓަރުން އެކަކު އަނެކަކާ ގަޔާ ވާން ފެށި އެވެ. ދުވަހެއް ދުވަހަކަށް މި ދެ މީހުންގެ ގުޅުން އިތުރަށް ބަދަހިވަމުން ދިޔަ ކަމަށް ބޮލީވުޑް ރިޕޯޓުތައް ބުނެ އެވެ.

މި ވާހަކަތައް މާ ބޮޑަށް ދެކެވެން ފެށުމުން ކާޖޮލްގެ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ. އަދި ދަރިން ގޮވައިގެން ގެއިން ނުކުމެގެންދާނެ ކަމުގެ އިންޒާރު އޭނާ އަޖޭ އަށް ދޭން ފެށި އެވެ. ނަސީބަކުން ކާޖޮލް ގެއިން ނުކުމެގެން ނުދަނީސް އެ މައްސަލަ ހައްލު ކުރުމުގައި އަޖޭ އަށް ކާމިޔާބު ހޯދުނެވެ. ކާޖޮލްގެ ރުޅިގަނޑު މަޑުކުރުމުގައި އަޖޭ ހެދި އުކުޅެއް ނޭނގެ އެވެ. ނަމަވެސް ފަހުން ކާޖޮލް ހުރީ މުޅިން ހަމަޖެހިފަ އެވެ.

ކައިވެނީގެ ބޭރުން ހިންގާ ގުޅުންތަކާ ބެހޭ ގޮތުން ފަހުން އަޖޭ ދިން އިންޓަވިއު އެއްގައި ވާހަކަ ދައްކާފައި ވެއެވެ. އަޖޭ ބުނަނީ ކައިވެނިގެ ބޭރުގެ ގުޅުން ތަކަކީ ވެސް މުޅިއަކުން ނުވާ ކަމެއްކަމަށް ބުނާނެ ޖާގަ ނެތް ކަމަށެވެ. ނަމަވެސް ބައެއް ފަހަރަށް ދެ މީހަކު ތަންކޮޅެއް ގާތްކޮށް އުޅެލާއިރަށް އެކަން މާ ބޮޑުކޮށްގެން މީޑިއާތަކުން ފަތުރަން ފަށާ ކަމަށް އަޖޭ ތުހުމަތު ކުރި އެވެ. އަދި އެއްވެސް މީހަކާ އޭނާ އާ އަޅުވާ ކިޔުމުގެ ފުރުސަތު މީޑިއާ ތަކަށް އޭނާ ނުދޭ ކަމަށް އަޖޭ ބުންޏެވެ. އަދި ކުރާ މަސައްކަތާއި ގެއިން އޭނާއަށް ހިތްހަމަޖެހުން ލިބޭ ކަމަށް އަޖޭ ބުންޏެވެ.