ބޮލީވުޑް

ކަންގަނާއަށް ލޯބި ވެވިއްޖެ، ވަރަށް އަވަހަށް ކައިވެނިކުރާނެ!

ކަންގަނާ ރަނާވަތުގެ ވާހަކަތަކަކީ ވަރަށް މަޖާ އެހާމެ ޝައުގުވެރި ވާހަކަ ތަކެކެވެ. އޭނާގެ އަނގަ ގަދަކަމުން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ރުޅި އަރުވާލާފައި އަބަދުވެސް ތިބޭތީ އެވެ. ރިތިކް ރޯޝަން އާ ލޯބީގެ ގޮތުން ގުޅިގެން ގިނަ ދުވަސް ތަކަކު އުޅުނު ވާހަކަ ކަންގަނާ ދެއްކުމުން ރިތިކް އެކަން ދޮގު ކުރި އެވެ. އަދި މިއީ ވެސް ގިނަ ބަޔަކު މަޖާ ވެގެން އަދިވެސް ދައްކާ ވާހަކަ އެކެވެ.

ދާދިފަހުން ކަންގަނާ ބުނި ގޮތުގައި އޭނާއަށް މީހަކު ދެކެ ލޯބި ވެވިއްޖެ އެވެ. އަދި ވަރަށް އަވަހަށް ކައިވެނީގެ ޚަބަރުތައް އެންމެންނަށް ލިބޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

"ކުރިޔަށް އޮތް ފަސް އަހަރު ތެރޭ ކައިވެނި ކޮށްގެން ދަރިން ހޯދައިގެން ދިރިއުޅެން އަހަރެން އުންމީދު ކުރަން،" ކަންގަނާ ބުންޏެވެ.

ކަންގަނާ ބުނި ގޮތުގައި މީހެއްގެ އަންބަކަށް ވާން އޭނާ ބޭނުމެވެ. އަދި ދަރިންތަކެއްގެ މަންމައަކަށް ވާން ވެސް އެހާ ބޭނުމެވެ. އެހެންވެ ކުރިޔަށް އޮތް ތަނުގައި މީހުންނަށް އޭނާ ފެންނާނީ ތަފާތު މީހެއްގެ ގޮތުގަ އެވެ.

އޭނާގެ ހަޔާތުގައި މިހާރު ޚާއްސަ މީހަކު އެބަހުރިތޯ ނޫސްވެރިއަކު ސުވާލުކުރުމުން ކަންގަނާ ބުނީ "އާއެކޭ" އެވެ. ނަމަވެސް އެއީ ކާކުކަން ކަންގަނާ ނުބުންޏެވެ.

"އެންމެންނަށް ވެސް ވަރަށް އަވަހަށް އެއީ ކާކުކަން އެނގޭނެ،" އޭނާ ބުންޏެވެ.

އިންޑިޔާ ރައްޔިތުންނަށް އެ ގައުމުގެ ސަރުކާރުން ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ޕަދްމާ ޝްރީ ދާދިފަހުން ކަންގަނާ އަށް ވަނީ ލިބިފަ އެވެ. އޭނާއަށް އެވޯޑު ލިބުނީ ޕާފޯމިން އާޓްސްގެ ރޮނގުން ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. އޭނާ ތަންކޮޅެއް ކުރިން ބުނެފައިވާ ގޮތުގައި އިންޑިޔާގެ ސިޔާސީ މައިދާނުން ވެސް އޭނާ ފެނުމަކީ ދުރުކަމެއް ނޫނެވެ.