ބޮލީވުޑް

ލޯބިވިޔަސް ކައިވެނި ދަމަހައްޓަން އުނދަގޫ: އަޖޭ

އަޖޭ ދޭވްގަން އާއި ކާޖޮލް 1999 ގައި ކައިވެނިކުރިއިރު އެމީހުންނަކީ ފިލްމީ ރޮނގުން ވަރަށް ކުރިއަށް ގޮސްފައި ތިބި ދެ ތަރިންނެވެ.

އެމީހުން ފުރަތަމަ ބައްދަލުވީ 1995ގައި ކުޅުނު "ހަލްޗަލް"ގެ ސެޓުންނެވެ. އަދި ދުވަސްކޮޅެއް ނުވެ ރައްޓެހިވެ ވަރަށް އަވަހަށް ކައިވެނިކުރި އެވެ.

އަޖޭ އާއި ކާޖޮލްގެ ކައިވެންޏަށް 23 އަހަރު ފުރިފައިވާއިރު އެ މީހުންނަށް ދެ ދަރިން ލިބިފައިވެ އެވެ.

ދާދިފަހުން އަޖޭ ދީފައިވާ އިންޓަވިއު އެއްގައި ކައިވެނީގެ މަތީގައި ދެމި ތިބުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި ވެއެވެ.

އަޖޭ ބުނި ގޮތުގައި އޭނާ އާއި ކާޖޮލްގެ ކައިވެނީގައި ވެސް ގިނަ މައްސަލަތައް ޖެހެ އެވެ. ނަމަވެސް ދަރިން ލިބުމަށްފަހު ދެ މީހުންގެ މެދުގައިވާ ޚިޔާލު ތަފާތުވުންތައް އެއްފަރާތް ކުރަން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް އަޖޭ ބުންޏެވެ.

އަޖޭ ބުނި ގޮތުގައި ދެ މީހަކު ކިތަންމެ ލޯބިވިޔަސް ކައިވެނީގެ މަތީގައި ދެމި ނުތިބެވުމަކީ އެކަށީގެންވާ ކަމެކެވެ. ޚުދު އޭނާ އަކީ ވެސް އެހާ ރޮމެންޓިކް މީހެއް ނޫން ކަމަށް އަޖޭ ބުންޏެވެ.

"އަހަންނަކީ މީހުންނަށް ވަރަށް ކެއާ ކުރާ އޯގާތެރި މީހެއް. އެކަމަކު އެހާ ބޮޑަށް ރޮމެންޓިކް ވެގެނެއް ނޫޅެވޭ. ކައިވެންޏަށްފަހު ލޯބި ބަދަލުވާނީ ޕާޓްނާޝިޕް ޒިންމާ ތަކަކަށް. އެގޮތަށް ނޫނީ ކައިވެންޏެއް ކާމިޔާބު ނުވާނެ،" އަޖޭ ބުންޏެވެ.