ބޮލީވުޑް

އަޖޭގެ އެންމެ ބޮޑު ދެ ސިއްރު ކާޖޮލް ފަޅާއަރުވާލައިފި

އަޖޭ ދޭވްގަން އާއި ކާޖޮލް އަކީ ބޮލީވުޑްގެ ޖޯޑު ތަކުގެ ތެރެއިން އެންމެ މަގްބޫލު އެއް ޖޯޑެވެ. ދެ މީހުން ސޯޝަލް މިޑިއާގައި އެކަކު އަނެކަކަށް ތައުރީފުކޮށް ލޯބިވާކަން ހާމަ ނުކުރިޔަސް އަދި ޕާޓީތަކުން މާ ގިނަގިނައިން ނުފެނުނަސް އުފަލުގައި އުޅޭކަން ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.

ދާދިފަހުން އަޖޭ ވަނީ އެޑްވެންޗާ ޝޯ "އިންޓު ދަ ވައިލްޑް ވިތު ބެއާ ގްރިލްސް"ގެ އެޕިސޯޑެއް ރާއްޖޭގައި ޝޫޓްކޮށްފަ އެވެ.

މިއީ ވަރަށް ހިތްވަރުގަދަ ކެރޭ މީހަކަށް ނޫނީ ކުރަން ނުކެރޭ ވަރުގެ ކަންކަން ކުރުވާ ޝޯ އެކެވެ. ޚާއްސަކޮށް އެމީހަކު ކުރަން އެންމެ ހިތްހަމަނުޖެހޭ އަދި ބިރުގަންނަ ކަންތައްތައް މި ޝޯގައި ކުރުވަ އެވެ.

މި ޝޯގައި ދައްކާ ވީޑިއޯ އެއްގައި އަޖޭގެ ބައެއް ސިއްރުތައް އޭނާގެ އަންހެނުން ކާޖޮލް ކިޔައިދީފައިވެ އެވެ. އަދި އަޖޭ ލައްވާ އެކަންކަން ކުރުވަން ކާޖޮލް ވަނީ ޝޯގެ ހޯސްޓުގެ ކިބައިން އެދިފަ އެވެ.

ފުރަތަމަ ސިއްރަކަށް ކާޖޮލް ބުނެފައިވަނީ އަޖޭ އަކީ ވަރަށް މޮޅަށް ކައްކާ މީހެއް ކަމަށެވެ. އަދި ދެވަނަ އަށް އޭނާ ބުނީ އަޖޭ އަކީ ބޯޑަލައިން އޯސީޑީ (އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑާ) ހުންނަ މީހެއް ކަމަށެވެ.

އަޖޭގެ އޯސީޑީ މައްސަލަ ކާޖޮލް ދެކެނީ ވަރަށް އެހެން ކަހަލަ ނަޒަރަކުންނެވެ. ސަބަބަކީ އިނގިލިތަކުން އެއްވެސް ތަނެއްގައި އަތްލަން އަޖޭ ބޭނުން ނުވާތީ އެވެ. ތަނެއްގައި އަތްލައިފިނަމަ އެ ތަނެއްގައި ހުންނަ ވަސް އިނގިލިތަކުގައި ދުވާނެ ކަމަށާއި އަދި އެ ވަސް ދެން ނުފިލާނެ ކަމަށް އަޖޭ އަށް ހީވާ ކަމަށް ކާޖޮލް ބުންޏެވެ.

ޝޯގައި ދައްކާ ވީޑީއޯއެއްގައި ހޯސްޓް ކައިރީ ކާޖޮލް ބުނީ އަޖޭ އަށް އެންމެ ނުބައިވަސް ދުވާ އެންމެ އެންމެ ހުތުރުކޮށް ހުންނަ އެންމެ ރަހަ ނުބައި ކާއެއްޗެތި އަތުން ކާން ޖެއްސުމަށެވެ. އެއަށްވުރެ އަޖޭ އަށް އުނދަގޫވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.