ރިތިކް ރޯޝަން މިހާރު ލޯބިވެގެން އުޅޭ ސަބާ އާޒާދު އާއި ރިތިކްގެ ކުރީގެ އަނބިމީހާ ސުޒާން ޚާންގެ އޮންނަ އެކުވެރިކަން ދާދި ފަހުން ސޯޝަލް މިޑިއާގައި ހާމަ ކުރުމުން ގިނަ ބަޔަކު ވަރަށް ހައިރާން ވެއްޖެ އެވެ. ގިނަ ބަޔަކު އެހާ ބޮޑަށް ހައިރާންވީ މިއީ އާއްމުކޮށް ވަރަށް ނުވާ ކަމަކަށް ވާތީ އެވެ. އެކަކު ކައިވެނިކޮށް ވަރި ކުރާ މީހަކާ އޭނާ ދެވަނަ އަށް ކައިވެނިކުރާ ނުވަތަ ލޯބިވާ މީހަކާ ގުޅުމަކީ ނާދިރު ކަމަކަށް ވާތީ އެވެ.
ރިތިކްގެ ކުރީގެ އަނބިމީހާ ސުޒާން އޭނާގެ އިންސްޓަގްރާމްގައި ޝެއާކުރި ސްޓޯރީއެއްގައި ސްޓޭޖުގައި ސަބާ ޕާފޯމްކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ޝެއާ ކުރި އެވެ. ސުޒާން ޝެއާ ކުރި މި ސްޓޯރީގައި ސަބާގެ މޮޅު ކަމާއި ހުނަރުވެރިކަމަށް ތައުރީފުކޮށް ހިތްވަރު ދީފައި ވެއެވެ. މުމްބައިގައި އޮތް އިވެންޓެއްގައި ސަބާ ޕާފޯމް ކުރާތަން ބަލަން ސުޒާން އާއި ރިތިކްގެ ދެބެންގެ ދެދަރި ޕަޝްމީނާ ގޮސް ތިއްބެވެ. ސުޒާން ސްޓޯރީގައި މި ވާހަކަ ޝެއާކުރީ ޝޯ ބަލާފަ އެވެ.
"ތޭންކް ޔޫ މައި ސޫޒީ" އޭ ބުނެ ސުޒާންގެ މެސެޖަށް ސަބާ ވެސް ޖަވާބު ދީފައި ވެއެވެ. އެހެންވެ މި ދެމީހުންގެ ގުޅުން ވަރަށް ރަނގަޅު ކަމަށް ގިނަ ބަޔަކަށް ވަނީ ގަބޫލު ކުރެވިފަ އެވެ.
ސަބާ އަކީ ބައެއް ފިލްމުތަކުގައި ބަތަލާގެ ރޯލު ކުޅެފައިވާ އެކްޓަރެއްގެ އިތުރުން ސްޓޭޖްތަކުގައި ލަވަ ކިޔާ ލަވަކިޔުންތެރިއެކެވެ. އޭނާ އާއި ނަސީރުއްދީން ޝާހްގެ ދަރިފުޅު އިމާދު ޝާހް ގުޅިގެން އުފައްދާފައިވާ މިއުޒިކް ބޭންޑެއް އޮވެ އެވެ. އެ ދެ މީހުން މި ބޭންޑް އުފައްދައިގެން އެކުގައި ޕާފޯމްކުރާތާ 10 ވަރަކަށް އަހަރު ވެއްޖެ އެވެ.
އިންޑިޔާގެ ނޫސްތަކުން ބުނާ ގޮތުގައި ސަބާ އާއި އިމާދު ބޭންޑް އުފެއްދި ފަހުން ލޯބި ވެގެން ވެސް ހަތް އަހަރު އުޅުނެވެ. ނަމަވެސް މީގެ ދެ ތިން އަހަރު ކުރިން އެމީހުން ވަނީ ރުޅިވެފަ އެވެ. ނަމަވެސް ލޯބީގެ ގުޅުން ކެނޑުނަސް ދެ މީހުންގެ ބޭންޑް އުވައެއް ނުލަ އެވެ. އަދި ދެ މީހުން އެކުގައި ސްޓޭޖުތަކުގައި މިހާރު ވެސް ޕާފޯމަންސް ދެއެވެ.
ސުޒާން މިހާރު ރައްޓެހި ވެގެން އުޅެނީ ޓީވީ އެކްޓަރު އަރްސަލާން ގޯނީ އާއެވެ.
ސަބާ އާއި ރިތިކްގެ ލޯބީގެ ގުޅުން ފަޅާ އެރީ ދާދިފަހުންނެވެ. އެއީ ދެ މީހުން އެކުގައި އަތާއަތް ގުޅާލައިގެން ރެސްޓޯރަންޓަކުން ނުކުންނަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ލީކުވުމުންނެވެ. އޭގެ ފަހުން ދެ މީހުން ވަރަށް ގިނައިން ބޭރުތެރޭގައި އެކުގައި އުޅޭތަން ފެނެ އެވެ.
ރިތިކް އަށް ވުރެ ސަބާ 15 ވަރަކަށް އަހަރު ހަގެވެ. އެހެންވެ ފުރަތަމަ މި ދެ މީހުން އަތާ އަތް ގުޅާލައިގެން ދަނިކޮށް ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ލީކުވުމުން ބައެއް މީހުން މިކަމަށް ވަރަށް މަލާމާތް ކޮށްފައި ވެސް ވެއެވެ.