ބޮލީވުޑް

ރިތިކް ރޯޝަން އާއި ސަބާ އާޒާދު ކައިވެނި ކުރަނީތަ؟

ސަބާ އާޒާދު އާ ލޯބީގެ ގޮތުން ގުޅުނު ފަހުން ރިތިކް ރޯޝަން އަބަދުވެސް ހުންނަނީ ވަރަށް އުފަލުންނެވެ. އަދި ސަބާ އަކީ އޭނާގެ ލޯބިވެރިޔާކަން ސިއްރު ކުރާކަށް ވެސް ރިތިކް އެއްގޮތަކަށް ވެސް ނޫޅެ އެވެ. ބޭރު ތެރޭން ދެ މީހުން އެކުގައި އުޅޭއިރު އަބަދުވެސް ރިތިކް ހުންނަނީ ސަބާ އާ އަތު ގުޅުވާލައިގެންނެވެ.

އިންޑިއާގެ ބައެއް މީޑިއާ ތަކުން ބުނާ ގޮތުގައި ސަބާ އާ ވަރަށް އަވަހަށް ކައިވެނިކުރަން ރިތިކް ވަނީ ނިންމާފަ އެވެ. ރިތިކް ކުރިން ކައިވެނިކުރީ ސުޒާން ޚާން އާއެވެ. ސުޒާން އާއި ރިތިކް އަށް ދެ ފިރިހެން ދަރިން ލިބިފައި ވެއެވެ.

ރިތިކް އާއި ސަބާގެ ކައިވެނީގެ ވާހަކަތައް މީޑީއާ ތަކުން ފެތުރިޔަސް އެމީހުންގެ ގާތް އެކުވެރިޔަކު ބުނި ގޮތުގައި ރިތިކް ވެސް އަދި ސަބާ ވެސް އަދި ކައިވެންޏަކާ ދޭތެރޭ ނުވިސްނަ އެވެ. އެމީހުން ބޭނުންވަނީ އަދި މި ދުވަސްވަރު ޗުއްޓީއަށް ތަންތަނަށް ގޮސްލައި އުފަލާއި މަޖަލުގައި އުޅޭށެވެ.

ރިތިކްގެ ކުރީގެ އަނބިމީހާ ސުޒާން އާއި ސަބާގެ ގުޅުން ވަރަށް ރަނގަޅެވެ. އަދި ރިތިކްގެ ދަރިން ވެސް ސަބާ ދެކެ ވަރަށް ލޯބިވެ އެވެ. ވީމާ މާ އަވަސްއަރުވާލައިގެން ކައިވެނިކުރުމުގެ ބޭނުމެއް އޮތް ކަމަކަށް އެމީހުން ނުދެކެ އެވެ.

އެ މީހުން ކޮންމެހެން ކައިވެނި ކުރަން ބޭނުންތޯ އަދި ދެ މީހުން ވެސް ވިސްނަމުންދާ ކަމަށް އެމީހުންގެ އެކުވެރިޔާ ބުނެފައި ވެއެވެ.

ސަބާ އަކީ ލަވަކިޔުންތެރިއެކެވެ. އަދި ލަވަ ލިޔެ މިއުޒިކް ވެސް ކުޅޭ މިއުޒީޝަނެކެވެ. ސަބާ ލިޔާ ލަވަތައް ސުޒާން އަށް ވަރަށް ކަމުދެ އެވެ. އެހެންވެ ސަބާ ބައެއް ލަވަތައް ލިޔެފައި އެ ކިޔުމުގެ ކުރިން ސުޒާން އާ ހިއްސާކޮށް އޭނާގެ ޚިޔާލު ހޯދަ އެވެ. އަދި ޚުދް ރިތިކް އަކީ ވެސް ސަބާގެ މިއުޒިކީ މަސައްކަތްތަކާ ވަރަށް ގަޔާވާ އޭނާގެ ފޭނެކެވެ. އަދި ރިތިކްގެ ދަރިންނަށް ވެސް ވެސް ސަބާގެ މިއުޒިކާއި ލަވަތައް ވަރަށް ކަމުދެ އެވެ.

ރިތިކްގެ މައިންބަފައިން ވެސް ސަބާ އާ ގަޔާވެ އެވެ. ވީމާ ރިތިކް އާ ކައިވެނި ކުރުމަކަށް ސަބާ އަކަށް މާ ބޮޑު ހުރަހެއް ނެތެވެ. ބައެއް ނޫސްތަކުން ބުނަނީ ވަރަށް އަވަހަށް މި ކައިވެނީގެ ރަނގަބީލުގެ އަޑު އިވިދާނެ ކަމަށެވެ.