ބޮލީވުޑް

ސިއްހީ ބޮޑެތި ބަލިތައް ތަހައްމަލު ކޮށްފައިވާ ތަރިން

ފަންނާނުންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ބަޔެކެވެ. ޚާއްސަކޮށް ބޮލީވުޑްގައި މަސައްކަތްކުރާ ފަންނާނުން ދުވާލުގެ ގިނަ ވަގުތުތަކުގައި ފިލްމުތަކުގެ ޝޫޓިންތަކުގައި އުޅެ އެވެ. އަދި ރޭގަނޑު ނުނިދާ ވެސް ބައެއް އެކްޓަރުން ޝޫޓްތަކުގައި ބައިވެރިވެ އެވެ.

ފިލްމުތައް ބަލާ މީހުންނަށް އެ ފިލްމެއްގައި އުޅޭ އެކްޓަރުންގެ ސިއްހީ އެއްވެސް މައްސަލައެއް ހުއްޓަސް އެކަމެއް ފާހަގައެއް ނުކުރެވެ އެވެ. ނަމަވެސް މީގެ ތެރެއިން ބައެއް ތަރިންނަކީ ހަގީގަތުގައި ވަރަށް ބޮޑެތި ސިއްހީ މައްސަލަތައް ތަހައްމަލުކޮށްފައިވާ ބައެކެވެ.

އެގޮތުން ދީޕިކާ ޕަދުކޯން، ރިތިކް ރޯޝަން، ސަލްމާން ޚާން، ރަޖްނީކާތު ފަދަ ތަރިންނަކީ ބޮޑެތި ބަލިތައް ކުރިމަތިވެ އެކަމުގައި ގިނަ ދުވަސްތަކަކު އުޅެފައިވާ ބައެކެވެ.

ރިތިކް ރޯޝަން – ރިތިކް އަކީ ކުޑައިރު އަޅައިއަޅައިގަނެފައި ވާހަކަ ދެއްކުނު ކުއްޖެކެވެ. ފަހުން އޭނާއަށް ސްޕައިނަލް ސްޓެނޯސިސް ކިޔާ ސީރިއަސް ބައްޔެއް ޖެހުނެވެ. މި ބަލި ޖެހުމުން ސްޕައިނަލް ކޯޑުގައި ގުދުލައެވެ. މިކަން ރަނގަޅުކުރަން އޭނާ ވަނީ ވަރަށް ބޮޑު ސާޖަރީއެއް ހަދާފަ އެވެ. އަދި މިހާރު ވެސް އޭނާ މި ބަލި ތަހައްމަލުކުރަމުންދާ ކަމަށް ވެއެވެ.

ރަޖްނީކާންތު – ރަޖްނީ ވެސް ވަނީ ބްރޮންކައިޓިސް ކިޔާ ބައްޔަކަށް ހޮސްޕިޓަލުގައި އެޑްމިޓްވެގެން ވެސް ފަރުވާ ހޯދާފަ އެވެ.

ސަލްމާން ޚާން – ސަލްމާނަކީ ޓްރައިޖެމިނަލް ނިއުރެލްޖިއާ ކިޔާ ބައްޔެއް ތަހައްމަލުކުރަމުންދާ މީހެކެވެ. މި ބަލިޖެހުމުން މޫނުގެ އެކި ހިސާބަށް ވަރަށް ގަދަ ވޭނެއް އިހްސާސް ކުރެވޭނެ އެވެ.

ދީޕިކާ ޕަދުކޯން – ދީޕިކާ އަކީ ޑިޕްރެޝަންގެ މައްސަލަތައް ވަރަށް ބޮޑަށް ހުންނަ މީހެކެވެ. ދޭތެރެއަކުން އޭނާގެ މައްސަލަ ގޯސްވެ ޑޮކްޓަރީ ފަރުވާ ހޯދަން ޖެހޭ ކަމަށް ޚުދް ދީޕިކާ ވަނީ ބުނެފަ އެވެ. މިހާރު ދީޕިކާ ވަނީ މިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އޮގަނައިޒޭޝަނެއް ވެސް އުފައްދާފަ އެވެ.