ބޮލީވުޑް

ބޮއިކޮޓްކުރަން ގޮވާ މީހުންނަށް "ޕަތާން" ނުހުއްޓުވުނު

ޝާހް ރުކް ޚާންގެ "ޕަތާން" އިއުލާން ކުރީއްސުރެ ފިލްމާ ގުޅޭ ނެގެޓިވް ވާހަކަތައް ދެކެވެމުން ދިޔަ އެވެ. އަދި ފިލްމު ބޮއިކޮޓް ކުރަން ގޮވާ އަޑުތައް ވެސް ގަދަވި އެވެ. ހާއްސަކޮށް ފިލްމުގެ ފުރަތަމަ ލަވަ ރިލީޒްކުރުމާއެކު ގިނަ ބަޔެއްގެ ފާޑުކިއުމުގެ އަމާޒަކަށް ފިލްމު ވިއެވެ. އާއްމުންގެ އިތުރުން އިންޑިޔާގެ ބައެއް ސިޔާސީ ޕާޓީތަކުގެ މެންބަރުން ވެސް ފިލްމު ބޮއިކޮޓް ކުރުމަށް ގޮވައި ބޮޑެތި މުޒާހަރާތައް ވެސް އެ ގައުމުގެ އެކި ހިސާބުތަކުގައި ކޮށްފައި ވެއެވެ. އަދި ސިނަމާތަކަށް ގެއްލުން ދޭނެ ކަމުގެ އިންޒާރުވެސް ބައެއް މީހުން ދިނެވެ.

ނަމަވެސް ޖެނުއަރީ 25 ވަނަ ދުވަހު ފިލްމު ރިލީޒްކުރުމާއެކު މި ހުރިހާ އަޑެއް ވަނީ ކެނޑިފަ އެވެ. ފިލްމަށް އާއްމުން ކުރި ތާއީދާއި ދިން ލޯބީގެ ސަބަބުންނެވެ.

ޕެންޑެމިކްގެ ފަހުން މިހާތަނަށް ރިލީޒްކުރި އެއްވެސް ފިލްމެއް ބަލަން މީހުން ނުވަންނަ ވަރަށް މި ފިލްމު ބަލަން މީހުން ވަންނަމުން އެބަދެއެވެ. ޝޯތައް ހައުސްފުލްވެގެން ގޮސް ހެނދުނު 6.00 ގައި ވެސް ސިނަމާތަކުގައި ޝޯ އެޅުވި އެވެ. އަދި މި ޝޯތައް ވެސް ދަނީ ފުލް ވަމުންނެވެ. މި ފިލްމާ ހެދި މީހުން މޮޔަވެފައިވާ މިންވަރުން ފިލްމު ބޮއިކޮޓް ކުރަން ގޮވި މީހުން ވަނީ ފިލާ ރައްކާވެފަ އެވެ.

"ޕަތާން" އަށް ފުރަތަމަ ދުވަހު އިންޑިޔާ އިން އެކަނިވެސް 50 ކްރޯޑަށް ވުރެ މަތިން ވިޔަފާރި ވިއެވެ. އަދި މުޅި ދުނިޔެއިން 100 ކްރޯޑަށް ވުރެ މައްޗަށް ލިބުނެވެ. މިއީ "ބަހޫބަލީ" ފިޔަވައި އެހެން އެއްވެސް ފިލްމަކަށް މިހާތަނަށް ހެދިފައިވާ ރެކޯޑެއް ނޫނެވެ. ހާއްސަކޮށް ސަރުކާރު ބަންދުނޫން ދުވަހެއްގައި މިހާ ގިނަ މީހުން ސިނަމާތަކަށް ފިލްމު ބަލަން ހިނގައިދާނެ ކަމަކަށް ގިނަ ބަޔަކަށް ހީވެސް ކުރެވިފައެއް ނެތެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް މި ފިލްމު ރިލީޒްކުރުމުގެ ކުރިން ލަފާ ކުރީ ފިލްމަށް 45-50 ކްރޯޑު ފުރަތަމަ ދުވަހު ލިބޭނެ ކަމަށެވެ. ނަމަވެސް އޭނާ ލަފާ ކުރި ވަރަށް ވުރެ ވެސް މާ ރަނގަޅަށް ފިލްމު ހިނގާފައި ވެއެވެ.

އެންމެ ބޮޑަށް ފިލްމުތަކަށް ފާޑުކިޔާ ބަތަލާ ކަންގަނާ ރަނާވަތު އަށް ވެސް "ޕަތާން"ގެ ކާމިޔާބީ އާ މެދު ދެކޮޅެއް ނުހެދުނެވެ. އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ކަންގަނާ ވަނީ ހަގީގަތުގައި ވެސް "ޕަތާން" ވަރަށް ކާމިޔާބު ހޯދަމުންދާ ކަމަށް ގަބޫލުކުރާ ކަމަށް ބުނެފަ އެވެ.

މި ފިލްމުގައި ސަލްމާން ޚާންގެ ކުރު ނަމަވެސް ރޯލެއް ހިމެނިފައިވުމަކީ ބެލުންތެރިން އިތުރަށް ފިލްމު ބަލަން ޝައުގުވެރިވީ ކަމަކަށް ވެފައި ވެއެވެ. އޭނާ ސްކްރީނުން ފެނިލުމާއެކު ސިނަމާ ހޯލުތަކަށް ފިލްމު ބަލަން ގޮސް ތިބި މީހުންތައް ހީވީ ވޯލްޑްކަޕް މެޗެއްގައި ލަނޑެއް ޖެހުނީމާ ހަޅޭއްލަވާ ހެންނެވެ. އެހާ ވެސް ބޮޑު އުފަލަކަށް، މަޖަލަކަށް ސަލްމާނާއި ޝާހް ރުކް އެކުގައި ސްކްރީނުން ފެނުން އެމީހުންނަށް ވިއެވެ.

އަދި ސިނަމާތަކުގައި ފިލްމުގެ ކޮންމެ ލަވައަކަށް އެންމެން ތެދުވެ ނަށާ ބޮޑު ފެސްޓިވަލެއްގައި އުފާ ފާޅު ކުރާ ގޮތަށް ފިލްމު ބަލާ މީހުން އުފާކުރަމުންދިޔަ ތަން ވެސް ފެނިފައި ވެއެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް "ޕަތާން"ގެ ފޯރި ކުޑަވާނެ ކަމަކަށް ޓްރޭޑް އެނަލިސްޓުން މިހާރު ގަބޫލެއް ނުކުރެ އެވެ. އެމީހުން ބުނެފައިވާ ގޮތުގައި މިއީ ބޮލީވުޑް އަލުން ދިރުވަން ވަރަށް ރަނގަޅު ފިލްމަކަށް ވަނީ ވެފަ އެވެ. ޕެންޑެމިކްގެ ފަހުން ފިލްމު ބެލުމަށް ސިނަމާތަކަށް ދާން މީހުން ފޫހިވެފައި ތިބި ތިބުމަށް މި ފިލްމުގެ ސަބަބުން ނިމުން އަންނާނެކަމަށް އުންމީދު ކުރެވޭ ކަމަށް ވެސް އެނަލިސްޓުން ބުނެފައި ވެއެވެ.