ބޮލީވުޑް

"ވީރް-ޒާރާ" ގެއްލުމުން އައިޝްވަރިޔާ އަށް ވަރަށް އަސަރުކުރި

ޔާޝް ޗޯޕްރާ ޑައިރެކްޓްކޮށް، ޝާހް ރުކް ޚާން އާއި ޕްރީތީ ޒިންޓާ ކުޅެފައިވާ "ވީރް-ޒާރާ" އަކީ ލޯބީގެ ފިލްމުތަކުގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް މަގުބޫލު ފިލްމެކެވެ.

މި ފިލްމު އެންމެ ކުރިން ކުޅޭ ގޮތަށް ހަަމަޖެހިފައި އޮތީ ޝާހް ރުކް އާއި އައިޝްވަރިޔާ ރާއީ އެވެ. ނަމަވެސް 2004ގައި ރިލީޒްކުރި މި ފިލްމު ކުއްލިއަކަށް އައިޝްވަރިޔާއަށް ގެއްލުނީ އޭނާ އޭރު ރައްޓެހިވެގެން އުޅުނު ސަލްމާން ޚާނާ ހެދި އެވެ.

އޭރު ޝާހް ރުކް އާއި އައިޝްވަރިޔާ ކުޅެން ފަސް ފިލްމެއްގައި ސޮއިކޮށްފައި ވެއެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ޝާހް ރުކް އަމިއްލައަށް ޕްރޮޑިއުސްކުރި "ޗަލްތޭ ޗަލްތޭ" އެވެ.

އައިޝްވަރިޔާ އާއި ސަލްމާނާ ޖެހުނު މައްސަލައެއްގައި ސަލްމާން ރުޅިގަދަވެ "ޗަލްތޭ ޗަލްތޭ"ގެ ޝޫޓިން އޮތް ތަނަށް ގޮސް އެތަނުގައި ހުރި އެއްޗެހިތައް ތަޅާ ސުންނާފަތިކޮށް ޝާހް ރުކްއާ ދިމާލަށް ވަރަށް ހުތުރު ބަހުން އެއްޗެތި ގޮވި އެވެ. މިކަމާ އައި ރުޅިން އައިޝްވަރިޔާއާ އެކު މަސައްކަތް ނުކުރަން ޝާހް ރުކް ނިންމައި "ޗަލްތޭ ޗަލްތޭ" އިން ވެސް އޭނާ ބޭރުކޮށްލައި ރާނީ މުކަރުޖީއާ އެކު އަލުން މުޅި ފިލްމު ޝޫޓް ކުރީ އެވެ.

"ޗަލްތޭ ޗަލްތޭ"ގެ ޕްރޮޑިއުސަރަކީ އޭނާ ކަމަށް ވާތީ ފިލްމުން އައިޝްވަރިޔާ ވަކިކުރަން އޭނާއަށް މާއުނދަގޫ ކަމަކަށް ނުވި އެވެ. އަދި އެވަރުންވެސް ޝާހް ރުކް އައިސްފައި ހުރި ރުޅި މައިތިރިވާ ގޮތެއް ނުވި އެވެ. އައިޝްވަރިޔާއާ އެކު އޭނާ ކުޅެން ތައްޔާރުވަމުންދިޔަ "ވީރް-ޒާރާ"އިން ވެސް އޭނާގެ ނުފޫޒުން އައިޝްވަރިޔާ ވަކިކުރީ އެވެ.

ސިމީ ގަރެވާލްގެ ޗެޓް ޝޯގައި އައިޝްވަރިޔާ މީގެ އަހަރު ތަކެއް ކުރިން ބައިވެރިވެ ސިމީއާ ވާހަކަދައްކަމުން މިކަމާ ގުޅޭ ވާހަކަތައް ކިޔައިދީފައި ވެއެވެ. އަދި މި ވީޑީއޯ ކްލިޕް މިހާރު އަނެއްކާ ވަނީ ވައިރަލް ވެފަ އެވެ.

އައިޝްވަރިޔާ ބުނި ގޮތުގައި "ވީރް-ޒާރާ"އިން ކުއްލިއަކަށް ވަކިކުރުމުން އޭނާއަށް ވަރަށް އަސަރުކުރި އެވެ. ސަބަބަކީ ޔާޝް ޗޯޕްރާއާ އެކު މަސައްކަތްކުރަން އޭނާ ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.

"ދޭވްދާސް"އިން ލިބުނު ބޮޑު ކާމިޔާބީއާއެކު ޝާހް އާއި އައިޝްވަރިޔާގެ ޖޯޑަށް ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބި އިތުރު ފިލްމުތަކުން އެ ދެ ތަރިން ދެކިލުމަށް ފޭނުން އިންތިޒާރު ކުރަމުން ދިޔަ އެވެ. މި މައްސަލަ ޖެހުނީ އެ ދުވަސްވަރު ކަމަށްވާތީ ޝާހް ރުކް އާއި އައިޝްވަރިޔާގެ ފަސް ވަރަކަށް ފިލްމެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި އޭރު އޮތެވެ.

ނަމަވެސް ސަލްމާނާ ހެދި މި ހުރިހާ ފިލްމެއް އައިޝްވަރިޔާ އަށް ގެއްލުނީ އެވެ. މީގެތެރޭގައި "ޗަލްތޭ ޗަލްތޭ" އާއި "ވީރް ޒާރާ"ގެ އިތުރުން "ޕަހޭލީ" އާއި "މައި ހޫނ ނާ" އަދި "މުންނާބާއީ އެމްބީބީއެސް" ވެސް ހިމެނެ އެވެ.

ސަލްމާނާ އޮތް ހުރިހާ ގުޅުމެއް މުޅިން ކަނޑާލައި އަލުން ބަލުން ދިރިއުޅުން ފަށަން އައިޝްވަރިޔާ ގަސްދުކުރީ މި ސަބަބު ތަކާ ހުރެ އެވެ. އަދި މި މައްސަލަގަނޑުގެ ތެރޭގައި އައިޝްވަރިޔާ، ޝާހް ރުކް ދެކެ އިންތިހާއަށް ރުޅިއައިސް އެތައް އަހަރެއް ވަންދެން ޝާހްއާ ވާހަކަވެސް ނުދައްކާ ހުއްޓެވެ. އަދި އައިޝްވަރިޔާ އާއި ރާނީ މުކަރުޖީގެ އެކުވެރިކަމަށް ވެސް ބުރޫ އެރި އެވެ. ޝާހް ރުކް އެދުނު އެދުމަކަށް "ޗަލްތޭ ޗަލްތޭ" ކުޅެން ރާނީ އެއްބަސްވުމުންނެވެ.

އައިޝްވަރިޔާ ގަބޫލުކުރި ގޮތުގައި އޭނާ ކުޅެމުންދިޔަ ފިލްމަކުން ކުއްލިއަކަށް އޭނާ ވަކިކޮށް ރާނީއަށް ފިލްމު ހުށަހެޅުމުން ފިލްމު ގަބޫލުކުރުމުގެ ކުރިން ރާނީ އޭނާއާ މަޝްވަރާ ކުރަން ޖެހޭނެ އެވެ. ނަމަވެސް އޭނާއަށް ނުވެސް އެނގި ރާނީ މި ފިލްމުގެ ޝޫޓިން ފެށީމަ އައިޝްވަރިޔާ ރުޅި އައީ އެވެ.