ބޮލީވުޑް

"ޓައިގާ ވާސަސް ޕަޓާން"ގައި ޝާހް ރުކް އާއި ސަލްމާން

ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް)ގެ ސްޕައި ޔުނިވާސް އިތުރަށް ފުޅާކުރަން ނިންމައި އާ ފިލްމެއް އިއުލާން ކޮށްފި އެވެ.

އެ ކުންފުނިން އުފެއްދި "ޕަޓާން"ގައި ސަލްމާން ލައްވައި މެހެމާން ރޯލެއް ކުޅުވައި އަދި މިހާރު ޝޫޓްކުރަމުންދާ "ޓައިގާ 3"ގައި ޝާހް ރުކް ލައްވާ މެހެމާން ރޯލެއް ކުޅުވި ސަބަބު އަލަށް އިއުލާން ކުރި ފިލްމާ ގުޅިގެން ވަނީ ހާމަވެފަ އެވެ.

"ޓައިގާ ވާސަސް ޕަޓާން"ގައި ޝާހް ރުކް ކުޅެނީ "ޓައިގާ 3"ގައި އޭނާ ކުޅޭ މެހެމާނު ރޯލުގެ ކެރެކްޓާ އެވެ. ހަމަ އެގޮތަށް މި "ޓައިގާ ވާސަސް ޕަޓާން"ގައި ސަލްމާން ކުޅެނީ "ޕަޓާން"ގައި އޭނާ ފެނުނު ކެރެކްޓާ އިންނެވެ.

"ޓައިގާ ވާސަސް ޕަޓާން"ގެ ޝޫޓިން މިއަހަރު ނިމޭ ހިސާބުގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 2025ގައި ފިލްމު ރިލީޒްކުރަން ޕްރޮޑިއުސަރުން ވަނީ ތާވަލުކޮށްފަ އެވެ.

މިއީ 1995 ގައި ޝާހް ރުކް އާއި ސަލްމާން އެކުގައި ކުޅުނު "ކަރަން އަރްޖުން" އަށް ފަހު މި ދެ ތަރިން ބައިވެރިވެގެން އުފައްދާ ފުރަތަމަ ފިލެމެވެ. މި ދެ ތަރިން އޭގެ ފަހުން އެކަކު އަނެކަކުގެ ފިލްމުގައި މެހެމާނު ރޯލުތައް ކުޅެފައި ވިޔަސް ލީޑް ރޯލު އެކުގައި ކުޅެފައެއް ނުވެ އެވެ.

ފާއިތުވީ ދުވަސްތަކުގައި ޔާސް ރާޖް ސްޕައި ޔުނިވާސް ވަރަށް ހަލަބޮލިވެފައި ވެއެވެ. އެގޮތުން އެ ކުންފުނިން އުފެއްދި ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފްގެ "ވޯ"ގެ ދެވަނަ ބައި "ވޯ 2" އިއުލާން ކޮށްފައި ވެއެވެ. "ވޯ 2"ގެ ޑައިރެކްޓަކަށް ހަމަޖައްސާފައިވަނީ "ބްރަމަސްތުރަ"ގެ ޑައިރެކްޓަރު އަޔާން މުކަރުޖީ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. އަދި ސައުތު އިންޑިއާ ސުޕަސްޓާ ޖޫނިއާ އެންޓީއާރް ވެސް މި ފިލްމުގައި ބައިވެރިކޮށްފައި ވެއެވެ.

ޝާހް ރުކް ޚާނާއި ސަލްމާންގެ "ޓައިގާ ވާސަސް ޕަޓާން"ގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައިވަނީ ސިދާރްތު އާނަންދު އެވެ. ސިދާރްތު އަކީ "ވޯ"ގެ ފުރަތަމަ ބައި އުފެއްދި ޑައިރެކްޓަރެވެ.