ބޮލީވުޑް

ސިދާރްތު އާނަންދް: ބޮލީވުޑްގެ އެންމެ އަގުބޮޑު ޑައިރެކްޓަރަށް

ޖެނުއަރީ 2023ގައި ރިލީޒްކުރި "ޕަޓާން" ބްލޮކްބަސްޓާ އަކަށްވުމުން އެ ފިލްމުގެ ބަތަލު ޝާހް ރުކް ޚާނަށް އަނެއްކާވެސް އޭނާގެ ގެއްލިފައިވާ އެއްވަނަ ބަތަލުގެ މަގާމު އަނބުރާ ލިބުނެވެ. އެއާއެކު އެ ފިލްމުގެ ޑައިރެކްޓަރު ސިދާރްތު އާނަންދްގެ އަގު ހީނުކުރާހާ މައްޗަށް އަރައިގެން ދިޔަ އެވެ.

ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރި "ޕަޓާން" ވަނީ މިހާތަނަށް އިންޑިއާގައި އުފެއްދި އެއްވެސް ފިލްމަކަށް ގާއިމުކުރެވިފައި ނެތް ރެކޯޑްތަކެއް ގާއިމްކޮށް އެހެން ފިލްމުތަކުގެ ގިނަ ރެކޯޑްތަކެއް މުގުރާލާފަ އެވެ.

"ޕަޓާން" މޮޅުކަމުން އެންމެ ފައިދާ ކުރި އެކަކަށް ޑައިރެކްޓަރު ވެފައި ވެއެވެ. ވައިއާރްއެފްގެ ފިލްމުތައް އުފައްދާ ޑައިރެކްޓަރުންގެ ތެރެއިން އެންމެ ބޮޑު ފީއެއް ދޭ ޑައިރެކްޓަރަކީ ވެސް ސިދާރްތު އެވެ.

ވައިއާރްއެފް އިން އަލަށް ޕްރޮޑިއުސްކުރަން ހަމަޖެހިފައިވާ "ޓައިގާ ވާސަސް ޕަޓާން" ސިދާޜްތު ޑައިރެކްޓް ކޮށްދޭނީ 40 ކްރޯޑަށް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ. އެއާއެކު އޭނާ ވެގެން ދާނީ މިހާރު އިންޑިއާގައި ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތްކުރާ މީހުންގެ ތެރެއިން އެންމެ އަގުބޮޑު ޑައިރެކްޓަރަށެވެ.

"ޓައިގާ ވާސަސް ޕަޓާން" އަކީ އަދިތުޔާ ޗޯޕްޅާ ލިޔެފައިވާ އޭނާގެ ހުވަފެނީ ޕްރޮޖެކްޓެކެވެ. މި ފިލްމުގައި ޝާހް ރުކް ޚާނާއި ސަލްމާން ޚާން ލީޑް ރޯލު ކުޅެން ހަމަޖެހިފައި ވެއެވެ.

ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފްގެ ބްލޮކްބަސްޓާ ފިލްމު "ވޯ" އަކީ ވެސް ސިދާރްތު ޑައިރެކްޓްކުރި ފިލްމެކެވެ. ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ވައިއާރްއެފް އިން މި ފިލްމުގެ ދެވަނަ ބައި، "ވޯ 2" ޑައިރެކްޓްކުރަން އަޔާން މުކަރުޖީއާ ވަނީ ހަވާލުކޮށްފަ އެވެ. މި ފިލްމު އަޔާން ޑައިރެކްޓް ކޮށްދޭނީ 32 ކްރޯޑަށެވެ.

ވައިއާރްއެފުން ބޭނުންވަނީ "ޓައިގާ ވާސަސް ޕަޓާން" އަށް ސިދާރްތު މުޅީން ވިސްނައި އެހެން ފިލްމުތަކުގެ މަސައްކަތް ފަހަށް ޖައްސާލުމަށެވެ.

އެހެން ފިލްމު ކުންފުންޏަކާއެކު 65 ކްރޯޑުގެ ޑީލެއްގައިވެސް ސިދާރްތު ސޮއިކޮށްފައި ވެއެވެ. ޕްރަބާސް ބަތަލުގެ ބައި ކުޅެން ހަމަޖެހިފައިވާ މި ފިލްމުގެ މަސައްކަތް ސިދާރްތު ވަނީ އިހަށް މަޑުޖައްސާލާފަ އެވެ. އެއީ "ޓައިގާ ވާސަން ޕަޓާން"ގެ މަސައްކަތް ކުރަން ވެގެންނެވެ. ސަބަބަކީ ހުރިހާ ގޮތަކުން ބެލިޔަސް މި ފިލްމު މާބޮޑު ޕްރޮޖެކްޓަކަށް ވާނެކަން އޭނާއަށް ޔަގީންވާތީ އެވެ. އަދި ސަލްމާނާއި ޝާހް ރުކް އެކުގައި ކުޅޭ ފިލްމެއް ޑައިރެކްޓްކުރަން ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށެވެ.

"ޓައިގާ ވާސަސް ޕަޓާން"ގެ ބަތަލާއިންނަކީ ދީޕިކާ ޕަދުކޯން އާއި ކެޓުރީނާ ކައިފް އެވެ.