ބޮލީވުޑް

ހަ މީހުންނާ ރައްޓެހިވިން، އެންމެން ވެސް ވަރަށް ރަނގަޅު: ސަލްމާން

ސަލްމާން ޚާން ކުޅޭ ފިލްމުތަކުގެ ވާހަކަތަކާ އެއްވަރަށް ނުވަތަ އެއަށް ވުރެ ވެސް ގިނައިން ދެކެވެނީ އޭނާގެ ޒާތީ ދިރިއުޅުމުގެ ވާހަކަތަކެވެ. އޭނާގެ ހަޔާތަށް އެކި ދުވަސްވަރު އައި ލޯބިވެރިންގެ ވާހަކަ ތަކެވެ.

ދާދިފަހުން ސަލްމާން ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި މިހާތަނަށް އޭނާ ހަ މީހުންނާ ރައްޓެހިވެފައި ވެއެވެ. މީގެން އެއްވެސް ގުޅުމެއް ކާމިޔާބު ނުވި ކަމަށާއި އޭނާއަކީ ލޯބީގެ ރޮނގުން ވަރަށް ބަދުނަސީބު މީހެއް ކަމަށް ސަލްމާން ބުންޏެވެ.

"އާޕް ކީ އަދާލަތު" ކިޔާ ޓީވީ ޝޯއެއްގައި ބައިވެރިވެ ސަލްމާން ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވަރަށް ގިނަ ވާހަކަތައް ހިއްސާ ކޮށްފަ އެވެ. ޚާއްސަކޮށް އޭނާ ލޯބިވީ މީހުންގެ ވާހަކަތަކެވެ.

"އަހަންނަށް ހީވަނީ މައްސަލަ އުޅެނީ އަހަރެންގެ ހެން. އަހަރެންގެ ހަޔާތަށް މީހަކު އަންނައިރަށް އެކަން ދިމާވޭ. ހަގީގަތުގައި އަހަރެންގެ ކުރީގެ ލޯބިވެރިންގެ ތެރެއިން އެންމެން ވެސް ވަރަށް ރަނގަޅު. ކުށް އޮތީ އަހަރެންގެ. ސަބަބަކީ އެކަކު އެގޮތަށް އަހަރެން ދޫކޮށްލާފައި ދިޔަ ނަމަވެސް ހިތަށް އަރާފާނެ އެއީ އޭނާގެ މައްސަލައެކޭ. ނަމަވެސް ހަ މީހުން ވެސް އެގޮތަށް ރުޅިވެގެން އެ ދިޔައީ ޔަގީނުން ވެސް މަގާ މައްސަލަތަކެއް އުޅޭތީ. އަހަންނަށް ހީވަނީ އެމީހުން ބޭނުންވާ އުފާވެރި ދިރިއުޅުމާއި ލޯބި ނުދެވިދާނެކަމުގެ ބިރު އަހަރެންގެ ހިތުގައި އޮންނާނީ ދިމާވާ ކަމެއްހެން. މިހާރު އެންމެން ވެސް އެމީހުންގެ އަމިއްލަ ހަޔާތުގައި ވަރަށް އުފާވެރިކޮށް ދިރިއުޅެމުންދަނީ،" ސަލްމާން ބުންޏެވެ.

ސަލްމާންގެ ފުރަތަމަ ލޯބިވެރިޔަކީ ކުރީގެ މަޝްހޫރު އެކްޓަރު އަޝޯކް ކުމާރުގެ ކާފަ ދަރިފުޅު ޝާހީން ޖެފްރީ އެވެ. ޝާހީން އަކީ ބޮލީވުޑްގައި މިހާރު ވަރަށް މަޝްހޫރު ބަތަލާއެއް ކަމަށްވާ ކިއާރާ އަދުވާނީގެ ބޮޑުދައިތަ އެކެވެ. ބުނެވޭ ގޮތުގައި ޝާހީން ދެކެ ސަލްމާން ލޯބި ވީވަރުން އޭނާގެ މައިންބަފައިންނަށް ވެސް ތައާރަފްކޮށްދިނެވެ.

ސަލްމާންގެ ލޯބިވެރިންގެ ތެރެއިން އެންމެ ފުރަތަމަ ނޫސްތަކުގައި ލިޔެވެން ފެށީ އޭރުގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ސަންގީތާ ބިޖިލާނީ އާއި އޭނާގެ ލޯބީގެ ވާހަކަ އެވެ.

ސަންގީތާ އަކީ ސަލްމާނަށް ވުރެ އެތައް އަހަރެއް ދޮށީ މީހެއް ނަމަވެސް ސަންގީތާ އާ ކައިވެނިކުރަން ނިންމައި ދެ މީހުންގެ ކައިވެނީގެ ދައުވަތު ކާޑުވެސް ޗާޕްކުރި އެވެ. ނަމަވެސް ކައިވެނި ނުކުރެވި އުޅެނިކޮށް ސަލްމާންގެ ހަޔާތަށް ސޯމީ އަލީ އައެވެ. ސަލްމާނާ ކައިވެނި ނުކުރަން ސަންގީތާ ނިންމީ ސޯމީ އާއެކު ރެޑްހޭންޑް ކޮށް ހިފާފައި ކަމަށް އެ ދުވަސްވަރު ނުކުތް ނޫސްތަކުގައި ލިޔެފައި ވެއެވެ.

ސޯމީއާ ރައްޓެހިވެގެން ގިނަ ދުވަސް ތަކަކު އުޅުނު ފަހުން ސަލްމާނުގެ ލޮލުގައި އައިޝްވަރިޔާ ރާއީ އަޅައިގަތެވެ. ދެ ތަރިން އެކުގައި "ހަމް ދިލް ދޭ ޗުކޭ ސަނަމް" ކުޅެން ފެށުމާ އެކުގަ އެވެ. އެހިސާބުން ސަލްމާނަށް އައިޝްވަރިޔާ ނޫން އެހެން އެއްވެސް އަންހެންކުއްޖެއް ނުފެނެ އެވެ.

ސަލްމާންގެ ހަޔާތުން އައިޝްވަރިޔާ ދިއުމަށްފަހު ދެން އައީ ކެޓުރީނާ ކައިފް އެވެ. ރަންބީރު ފެނިގެން ސަލްމާން ދޫކޮށްލާފައި ކެޓުރީނާ ދިޔައީ ކަމަށް ވެއެވެ.

މިހާރު ސަލްމާނާ އަޅުވާ ކިޔެނީ އޭނާގެ އެންމެ ފަހުން ރިލީޒްވި ފިލްމު "ކިސީ ކާ ބާއީ ކިސީ ކީ ޖާން"ގެ ބަތަލާ ޕޫޖާ ހެގްޅޭ އާއެވެ. އޭގެ ފަހުން ރޫމޭނިޔާގެ ލަވަކިޔުންތެރިއެއް ކަމަށްވާ އިއުލިއާ ވަންތޫރާއި ބަތަލާ ޒަރީން ޚާން އަދި އައިޝްވަރިޔާ އާ ވަރަށް ވައްތަރު ބަތަލާއެއް ކަމަށްވާ ސްނޭހާ އުއްލާލް އާ ވެސް ސަލްމާނާ ލޯބީގެ ގުޅުން އޮތް ކަމުގެ ވާހަކަތައް ދެކެވިފައި ވެއެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސަލްމާން، 57، އެއްބަސްވީ ގޮތުގައި އޭނާގެ ވެސް އެންމެ އަންބެއް ނަމަވެސް ހުންނަން ޖެހޭނެ ކަމަށް ޚުދް އޭނާ ވެސް ގަބޫލު ކުރެ އެވެ.

"ﷲ އިރާދަކުރެއްވި އިރަކުން އެކަން (ކައިވެނި)ވެސް ވާނެ ކަމަށް އަހަރެން ގަބޫލުކުރަނީ،" ސަލްމާން ބުންޏެވެ.