ބޮލީވުޑް

ވިވެކް އޮބްރޯއީގެ ނާކާމިޔާބު ލޯބީގެ ވާހަކަ

ވިވެކް އޮބްރޯއީ އަކީ ކުރީގެ އެކްޓަރެއް ކަމަށްވާ ސުރޭޝް އޮބްރޯއީގެ ދަރިއެކެވެ. އޭނާ ބޮލިވުޑަށް ތައާރަފްވީ 2002 ގައި ރިލީޒްކުރި ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާގެ "ކޮމްޕެނީ" އިންނެވެ. މި ފިލްމު ކުޅެގެން ހީނުކުރާ ވަރުގެ ބޮޑު ކާމިޔާބެއް ވިވެކްގެ ފިލްމީ ކެރިއަރަށް ލިބުނެވެ. އަދި އެ އަހަރުގެ ބެސްޓް ޑެބިއު އާއި އެނޫންވެސް ގިނަ އެވޯޑުތަކެއް ވިވެކް އަށް ލިބުނެވެ.

ނަމަވެސް އެހިސާބުން އޭނާގެ ކެރިއަރު އިތުރަށް ކުރިއަށް ދާ ގޮތެއް ނުވި އެވެ. އޭނާގެ ޕްރޮފެޝަނަލް މަސައްކަތަށް ވުރެ ލޯބީގެ ވާހަކަތަކާއި އެހެން ފިލްމީ ތަރިންނާ ވީ އަރާރުންތަކުގެ އަޑު ގަދަވުމުން ކެރިއަރު ވަޅުޖެހީ އެވެ.

މީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ވާހަކައަކީ އައިޝްވަރިޔާ ރާއީ އާއި އޭނާގެ ލޯބީގެ ވާހަކަ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ވިވެކް އުޅުނީ އައިޝްވަރިޔާ އާ ރައްޓެހިވެގެން ކަމަށް ހެދިގެން އޭނާއާ މަތިންބައިން ޖެހިގެންނެވެ. ނަމަވެސް އެ ދެ ތަރިންގެ މެދުގައި ހަގީގަތުގައި ވެސް ލޯބީގެ ގުޅުމެއް އޮތް ކަމަށް ގަބޫލުކުރާ މީހުން ވެސް ތިއްބެވެ.

އައިޝްވަރިޔާ އާއި ވިވެކް އެއް ދުވަސްވަރެއްގައި ވަރަށް އެކުވެރިކޮށް އުޅުނެވެ. އެއީ ދެ މީހުން އެކުގައި ކުޅުނު "ކިޔޫން.. ހޯގާޔާ ނާ ޕިޔާރް" ގެ ޝޫޓީން ކުރިޔަށް ދިޔަ ދުވަސްވަރު އެވެ. އެ ދުވަސްވަރު ވިވެކް ވަނީ އައިޝްވަރިޔާގެ ކުރީގެ ލޯބިވެރިޔާ ސަލްމާނާ ދެކޮޅަށް މީޑިއާގައި ވަރަށް ގިނަ ވާހަކަތަކެއް ދައްކާފަ އެވެ. ސަލްމާންގެ ސަޕޯޓަރުން ފިލްމު އިންޑަސްޓްރީގައި ގިނަ ކަމުން ވިވެކް މި ދެއްކި ވާހަކަތަކުގެ ސަބަބުން އޭނާއަށް ލިބުނު ފައިދާ އަށް ވުރެ ގެއްލުން ބޮޑުވެ މީހުން އޭނާއަށް ފިލްމު ދޭން ފަސް ޖެހުނެވެ. މިއީ އޭނާގެ ކެރިއަރަށް ވަރަށް ބޮޑު ގެއްލުމެއް ލިބެން މެދުވެރިވީ ކަމެކެވެ.

ކޮންމެއަކަސް އައިޝްވަރިޔާ މާ ގިނަ ދުވަހު ވިވެކް އާ އޮތް އެކުވެރިކަމެއް ނުބޭއްވި އެވެ. ވަކި ހިސާބަކުން އައިޝްވަރިޔާގެ ހަޔާތަށް އޭނާގެ މިހާރުގެ ފިރިމީހާ އަބީޝެކް ބައްޗަން އައުމުން ވިވެކް އާ އޮތް ގުޅުން އައިޝްވަރިޔާ މުޅީން ކަނޑާލި އެވެ.

މިކަމުގެ ސަބަބުން ވިވެކްގެ ހިތް ހަލާކުވި އެވެ. އޭނާ ވަރަށް ފަހުން ދިން އިންޓަވިއު އެއްގައި އެ ދުވަސްވަރު ކަންތައްތައް ހިނގި ގޮތުގެ ވާހަކަތައް ކިޔައިދީފަ އެވެ. އަދި ވަކި މީސް މީހުންގެ ނަން ނުބުނެ އޭނާއަށް ލޯބީގައި ލިބުނު ކެހީގެ ސަބަބުން އެއްވެސް މީހަކާ އެކު މާ ގިނަ ދުވަހު ރައްޓެހިވެގެން އުޅެން ބޭނުން ނުވެ އެތައް ބައިވަރު މީހުންނަކާ ކުޑަ ދުވަސްކޮޅެއް ތެރޭ ރައްޓެހިވީ ކަމަށް ބުންޏެވެ.

އަދި ލޯބީގައި ކުރެވުނު ހިތި ތަޖުރިބާތަކުގެ ސަބަބުން ވަރަށް ބޮޑަށް މާޔޫސްވެ ހަދާނެގޮތް ހުސްވި ކަމަށް ވެސް ވިވެކް ބުންޏެވެ.

"އަހަރެން އޭރު ބޭނުންވީ ފަހަރަކު ކުއްޖަކާ ރައްޓެހިވަމުން ގެންދަން. ނަމަވެސް އެގޮތަށް ގިނަ ކުދިންނާ ރައްޓެހިވީ ވަރަކަށް އަހަރެންގެ އެކަނިވެރިކަން ހައްތަހާ ވީ ބޮޑު،" ވިވެކް ބުންޏެވެ.

އެތައް ދުވަހަކު މި ހިތްދަތިކަމުގައި އުޅުމަށްފަހު ވިވެކް ފަހުން ވަނީ އާއިލާއިން ހަމަޖެއްސި ޕްރިޔަންކާ އަލްވާ އާ ކައިވެނިކޮށްފަ އެވެ. ޕްރިޔަންކާ އާއި ވިވެކް އަށް މިހާރު ދެ ދަރިން ވެސް ލިބިފައި ވެއެވެ. ނަމަވެސް ކެރިއަރުގެ ފެށުނުތާ އެ ވެއްޓުނު ވަޅުގަނޑުން ވިވެކް އަށް މިހާތަނަށް ވެސް އަރައެއް ނުގަނެވެ އެވެ.