ސޯޝަލް މީޑިއާގެ މި ޒަމާނުގައި އެއްވެސް އެކްޓަރަކަށް އާއްމު ތަނެއްގައި ސިއްރަކުން އެއްވެސް ކަމެއް ނުކުރެވޭނެ އެވެ. އެމީހުން އަޅާ ކޮންމެ ފިޔަވަޅެއް ކުރާ ކޮންމެ ހަރަކާތަކަށް ފާރަވެރިވާ އެތައް ކެމެރާތަކެއް ހުންނާތީ އެވެ. ފޭނުންނާއި ފާޑުކިޔާ މީހުން އަބަދުވެސް އެމީހުންގެ ފޭވަރިޓް އެކްޓަރުން އުޅޭ ނޫޅޭ ގޮތް ވަރަށް ގާތުން ބަލަމުން ގެންދާތީ ވެސް މެއެވެ. މިފަދަ މީހުންގެ ކުޑަ ކުޑަ ހަރަކާތެއް ވެސް ވަރަށް ބޮޑު ކަންތައްގަނޑަކަށް ވާން މާގިނައިރު ނުނަގަނީ އެހެންވެ އެވެ.
އެންމެފަހުން މިފަދަ ކަމެއް ދިމާވީ ސަލްމާން ޚާނަށެވެ. ސަލްމާނާއި ވިކީ ކޯޝަލްގެ ބައްދަލުވުމެއްގައި ކަންތައްވީ ގޮތް އޮންލައިންގައި ގިނަ ބައެއްގެ ސަމާލުކަން އައިސްފައިވަނީ މި ބައްދަލުވުމުގެ ވީޑިއޯތަކެއް ދައުރުވުމާ ގުޅިގެންނެވެ.
ވިކީ އަކީ ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ކެޓުރީނާ ކައިފްގެ ފިރިމީހާ އެވެ. އެހެންވެ ވިކީއާ މެދު ސަލްމާން އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
ވީޑިއޯ އިން ފެންނަނީ މިރޭ ބާއްވާ އައިފާ އެވޯޑު ހަފުލާގައި ބައިވެރިވުމަށް ޔޫއޭއީގެ އަބޫ ދާބީއަށް ގޮސް ތިބި ވިކީ އާއި ސަލްމާން އެއް ތަނަކުން ދިމާވުމުން ސަލްމާނާއި ވާހަކަ ދައްކާލަން ވިކީ މަސައްކަތް ކުރާ ތަނެވެ. ނަމަވެސް ސަލްމާނަށް ވިކީ ފެނުނަސް އޭނާއާ ދިމާލަށް ބަލަމުން ކުރިޔަށް ދިޔައިރު، ސަލްމާންގެ ބޮޑީގާޑުން ވިކީ ކޮއްޕާ އެއް ފަރާތަކަށް ޖެއްސި މަންޒަރު ވީޑީއޯގައި ފެނެ އެވެ.
ވިކީ އާއި ސަލްމާން ބައްދަލުވެ ވާހަކަ ދައްކާތަން ބަލާހިތުން ތިބި ފޭނުންނަށް މި މަންޒަރު ވެގެން ދިޔައީ ވަރަށް ހިތަށް އުނދަގޫވީ ކަމަކަށެވެ. ސަލްމާނާއި ވާހަކަ ދައްކާލާނެ ފުރުސަތު ވިކީ އަށް ނުލިބުނުއިރު ސެކިއުރިޓީން އެއްވެސް އިހްތިރާމެއް ނުކޮށް ވިކީ ކޮއްޕާ އެއް ފަރާތްކުރިތަން ފެނުމުން ކެޓުރީނާ އާއި ވިކީގެ ފޭނުން ވަރަށް ރުޅިގަދަވެ ސޯޝަލް މީޑިއާގައި އަޑުގަދަކުރަން ފެށީ އެވެ.
ނަމަވެސް ސަލްމާންގެ ފޭނުން ބުނަނީ މިއީ ކެޓުރީނާ އާއި ވިކީގެ ޕީއާރް ޓީމުން ސަލްމާންގެ އަގު ވައްޓާލަން ފަތުރައިގެން އުޅޭ ވާހަކަތަކެއް ކަމަށެވެ.
ފަހުން ވިކީ ވެސް ވަނީ މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އަދި ވަރަށް ކުޑަކަމެއް މީހުން މާބޮޑު ކަމަކަށް ހަދައިގެން އުޅެނީކަމަށް ވިކީ ބުންޏެވެ.
ވީޑީއޯ ބަލާފައި ސަލްމާނަށް ގިނަ ބަޔަކު ފާޑުކިޔާކަން އެނގިގެން އެކަން މަތިޖަހަން ސަލްމާން ވަނީ މަސައްކަތް ކޮށްފަ އެވެ. އެގޮތުން ރޭ ހަފުލާއަކުން ވިކީއާ ދިމާވުމުން ސަލްމާން އަމިއްލައަށް ގޮސް ވިކީގެ ގައިގައި ބައްދާލައި ސަލާމް ކޮށްލި މަންޒަރު ފެނިފައި ވެއެވެ.