ބޮލީވުޑް

ކުއްލިއަކަށް މާބޮޑަށް ބަލިވެ ދީޕިކާ ހޮސްޕިޓަލުގައި

ދީޕިކާ ޕަދުކޯން އަށް މުމްބައިގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.

ރޭގެ ވަގުތެއްގައި ދީޕިކާ އިމަޖެންސީކޮށް ހޮސްޕިޓަލަށް ގެންދިޔައީ ބުނަން ނޭނގޭ ކަހަލަ އުނދަގޫތަކެއް އިހްސާސްކުރެވިގެން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

ދީޕިކާގެ ހާލަތާ ގުޅޭ ގޮތުން އޭނާގެ ޓީމުން އަދި ބަޔާނެއް ނެރެފައެއް ނުވެ އެވެ. ނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ވަރަށް ގިނަ ޓެސްޓްތައް ހަދައިގެން ވެގެން އުޅޭ ގޮތެއް ބަލަމުންދާކަމަށް ޚަބަރުތައް ބުނެ އެވެ.

ކޮންމެވެސް އުނދަގޫތަކެއްވެ ނޭވާލާން ދަތިވެގެން މިއަހަރުގެ ޖޫން މަހު ވެސް ދީޕިކާ ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފަ އެވެ. އޭރު އޭނާ ހުރީ ޕްރަބާސް އާއެކު ކުޅޭ "ޕްރޮޖެކްޓް ކޭ"ގެ ޝޫޓިންގް އަށް ހައިދަރުއާބާދުގަ އެވެ.

ބޮލީވުޑަށް ނުކުތީއްސުރެ ކަހަލަ ގޮތަކަށް ޑީޕްރެޝަންގެ މައްސަލަތަކެއް ތަހައްމަލުކުރަމުންދާ ކަމަށް ޚުދް ދީޕިކާ ވަނީ މީޑިއާގައި އެއްބަސްވެފަ އެވެ. އަދި ދޭތެރެއަކުން މި މައްސަލަ ގޯސްވެގެން އުޅޭކަމުގެ ޚަބަރުތައް ނޫސްތަކުން ފެނެ އެވެ.

ޑިޕްރެޝަންގެ ބަލިމީހުންނަށް ކަމާ ގުޅޭ އެކަށީގެންވާ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ދީޕިކާ ވަނީ ފައުންޑޭޝަނެއް ވެސް އުފައްދާފަ އެވެ. އަދި މި ފައުންޑޭޝަނުން ގިނަ އަދަދެއްގެ ބަޔަކަށް އެހީވަމުން ދެއެވެ.