ރިތިކް ރޯޝަން އަކީ ބޮލީވުޑްގައި މިހާރު ތިބި އެކްޓަރުންގެ ތެރެއިން އެންމެ ހުނަރުވެރި އަދި އެންމެ މަޝްހޫރު އެއް އެކްޓަރެވެ.
ރިތިކް ބޮލީވުޑަށް ނުކުތީ 2000ގައި ރިލީޒްކުރި "ކަހޯނާ ޕިޔާރް ހޭ" އިންނެވެ. އެ ފިލްމުގައި އޭނާ ނެށި އެއް ލަވަ "އެކް ޕަލް ކާ ޖީނާ" އިން އޭނާ އިސާހިތަކު ބޮޑު މަގުބޫލުކަމެއް ހޯދި އެވެ.
ރިތިކްގެ 22 އަހަރުގެ ފިލްމީ ކެރިއަރުގައި އޭނާގެ ނެށުންތަކާއި އެކްޝަން މަންޒަރުތައް ވަރަށް ޚާއްސަ ގޮތެއްގައި ފާހަގަ ކުރެވެ އެވެ.
ނަމަވެސް ރިތިކް ފިލްމު ކުޅެން ފެށުމުގެ ކުރިން ޑޮކްޓަރުން އޭނާއަށް އިންޒާރެއް ދިނެވެ. އޭނާގެ ސިއްހަތު ގޯސްކަމުން ނެށުމާއި އެކްޝަން މަންޒަރުތައް ނުކުޅެވޭނެ ކަމުގެ އިންޒާރެވެ. މިއީ ބޮލީވުޑް ފިލްމުތަކުގައި ވަރަށް މުހިއްމު ދެބައި ކަމަށް ވާތީ މިދެކަން ނުކޮށް މޮޅު އެކްޓަރަކަށް ނުވެވެ އެވެ. އެހެންކަމުން އޭރު ރިތިކް ހީކުރީ އޭނާއަށް ދުވަހަކުވެސް ދެން ފިލްމު ނުކުޅެވޭނެ ކަމަށެވެ.
ރިތިކް މި ވާހަކަތައް ކިޔައިދީފައިވަނީ އޭނާގެ އެކްޝަން-ތުރިލާ "ވިކްރަމް ވެދާ"ގެ 'އަލްކޮހޮލިއާ' ލަވަ ލޯންޗުކުރުމާ ދިމާކޮށް ދިން އިންޓަވިއު އެއްގަ އެވެ.
ސައިފް އަލީ ޚާނާ އެކު އޭނާ ކުޅޭ "ވިކްރަމް ވެދާ"ގައި ރިތިކް ކުޅެނީ ވެދާ ކިޔައި ގޭންގްސްޓާރެއްގެ ރޯލެވެ. ސައިފް ކުޅެނީ ފުލުސް އޮފިސަރު ވިކްރަމްގެ ބައެވެ.
ރިތިކް ބުނި ގޮތުގައި އެކްޝަން މަންޒަރުތައް ކުޅެ ނަށައި ނޫޅެވޭނެ ކަމަށް ޑޮކްޓަރުން ބުނުމުން ސިއްހަތު ރަނގަޅުކުރަން ގިނަ ގުނަ މަސައްކަތްތަކެއް އޭނާ ކުރި އެވެ. ފިލްމު ކުޅެން ބޭނުންވާލެއް ބޮޑުކަމުންނެވެ.
"އުމުރުން 21 އަހަރުގައި އަހަރެން ވަރަށް ބޮޑަށް ބަލިވި. އޭރު ފުރަތަމަ ފިލްމަށް އަހަރެން ދިޔައީ ތައްޔާރުވަމުން. ޑޮކްޓަރުން ބުނި އަހަންނަށް އެ ފިލްމުގައި ނަށަން ޖެހޭ ލަވަތަކުގައި ނުނެށޭނެ ކަމަށް. އަދި އެ ފިލްމުގައި ކުޅެން ޖެހޭ އެކްޝަން މަންޒަރުތައްވެސް ކުޅޭކަށް ނުވާނެކަމަށް. ޑޮކްޓަރުންގެ އެ ވާހަކައަކީ ފިލްމު ކުޅުމަށް އޮތް ގޮންޖެހުމެއް ކަމަށް ބަލައި އެކަންކަމުން އަރައިގަނެ ސިއްހަތު ރަނގަޅުކުރަން އަހަރެން ހިތްވަރާއެކު މަސައްކަތް ފަށައި ކާމިޔާބު ހޯދީ. އޭގެ ފަހުން 25 ފިލްމު އަހަރެން ކުޅެފިން އަދި ހުރިހާ ފިލްމެއްގައި ހެން ނެށުމާއި އެކްޝަން މަންޒަރުތައް ވެސް ހުންނާނެ،" ރިތިކް ބުންޏެވެ.
"ކަހޯނާ ޕިޔާރް ހޭ" އަކީ ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ޕްރޮޑީއުސްކޮށް ޑައިރެކްޓްކުރި ފިލްމެކެވެ.
މި ފިލްމުން ރިތިކް އާއެކު ބޮލީވުޑަށް ތައާރަފްވީ ބަތަލާ އަކީ އަމީޝާ ޕަޓޭލް އެވެ. މި ފިލްމުން ބެސްޓް އެކްޓަރު އަދި ބެސްޓް މޭލް ޑެބިއުގެ ފިލްމުފެއާ އެވޯޑު ރިތިކް އަށް ލިބުނެވެ.