ބޮލީވުޑް

ރިތިކް އަށް މަލާމާތް ކުރެވުނީތީ ރާޖާމޯލީ މައާފަށް އެދިއްޖެ

ރިތިކް ރޯޝަން އަކީ ސައުތު އިންޑިޔާގެ އެކްޓަރުންގެ ތެރޭގައި ހިމެނޭ ޕްރަބާސް ކަހަލަ ތަރިންގެ ކުރިމަތީގައި އެއްވެސް އެއްޗެއް ނޫންކަމަށް ބުނެ "އާރްއާރްއާރް" އާއި "ބަހޫބަލީ" ފަދަ ރެކޯޑް މުގުރާފައިވާ ފިލްމުތަކުގެ ޑައިރެކްޓަރު އެސްއެސް ރާޖާމޯލީ ތަންކޮޅެއް ކުރިން ދައްކާފައިވާ ވާހަކަތަކެއްގެ ވީޑިއޯ ކްލިޕެއް އަލުން އިންޓަނެޓުގައި ދައުރުވާން ފަށައިފި އެވެ. އަދި މި ވީޑީއޯ ކްލިޕަށް މީހުންގެ ފާޑުކިޔުން އަމާޒުވާން ފެށުމުން ރާޖާމޯލީ ވަނީ މައާފަށް އެދިފަ އެވެ.

މި ވީޑީއޯގައި ދައްކަނީ 2009ގައި ރާޖާމޯލީ ދެއްކި ވާހަކަ ތަކެކެވެ. އެއީ ޕްރަބާސްގެ ފިލްމެއް ކަމަށްވާ "ބިއްލާ"ގެ އޯޑިއޯ ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި އޭނާ ދެއްކި ވާހަކަ އެކެވެ.

ރާޖާމޯލީ ބުނީ އެ ދުވަހު އޭނާއަށް ވާހަކަ ދެކެވުނު ގޮތް ރަނގަޅުނޫންކަމަށް މިހާރު ގަބޫލުކުރާ ކަމަށެވެ. އަދި ރިތިކް އަށް އޭނާ ވަރަށް ގަދަރާއި އިހްތިރާމް ކުރާ ކަމަށެވެ.

ރާޖާމޯލީ އިތުރަށް ބުނީ އެ ވީޑީއޯއަކީ ވަރަށް ކުރީގެ އެއްޗެކެވެ. ގާތްގަނޑަކަށް މީގެ 15-16 ވަރަކަށް އަހަރު ކުރީގެ އެއްޗެއްކަމަށް އޭނާ ލަފާ ކުރިއެވެ. އެ ދުވަހު އޭނާއަށް ދެއްކުނު ވާހަކަތަކަކީ ދައްކައިގެން ވާނެ ވާހަކަތަކެއް ނޫންކަމަށާއި އެއީ ކޮންމެހެން މީހަކު ދަށްކޮށްލުމުގެ މަގްސަދުގައި ދެއްކި ވާހަކައެއް ނޫންކަމަށް ވެސް ރާޖާމޯލީ ބުންޏެވެ.

ރާޖާމޯލީ އަށް މި ދުވަސްވަރަކީ ވަރަށް އުފާވެރި ދުވަސްތަކެކެވެ. މުޅި ދުނިޔޭގައި އޭނާ އާއި އޭނާގެ ފިލްމު "އާރްއާރްއާރް"ގެ މަގްބޫލުކަން އިންތިހާއަށް ގޮސްފައިވާތީ އެވެ. ދާދިފަހުން މި ފިލްމަށް މިއުޒިކް ޑައިރެކްޓަރު އެމްއެމް ކީރާވަނީ ތައްޔާރުކޮށްދިން ލަވައެއް ކަމަށްވާ "ނާޓޫ ނާޓޫ" އަށް ގޯލްޑަން ގްލޯބް އެވޯޑްސް ލިބިފައި ވެއެވެ.