ބޮލީވުޑް

ފޭނުންގެ އިލްތިމާސް ރިތިކްގެ ލޯބިވެރިޔާ ސަބާ އާޒާދަށް

ރިތިކް ރޯޝަން އާއި ލޯބިވެރިޔާ ސަބާ އާޒާދަކީ މިހާރު ފޭނުންގެ މެދުގައި އެންމެ މަގްބޫލު ޖޯޑެވެ. ދާދިފަހުން މި ދެ ލޯބިވެރިން އެކުގައި ފިލްމީ ފަންނާނެއްގެ ކައިވެނި ޕާޓީއަށް ގޮސް ނަގާފައިވާ ފޮޓޯތަކެއް އިންޓަނެޓުގައި ދައުރުވުމުން ފޭނުން ވަނީ ސަބާ އަށް ވަރަށް ރަނގަޅު މަޝްވަރާ އެއް ދީފަ އެވެ.

އެމީހުން އެދެނީ ސަބާ ވީހާވެސް އަވަހަކަށް ރިތިކްއާ ކައިވެނިކުރަން އޭނާގެ ނަން "މިސިޒް ރޯޝަން" އަށް ބަދަލު ކުރުމަށެވެ.

ސަބާ އަކީ ބަތަލާ އެކެވެ. އަދި ޕޮޕް ބޭންޑެއްގެ ލަވަކިޔުންތެރިއެކެވެ. ރިތިކް އާއި ސަބާ ރައްޓެހިވުމަށްފަހު މީޑިއާ އާއި ފޭނުންނަށް ފިލަން ނޫޅެ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެކުގައި އުޅޭތަން ފެނިފައި ވެއެވެ.

މި ދެ އެކްޓަރުން އެމީހުންގެ ލޯބި ފުރަތަމަ ފަހަރަށް ހާމަކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އޭގެ ފަހުން ރިތިކްގެ އާއިލާއިން ބޭއްވި މެންދުރު ކެއުމެއްގައި ސަބާ ބައިވެރިވެފައި ވެއެވެ. އަދި ސަބާގެ "ރޮކެޓް ބޯއީޒް 2"ގެ ސްޕެޝަލް ސްކްރީނިންގައި ރިތިކް ބައިވެރިވި އެވެ.

ސަބާ މިހާތަނަށް ކައިވެންޏެއް ކޮށްފައެއް ނުވެ އެވެ. ރިތިކް ވަނީ ސުޒާން ޚާންއާ 2000 ވަނަ އަހަރު ކައިވެނިކޮށްފަ އެވެ. މި ކައިވެންޏަށް 14 އަހަރު ފަހުން 2014ގައި ދެ މީހުން ވަކިވިއިރު ދެ ފިރިހެން ދަރިން ލިބިފައި ވެއެވެ. އެތަނުން ދޮށީ ދަރިފުޅު ރީހާން އަށް 17 އަހަރު ފުރިފައިވާއިރު ހަގު ދަރިފުޅު ރިދާން އަށް މިހާރު 15 އަހަރެވެ.

ރިތިކްގެ ދަރިންނާއި މައިންބަފައިން އަދި އާއިލާގެ އެންމެންނަށް ވެސް ސަބާ ވަރަށް ކަމުދެ އެވެ. އެމީހުންނާއި ސަބާގެ މެދުގައި ވަރަށް ރަނގަޅު ގުޅުމެއް އޮވެ އެވެ. އަދި ރިތިކްގެ ކުރީގެ އަންހެނުން ސުޒާންއާ ވެސް ސަބާއާ ވަރަށް ގާތް ގުޅުމެއް އޮވެ އެވެ.