ބޮލީވުޑް

ސަބާއަށް ރިތިކް އުފަން ދުވަހުގެ ތަހުނިޔާކީ ލޯބީގެ ޅެމަކުން

ރިތިކް ރޯޝަންގެ މިހާރުގެ ލޯބިވެރިޔާ ސަބާ އާޒާދުގެ އުފަން ދުވަސް އިއްޔެ ފާހަގަކޮށްފައިވެ އެވެ. އުފަން ދުވަހުގެ ތަހުނިޔާ ރިތިކް އޭނާގެ ލޯބިވެރިޔާ އަށް ކިޔާފައިވަނީ އޭނާއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ވަރަށް ރީތި ލޯބީގެ ޅެމަކުންނެވެ.

ސޯޝަލް މީޑީއާގައި ސަބާ އަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔަމުން ރިތިކް ވަނީ މި ޅެން ޕޯސްޓްކޮށްފަ އެވެ. މި ޅެމުގެ އިބާރާތްތަކުން ރިތިކްގެ ހިތުގައި ސަބާއަށް އޮތް ލޯބި ހާމަވެ އެވެ.

ރިތިކްގެ އުފަން ދުވަހުގެ މި ހާއްސަ ތަހުނިޔާއަށް ޝުކުރު އަދާކޮށް ސަބާ ވެސް ކޮމެންޓްކޮށްފައި އެވެ. އަދި ރިތިކްގެ ދެބެންގެ ދެދަރި ޕަޝްމީނާ ރޯޝަން އާއި ފިލްމު ޑައިރެކްޓަރު ޒޯޔާ އަޚްތަރު ވެސް މި ޕޯސްޓަށް ކޮމެންޓުކޮށް ސަބާ އަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔާފައި ވެއެވެ.

ސަބާ އަކީ ކުޅަދާނަ އެކްޓަރެއްގެ އިތުރުން މޮޅު ލަވަކިޔުންތެރިއެކެވެ. އަމިއްލަ ބޭންޑެއްގައި ސަބާ ޕާފޯމްކުރާއިރު ލަވަކިޔާލެއް ރިތިކް އަށް ވަރަށް ކަމުދާ ކަމަށް ވެއެވެ. އަދި ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް ސަބާ ވަނީ ބަތަލާގެ ރޯލު ކުޅެފަ އެވެ. މީގެތެރޭގައި "ޝާންދާރް"، "ޑިޓެކްޓިވް ބިޔޯމްކޭޝް ބަކްޝީލް" އަދި "ކާރްވާން" ހިމެނެ އެވެ.

ސަބާ އާއި ރިތިކްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އެމީހުން ޝެއާ ކުރަމުންދާ މެސެޖުތަކަށް ބަލާއިރު ދެ މީހުން ވެސް ތިބީ އެކަކު އަނެކަކާ ހެދި މޮޔަވާ ވަރަށް ލޯބި ވެފައިކަމަށް ބެލެވެ އެވެ. ނަމަވެސް ސަބާ އާއި ރިތިކްގެ ގުޅުމަށް އެމީހުންގެ ފޭނުން އެހާ ހިތްހަމައެއް ނުޖެހެ އެވެ. އެމީހުން ޝެއާކުރާ ޕޯސްޓްތަކަށް މީހުން ކޮށްފައި ހުންނަ ކޮމެންޓްތަކުން އެކަން ސާބިތުވެ އެވެ.

ފޭނުންގެ އެންމެ ބޮޑު ހިތްހަމަނުޖެހުމެއް އޮންނަނީ ދެ މީހުންގެ އުމުރުގެ ތަފާތު ބޮޑުކަމުންނެވެ.