ރިތިކް ރޯޝަން

ޑިޕްރެޝަންގެ މައްސަލަތައް ދިމާވެ މަރުނުވީ ކިރިޔާ: ރިތިކް

އެމީހުންނަށް ކުރިމަތިވީ ނަފްސާނީ މައްސަލަތަކުގެ ވާހަކަ ދައްކަން ބައެއް މީހުން ވަރަށް ޖެހިލުން ވެއެވެ. ނަމަވެސް ބޮލީވުޑް ބައެއް އެކްޓަރުން މިހާރު އެ ފަދަ މައްސަލަތަކުގެ ވާހަކަ ވަރަށް ފާޅުގައި ދައްކަ އެވެ.

ފިލްމީ ތަރިންނަށް މި ހިތްވަރު ލިބުނީ ދީޕިކާ ޕަދުކޯންގެ ފަރާތުންނެވެ. ފުރަތަމަ މި ވާހަކަ ސޯޝަލް މީޑިއާގައި ހާމަކުރީ ދީޕިކާ އެވެ. އޭނާއަށް ކުރިމަތިވި ޑިޕްރެޝަންގެ މައްސަލަތަކެއްގެ ސަބަބުން ތަހައްމަލުކުރި ވޭނީ ދުވަސްތައް ދީޕިކާ ކިޔައިދިނީ ވަރަށް އަސަރާ އެކުގަ އެވެ. އަދި މިފަދަ މީހުންނަށް އެހީވާނެ އޭނާ މިހާރު ވަނީ ފައުންޑޭޝަނެއް ވެސް އުފައްދާފަ އެވެ.

ރިތިކް ރޯޝަން ވެސް ދާދިފަހުން ވަނީ ޑިޕްރެޝަންގެ ޝިކާރައަކަށްވެ ފުރާނައަށް ނުރައްކާވާވަރު ވީ ކަމަށް އެއްބަސް ވެފަ އެވެ. ރިތިކް ބުނި ގޮތުގައި އޭނާއަށް ނަފްސާނީ އުނދަގޫތައް އެންމެ ބޮޑުވީ އެކްޝަން ފިލްމެއް ކަމަށްވާ "ވޯ" ކުޅުނު ދުވަސްވަރު އެވެ.

ފިޓްނަސް ޓްރެއިނާއެއް ކަމަށްވާ ކްރިސް ގެތިންގެ ޕޮޑްކާސްޓަށް ދިން އިންޓަވިއު އެއްގައި ރިތިކް ބުނީ "ވޯ"ގެ ޝޫޓިންގް ނިމި ފިލްމު ރިލީޒްކުރިއިރު އޭނާ ހުރީ ޑިޕްރެޝަންގެ ފުން އަނދިރި ވަޅުގަނޑެއްގައި ހަދާނެގޮތް ހުސްވެފައި ކަމަށެވެ. އަދި އޭނާ ދެން މި މަރުވަނީ ކަމަށް ހިތަށް އެރި އިރު ވެސް ދިޔަ ކަމަށް ރިތިކް ބުންޏެވެ. އަދި ފިލްމަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުނުވެވޭ ކަމުގެ ހިތްހަމަނުޖެހުން ވެސް އޭނާއަށް އޮތް ކަމަށް ވެސް ރިތިކް ބުންޏެވެ.

ރިތިކްގެ މި ވާހަކަތައް އަޑުއަހާފައި އެންމެންނަށް ވެސް ބޮޑު ޝޮކެއް ލިބިފައި ވެއެވެ.

ރިތިކް ބުނި ގޮތުގައި "ވޯ"ގެ ޝޫޓީންގް ފެށުމުން އޭނާއަށް މި މައްސަލަ ދިމާވީ އެއީ ވަރަށް ބުރަ އަދި ގޮންޖެހުން ބޮޑު ފިލްމަކަށް ވެފައި އެ ފިލްމަށް އޭނާއަށް ރަނގަޅަށް ތައްޔާރު ނުވެވޭކަމުގެ އިހްސާސްތައް ކުރެވިގެންނެވެ. އޭނާ ބޭނުންވީ ވަރަށް ފުރިހަމައަށް ފިލްމުގެ މަސައްކަތް ކުރަން ނަމަވެސް އެފަދަ ގޮތަކަށް ކަންކަން ކުރަން އޭނާގެ ހަށިގަނޑާއި ނަފްސު ތައްޔާރު ނުކުރެވުނީމަ އެވެ. އެހެންވެ ހަށިގަނޑު ލޮޑުވެ، ވަރުބަލިވެ އެއްވެސް ތަމްރީނެއް ހަދަން ވެސް އޭނާ ނުކުޅެދުނެވެ. އަދި އެއްވެސް ކަމެއް ރަނގަޅަށް ނުދާކަމުގެ އިހްސާސްތަކާއެކު ޑިޕްރެޝަންގެ މައްސަލަތައް ގޯހުން ގޯހަށް ދިޔަ އެވެ.

ޑިޕްރެޝަންގެ ވަޅުގަނޑުން އޭނާއަށް އަރައި ހަމައަކަށް އެޅުވުނީ އަމިއްލަ ނަފްސަށް އެކަން ވިސްނިގެން އެކަމުން ސަލާމަތްވާން ކުރި މަސައްކަތުން ކަމަށް ވެސް ރިތިކް ބުންޏެވެ.

ނަސީބަކުން "ވޯ" ވެގެން ދިޔައީ 2019ގައި ރިލީޒްކުރި އެންމެ ބޮޑު ފައިދާއެއް ލިބުނު ފިލްމަށެވެ. މި ފިލްމަށް 475 ކްރޯޑު ރުޕީސް ލިބުނެވެ. ފިލްމުގެ ބޮޑު ކާމިޔާބަކީ ވެސް ރިތިކްގެ ނަފްސާނީ މައްސަލަތަކުން ސަލާމަތްވާން އޭނާއަށް ހުޅުވުނު ދޮރަކަށް ވިއެވެ.

ރިތިކް މިހާރު މަސައްކަތް ކުރަނީ ދީޕިކާ އާއެކު ކުޅޭ "ފައިޓާ" ގައެވެ.