ބޮލީވުޑް

"ވޯ" ޑައިރެކްޓަރުގެ "ފައިޓާ"ގައި ރިތިކާއި ދީޕިކާ

ދީޕިކާ ޕަދުކޯން އާއި ރިތިކް ރޯޝަން ކުރަން އުޅޭ ކަމަކީ އެކުގައި ފިލްމެއް ކުޅުންކަން ޔަގީންވެއްޖެ އެވެ. ދެ މީހުން އެކުގައި ކަމެއް ކުރަން އުޅޭކަމުގެ އިޝާރާތެއް ދީޕިކާ މީގެ ދެ ތިން ދުވަހެއް ކުރިން ދިނުމުން ގިނަ ބަޔަކު މިއީ ކޮން ކަމެއްތޯ ސުވާލު ކުރަމުން ދިޔަ އެވެ.

ޖެނުއަރީ 10 ގައި ފާހަގަކުރި ރިތިކްގެ 47 ވަނަ އުފަން ދުވަހާ ގުޅުވައިގެން އޭނާ ވަނީ ދީޕިކާ އާ އެކު ކުޅޭ މި ފިލްމު "ފައިޓާ"ގެ ޓީޒާއެއް އޭނާގެ ފޭނުންނަށް ހަދިޔާ ކޮށްފަ އެވެ. މިއީ ރިތިކް އެންމެ ފަހުން ޓައިގާ ޝްރޮފް އާއެކު ކުޅުނު ފިލްމު "ވޯ"ގެ ޑައިރެކްޓަރު ސިދާރްތު އާނަންދުގެ ފިލްމެކެވެ.

ޓުވިޓާގައި މި ޓީޒާގެ ވީޑިއޯ ޝެއާ ކުރަމުން ރިތިކް ވަނީ މި ފިލްމަކީ ވަރަށް ވަރުގަދަ ފިލްމެއް ވާނެކަމުގެ ޔަގީންކަން ވެސް ދީފަ އެވެ. އަދި ފިލްމުގެ ބަތަލާއަކީ ދީޕިކާ ކަމާއި ޑައިރެކްޓަރަކީ ސިދާރްތު ކަން ވެސް އޭނާ ވަނީ އިއުލާން ކޮށްފަ އެވެ.

ރިތިކްގެ ޓުވީޓަށް ދީޕިކާ ވަގުތުން ޖަވާބު ދީފައި ވެއެވެ. މިއީ ވަރަށް ގިނަ ދުވަހުއްސުރެ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް ދީޕިކާ ބުނެފައި ވެއެވެ.

މި ޓީޒާއިން ހާމަވާ ގޮތުގައި މިއީ ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭނެ ވަތަނީ ފިލްމެކެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން ފިލްމު ރިލީޒްކުރާނީ 2022ގެ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

މި ފިލްމާ ބެހޭ ގޮތުން އިންޑީޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޑައިރެކްޓަރު ބުނީ ރިތިކް އާއި ދީޕިކާ އަކީ އޭނާގެ އެންމެ ފޭވަރިޓް ދެ އެކްޓަރުންނެވެ. އަދި މި ދެ އެކްޓަރުން އޭނާގެ ފިލްމުގައި މަސައްކަތްކުރަން އެއްބަސްވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ މާފްލިކްސް އިންނެވެ. މިއީ އެކްޝަން ފިލްމުތައް އުފެއްދުމުގައި މަޝްހޫރު ކުންފުންޏެކެވެ.

ރިތިކް އާއި ދީޕިކާ އެކުގައި ފިލްމެއް ކުޅެން ބޭނުން ވެގެން އުޅޭތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ރިތިކްގެ ވަރަށް ގިނަ ވީޑިއޯތަކަށް ދީޕިކާ އަބަދުވެސް ކޮމެންޓުކޮށް ތައުރީފު ކުރެ އެވެ. އަދި ރަންވީރު އާއި އޭނާ ރިތިކް އަށް ވަރަށް ސަޕޯޓްކުރާ ކަމަށް ދީޕިކާ އަބަދުވެސް ބުނެ އެވެ. އެހެންކަމުން މި ފިލްމު ވެގެން ދާނީ ފިލްމުގެ ހުރިހާ ބައިވެރިންނަށް ވެސް ވަރަށް ތާރީޚީ ފިލްމަކަށެވެ.