ދީޕިކާ ޕަދުކޯންގެ ކުޑައިރުގެ އެކުވެރިޔާ ހިތޭޝާ މެހެތާ ދާދި ފަހުން ސޯޝަލް މިޑިއާގައި ޝެއާކުރި ވީޑިއޯއެއްގައި އޭނާގެ އެކުވެރިޔާގެ ވަރަށް ގިނަ ވާހަކަތައް ޝެއާކޮށްފައި ވެއެވެ. މިއީ ދީޕިކާ އާއި އޭނާގެ މެދުގައި ބޭއްވި "ބޭކް-އޯފް" ކިޔާ ފްރެންޑްލީ ކޮމްޕެޓިޝަނެއްގައި ޝެއާ ކުރި ވީޑިއޯ އެކެވެ. ދީޕިކާ ވެސް މިފަދަ ވީޑިއޯއެއް ޝެއާކޮށް އެކުވެރިޔާ ހިތޭޝާ އާ ގުޅޭ މައުލޫމާތުތައް ހިއްސާ ކޮށްފައި ވެއެވެ.
ހިތޭޝާ ޝެއާކުރި ވީޑީއޯގައި އޭނާ ބުނެފައިވާ ގޮތުގައި ކައިވެނީގެ ކުރިން ދީޕިކާ އާއްމު ގޮތެއްގައި ދުވާލަކު ދެ ފަހަރު އެއްޗެތި ދޮންނާނެ އެވެ. އެއީ ހިތްހަމަޖައްސަން ދީޕިކާ ކުރާ ކަމެއް ކަމަށް އެކުވެރިޔާ ބުނެފައި ވެއެވެ. ހިތޭޝާ ބުނި ގޮތުގައި އެހެން މީހުންގެ އަންނައުނު ވެސް ދޮވެދެ އެވެ. ކޮންމެ ދުވަހަކު ދެ އިރު އެއްޗެތި ނުދޮނުވިއްޔާ ދީޕިކާއަށް ހިތްހަމަޖެހުމެއް ނުލިބޭކަމަށް ވެސް ހިތޭޝާ ބުންޏެވެ.
"ކައިވެނި ނުކުރާއިރު ދީޕިކާ ގަދަކަމުން ވެސް މީހުންގެ އަންނައުނު އަތުލައިގެން މެޝިނަށް އަޅާނެ. އެއީ ކޮންމެ ދުވަހަކު އެއްޗެތި ދޮންނާނެ ފުރުސަތު އޭނާއަށް ނުލިބޭތީ ކުރާ ކަމެއް،" ހިތޭޝާ ބުންޏެވެ.
ހަތަރު ވަނަ ގްރޭޑުން ފެށިގެން ހިތޭޝާ އާއި ދީޕިކާ އަކީ ބެސްޓް ފްރެންޑުންނެވެ. ހިތޭޝާއާ ބެހޭ ގޮތުން ދީޕިކާ ވާހަކަ ދައްކާފައިވާ ވީޑިއޯގައި އޭނާ ބުނެފައިވަނީ ހިތޭޝާއަކީ ކިޔެވުމަށް ވަރަށް މޮޅު ދަރިވަރެއް ކަމަށެވެ. ސްކޫލްގައި ކިޔެވިއިރު އަބަދުވެސް ހިތޭޝާ އެއްވަނަ ހޯދާ ކަމަށާއި ކިޔެވުމުގެ އިތުރުން އެހެނިހެން ހަރަކާތްތަކުން ވެސް އަބަދުވެސް ހިތޭޝާ އެއްވަނައަށް ދާކަމަށް ދީޕިކާ ބުންޏެވެ.
ތަންކޮޅެއް ކުރިން ފެމިނާއަށް ދިން އިންޓަވިއު އެއްގައި ދީޕިކާ ބުނެފައިވާ ގޮތުގައި އޭނާގެ އޮފީހާއި ގޭގެ ހުރިހާ ކަމެއް ކުރަނީ އޭނާ އަމިއްލައަށެވެ. އޭނާ ބުނި ކަމެއް ބުނި ގޮތަކަށް ކުރަން އެތައް ބައިވަރު މުވައްޒަފުންނެއް ތިބޭ އިރު ވެސް ދީޕިކާގެ އަމިއްލަ ކަންތައްތައް އޭނާ އަމިއްލައަށް ކުރާ ކަމަށާއި މިއީ ފިރިމީހާ ރަންވީރު ސިންގް އަށް ވެސް ނުވިސްނުނު ކަމެއް ކަމަށް ދީޕިކާ ބުންޏެވެ.
"ގޭގައި ކުރާ ހުރިހާ ކަމެއް ކުރަނީ އަހަރެން އަމިއްލައަށް. ރަންވީރު އަހާނެ ކީއްކުރަންހޭ ތި ކަންތައް އަމިއްލައަށް ތި ކުރަނީ. އަހަރެންނަށް އެނޫން ގޮތެއް ދަސްވެފައި ނެތީމައޭ އަހަރެންނަށް ބުނަން ޖެހެނީ،" ދީޕިކާ ބުންޏެވެ.
ދީޕިކާ ބުނި ގޮތުގައި އޭނާގެ ކޮންމެ ދުވަހެއް ވެސް ހޭދަ ވަނީ އެހެން މީހުންނެކޭ ވެސް ދާދި އެއްގޮތަށެވެ. ތަރުކާރީ އާއި ތަކެތި އޯޑަރު ކޮށްގެން ގެނައުމާއި ތަންތަނަށް ދާން ޕެކް ކޮށް އަންޕެކް ކުރުން ފަދަ ކަންކަން ވެސް ކުރަނީ އަމިއްލައަށެވެ.
ފިލްމީ ރޮނގުން ބަލާއިރު ދީޕިކާގެ އެންމެ އަވަހަށް ރިލީޒްވާން ހަމަޖެހިފައިވާ ފިލްމަކީ ރަންވީރު އާއެކު ކުޅެފައިވާ ސްޕޯޓްސް ޑްރާމާ "83" އެވެ.