ރަންވީރު ސިންގް

ކައިވެންޏަށް ދީޕިކާ އެއްބަސްކުރުވީ ބުރަ މަސައްކަތުން: ރަންވީރު

ބޮލީވުޑްގައި ހަރަކާތްތެރިވާ އެކްޓަރުންގެ ތެރެއިން ކުރާ ކޮންމެ ސުވާލަކަށް ޖެހިލުމެއް ނެތި ޖަވާބު ދޭ އެކްޓަރުންގެ ތެރޭގައި ރަންވީރު ސިންގް ފާހަގަ ކޮށްލެވެ އެވެ. އޭނާއާ ކުރާ ކޮންމެ ސުވާލަކަށް ވެސް ވަރަށް ތެދުވެރި ކަމާއެކު ޖަވާބު ދެއެވެ.

ދާދިފަހުން ރަންވީރު ވަނީ ފުޓުބޯޅަ ކުޅުންތެރިޔާ ސުނިލް ޗެތުރީއާއެކު ލައިވް ޗެޓް އެއް ބާއްވައި ސުނިލްކުރި ސުވާލުތަކަށް ޖަވާބު ދީފަ އެވެ.

އޭނާގެ ހަޔާތުގައި އަންހެނުން ދީޕިކާ ޕަދުކޯންގެ ރޯލަކީ ކޮބައިތޯ ސުނިލް ސުވާލު ކުރުމުން ރަންވީރު ބުނީ ދީޕިކާއަކީ އިންޑަސްޓްރީގައި އޭނާއަށް މަގުދައްކައިދޭ ގައިޑް ކަމަށެވެ. އަދި ކެރިއަރު ހަމަޔަކަށް އެޅި އޮމާން ކަމާއެކު ކުރިއަރަމުން ދިއުމުގެ ހުރިހާ ވެސް ކްރެޑިޓެއް ރަންވީރު ދެނީ ދީޕިކާ އަށެވެ.

"އަހަރެން ފިލްމު ކުޅެން ފެށިއިރު އަހަންނަކަށް އެއްގޮތަކަށް ވެސް ނޭނގެ އިންޑަސްޓްރީގައި ކަންތައްތައް ވަމުންދާ ގޮތެއް. އެ ރޮނގުން ދީޕިކާ އުޅެނީ މާ ކުރީގަ. އޭނާއަށް މާ ބޮޑަށް އެކަމުގެ ތަޖުރިބާ ހުރީ ލިބިފަ. ސަބަބަކީ ކެރިއަރުގެ އަޑިގަނޑުތަކާއި އުސްގަނޑުތަކާ ގުޅޭ ތަޖުރިބާތައް ދީޕިކާ އަށް މާ ގިނައިން ކުރެވިފައި ހުރީމަ. އެހެންވެ ދީޕިކާ ވެގެން ދިޔައީ އަހަރެންނަށް މަގު ދައްކައި ދިނުމުގެ އިތުރުން އަހަރެންގެ ކެރިއަރުގެ އެންމެ ވަރުގަދަ ތަނބަށް. އަހަރެން މަގުން ކައްސާ ނުލާ ކުރިޔަށް ގެންގޮސްދިނީ އޭނާ،" އަންހެނުން ދީޕިކާ އަށް ތައުރީފު ކުރަމުން ރަންވީރު ބުންޏެވެ.

ކެރިއަރުގައި ލިބިފައިވާ ހުރިހާ ކުރިއެރުމަކާއި ކާމިޔާބެއްގެ ޝުކުރު ރަންވީރު އަދާކުރަނީ ވެސް ދީޕިކާ އަށެވެ. ދީޕިކާ އާ ނުލާ މި ހިސާބަށް އޭނާއަށް ނާދެވޭނެ ކަމަށް ރަންވީރު ގަބޫލު ކުރެ އެވެ.

"އަހަރެންނާ ދީޕިކާ އާ ބައްދަލުވީ ފިލްމު ކުޅެން ފެށިތާ ތިން ވަނަ އަހަރު. އޭރުއްސުރެ އަހަރެން މިއުޅެނީ އޭނާއާ އެކުގައި. ސެލެބްރިޓީ އަކަށް ވީމަ ނުވަތަ ފިލްމީ ތަރިއަކަށް ވީމަ އުފުލަން ޖެހޭ ޕްރެޝަރާ ކުރިމަތި ލިބުމުގެ ގާބިލްކަން ލިބުނީ ދީޕިކާ އަހަރެންގެ ހަޔާތަށް އައުމުގެ ސަބަބުން. ނޫންނަމަ އަހަރެން މިސްރާބު އޮޅިގެން ދިޔައިސް،" ރަންވީރު ބުންޏެވެ.

ސުނިލް ދެން ރަންވީރު އާ ކުރި ސުވާލަކީ ދީޕިކާގެ ހިތް އަތުލީ ކިހިނެއްތޯ އެވެ؟ ޖަވާބުގައި ރަންވީރު ބުނީ ދީޕިކާ އާ ބައްދަލުވާ ކޮންމެ ފަހަރަކު އޭނާގެ ފޭވަރިޓް މާ ކަމަށްވާ ލިލީ މަލުގެ މާ ބޮނޑިއެއް ހަދިޔާ ކޮށްގެން ކަމަށެވެ. އަދި ދީޕިކާ އާ ރައްޓެހިވީތާ ހައެއްކަ މަސް ތެރޭގައި ކައިވެނި ކުރަން ބޭނުމީ އޭނާއާ ކަން މުޅިން ޔަގީންވި ކަމަށް ވެސް "ގަލީ ބޯއީ" އެކްޓަރު ބުންޏެވެ.

"ތެދު ތެދަށް ބުނަންޏާ ބުނެވޭނީ އަހަރެންނާ ކައިވެނި ކުރަން ދީޕިކާ އެއްބަސް ކުރުވަން އަހަންނަށް ވަރަށް ގިނަ ގުނަ މަސައްކަތް ކުރަން ޖެހުނު. އަހަންނަށް އެނގޭ އޭނާއަކީ އަހަންނަށް ވުރެ މާ ކުރީ ސަފުގައި އުޅޭ މީހެއްކަން. އެހެންވެ އެހާ ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނީ،" ރަންވީރު ބުންޏެވެ.